ވިޔަފާރި

ވަގުތީގޮތުން މަސްގަތުމަށް އިތުރު ބޯޓެއް ގެންނަނީ


ވަގުތީގޮތުން މަސްގަތުމަށް ބޭރުގެ ބޯޓެއް ހޯދުމުގެ މަސައްކަތް މިފްކޯއިން ކުރަމުންދާކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

ފިޝަރީޒް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން މިހެން ވިދާޅުވީ ދެކުނަށް މަސްކިރާ ގޮތް ބަލާ މަސްވެރިންގެ އަޑު އެހުމަށް ކުއްޑޫއަށް ކުރެއްވި ދަތުރުފުޅަށްފަހުއެވެ.

މިރޯދަމަސް ފެށުނީއްސުރެ ދެކުނުގެ މަސްވެރިކަން ވަނީ އާދަޔާ ހިލާފަށް ރަނގަޅުވެފައިވާއިރު މިނިސްޓަރ ހުސައިން ވިދާޅުވީ، މިފްކޯގެ ފުލް ކެޕޭސިޓީގައި އެ ކުންފުނިން މަސްވެރިންގެ އަތުން މަސްގަންނަމުންދާކަމަށެވެ. އެގޮތުން މާންދޫއިން 120 ޓަނު، ކޫއްޑޫ އިން 240 ޓަނު، ޖަޒީރާ 102 އިން 120 ޓަނު، މަހާކަލަމިންޖާއަށް 75 ޓަނު، ހުޅުމީދޫއިން 60 ޓަނުގެ ފުރީޒިންގ ކެޕޭސިޓީގައި ޖުމުލަ 615 މެޓްރިކް ޓަނު ބޭނުންކޮށްގެން މަސްގަނެވޭނެ އެންމެ ގިނަ އަދަދަށް އެތަން ތަނަށް މަސްގަންނަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، މަސްވެރިން ކިރަން ގެންނަ މަހުގެ މިންވަރު، 24 ގަޑިއިރު ތެރޭގައި މަސް ގަނެ ފިނިކުރެވޭނެ ކެޕޭސިޓީއަށްވުރެ ބޮޑުތަނުން އިތުރު ވަމުންދާތީ އަދި ކޮންމެ ދޯންޏަކުން މަސްކިރާ ފަހަރަކު މަސްގަންނަ މިންވަރު ލިމިޓު ކުރަންޖެހިފައިވާތީ، މަސްވެރިން މަސްނުކިރި ކިޔޫގައި މަޑުކުރަން ޖެހިފައިވާކަމުގެ ޝަކުވާ މަސްވެރިން އުފުލާފައިވާކަމަށެވެ. އަދި މިކަން މިގޮތަށް އޮތްނަމަވެސް، މާންދުއާއި ކޫއްޑޫއާއި ހުޅުމީދޫއިން ދަނީ ކިޔު ތަރުތީބުން މަސްގަނެ، ދޯނިތައް ހުސްކުރަމުންކަމަށް .

މަސްވެރިން ބާނައިގެން ގެންނަ ހުރިހާ މަހެއް އެއްބުރުން ނުގަނެވޭ މައްސަލަ ދާއިމީކޮށް ހައްލު ކުރެވޭނީ މަސް ފްރީޒުކުރާ ކެޕޭސިޓީ ދެކުނުގައި މިހާރު ހުރިވަރަށްވުރެ އިތުރަށް ގާއިމުކޮށްގެންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ވަގުތީގޮތުން މިކަން ހައްލުކުރުމަށް މަސްގަނެ ފުރީޒްކުރާ ބޮޑުއުޅަނދެއް ފެލިވަރުން ކޫއްޑޫއަށް މިހާރުވެސް ވަނީ ގެނެސްފައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މަސްގަނެ ފިނިކޮށް ސްޓޯރ ކުރެވޭވަރު އިތުރު ކުރުމަށް މަސްގަންނަ ބާޖެއްވެސް މާންދޫގައި ދަނީ ބޭނުން ކުރަމުންނެވެ. އަދި މަސްގަތުމަށް ވަގުތީގޮތުން ބޭރުގެ ބޯޓެއް ހޯދުމަށްވެސް މިފްކޯ އިން ދަނީ މަސައްކަތްކުރަމުންދާކަމަށްވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.