ޚަބަރު

ޒެލެންސްކީއަށް ހިތްވަރުދެއްވުމަށް ޖޮންސަން ޔޫކްރެއިނަށް


ރަޝިޔާއިން ދެމުންދާ ޙަމަލާތަކުން ދިފާޢުކުރުމަށް ޔޫކްރެއިނުން ކުރަމުންދާ ހަނގުރާމާއަށް ހިތްވަރުދެއްވުމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަން ޔޫކްރެއިނަށް ވަޑައިގަންނަވައި އެ ޤައުމުގެ ރައީސް ވޮލޮދީމީރް ޒެލެންސްކީއާ ބައްދަލުކުރައްވައިފިއެވެ.

ޔޫކްރެއިނުގެ ވެރިރަށް ކިޔޭވުގައި ޒެލެންސްކީއާއެކު ބޭއްވެވި ބައްދަލުވުމުގައި ޖޮންސަންވަނީ އިތުރު މާލީ އަދި އަސްކަރީ އެހީތެރިކަން އިނގިރޭސިވިލާތުން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަންދެއްވައިފައެވެ. އެ ބައްދަލުވުމަށްފަހު ޒެލެންސްކީ ވިދާޅުވީ ޖޮންސަންނަކީ ޔޫކްރެއިނުގެ ދިފާޢުގައި އެންމެ އަޑުހަރުކޮށް ވަކާލާތުކުރައްވައި ދުނިޔޭގެ އެންމެ އިސްވެރިޔާކަމަށެވެ. އަދި ރަޝިޔާއާ ދެކޮޅަށް ހަރުކަށި އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ޖޮންސަން ކުރައްވަމުންދާ މަސައްކަތްޕުޅަށް ޒެލެންސްކީވަނީ ޝުކުރުޢަދާކުރައްވައިފައެވެ.

ކިޔޭވަށް ޖޮންސަން ވަޑައިގެންފައިވަނީ ކުރިން އެންގުމަކާނުލައެވެ. އޭނާ އެ ރަށަށް ވަޑައިގެންފައިވަނީ އެ ސަރަޙައްދުގައި ހަނގުރާމަކުރަމުންދިޔަ ރަޝިޔާގެ ފައުޖުތައް ފަހަތަށްޖެހިފައިވަނިކޮށެވެ. މީގެ ކުރިން ޕޯލޭންޑާއި ޗެކް ރިޕަބްލިކާއި ސުލޮވޭނިޔާގެ ބޮޑުވަޒީރުންވެސްވަނީ ކިޔޭވަށް ވަޑައިގެން ޒެލެންސްކީއާ ބައްދަލުކުރައްވައި ހިތްވަރުދެއްވައިފައެވެ.