ޚަބަރު

މިއަހަރުގެ ޙައްޖުގައި 1 މިލިއަން މީހުންނަށް ބައިވެރިވެވޭނެ


މިއަހަރުގެ ޙައްޖުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 1 މިލިއަން މީހުންނަށް ބައިވެރިވުމުގެ ފުރުޞަތު ދޭނެކަމަށް ސަޢުދީ ސަރުކާރުން ހާމަކޮށްފިއެވެ.

މިދިޔަ މާރިޗުމަހުގެ 6 ވަނަ ދުވަހު ސަޢުދީ ސަރުކާރުން ވަނީ ކޯވިޑާއި ގުޅިގެން މައްކާގެ ޙަރަމްފުޅުގައި އަޅާފައިވާ ފިޔަވަޅުތައް އުވާލާފައެވެ. އެގޮތުން ނަމާދުގައި ގައިދުރުކުރުން ވަނީ ހުއްޓާލާފައެވެ. އަދި މިއަހަރުގެ ޙައްޖަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުންނަށް ބައިވެރިވެވޭނެކަން ވަނީ ހާމަކޮށްފައެވެ. ފިޔަވަޅުތައް އުވާލުމާއެކު މިއަހަރުގެ ޙައްޖަށް މީހުން އެތެރެވުމަށް ދޫކުރާ ކޯޓާތައް މުރާޖަޢާކުރުމަށްފަހު އިޢުލާންކުރާނެކަން ސަޢުދީ ސަރުކާރުން އޮތީ ހާމަކޮށްފައެވެ.

މިއަހަރުގެ ޙައްޖުގައި ބައިވެރިކުރާ ޢަދަދަކީ 1 މިލިއަން މީހުން ކަމަށް ސަޢުދީ ސަރުކާރުން ކަނޑައަޅާފައިވާއިރު މިއީ ޕެންޑަމިކުގެ ކުރިން ޙައްޖުގައި ބައިވެރިވާ މީހުންގެ ޢަދަދަށްވުރެ މަދު ޢަދަދެކެވެ. މީގެ ކުރިން 160 ޤައުމަކުން 2.5 މިލިއަން މީހުން ޙައްޖުގެ އަޅުކަމުގައި ބައިވެރިވަމުން އައެވެ. ނަމަވެސް 2020 ވަނަ އަހަރު މައްކާގައި ކޯވިޑް-19 ފެތުރެންފެށުމުން ބަލި ކޮންޓްރޯލްކުރުމަށްޓަކައި އެޅި ވަރުގަދަ ފިޔަވަޅުތަކާއެކު އެ އަހަރުގެ ޙައްޖުގައި ބައިވެރިވި މީހުންގެ ޢަދަދު ވަނީ 1000 އަށް މަދުކޮށްފައެވެ. އޭގެފަހުން 2021 ވަނަ އަހަރު ޙައްޖުގައި ބައިވެރިވުމަށް ހުޅުވާލީ ހަމައެކަނި ސަޢުދީގެ ރައްޔިތުންގެ ތެރެއިން 60000 މީހުންނަށެވެ. ނަމަވެސް އެއަހަރު ޙައްޖުގައި ބައިވެރިވި މީހުންގެ ޢަދަދުވެސް އެއަށްވުރެ މަދެވެ.

މިއަހަރުގެ ޙައްޖުގެ ބައިވެރިން ވާންޖެހޭނީ ކޯވިޑް ވެކްސިން ފުރިހަމަކޮށްފައިވާ، 65 އަހަރުން ދަށުގެ މީހުންނަށެވެ. އަދި ސަޢުދީން ބޭރުން އަންނަ ޙާއްޖާޖީން އެތެރެވުމުގައި ނެގެޓިވް ޕީ.ސީ.އާރު ޓެސްޓެއް ހުށަހަޅަންޖެހޭނެއެވެ. މިއަހަރުގެ ޙައްޖުގެ އަޅުކަން ފެށޭނެކަމަށް ކަލަންޑަރުގައިވާ ތާރީޚަކީ ޖުލައިމަހުގެ 7 ވަނަ ދުވަހެވެ.

ޙައްޖުގެ އަޅުކަމުގެ އިތުރުން ޢުމްރާގެ އަޅުކަން އަދާކުރުމަށް ގިނަ ޢަދަދެއްގެ މުސްލިމުން ކޮންމެ އަހަރަކު މައްކާއާއި މަދީނާއަށް ދަތުރުކުރަމުންދާތީ ޢާއްމު ޙާލަތުގައި ދަތުރުވެރިންނާއި ގުޅުންހުރި ޚިދުމަތްތަކާއި ވިޔަފާރިތަކުން ލިބޭ އާމްދަނީ، ސަޢުދީގެ ޖީ.ޑީ.ޕީގެ 3 އިންސައްތަ ހިއްސާކުރެއެވެ.