ޚަބަރު

ޢަރަބިއްޔާގެ އައު ޢިމާރާތް އަންނަ އަހަރު ނިމޭނެ: އެޑިއުކޭޝަން


ޢަރަބިއްޔާ ސްކޫލްގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ނިންމާ ބޭނުންކުރަން ފެށޭނެކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ވިދާޅުވެއްޖެއެވެ. ޢަރަބިއްޔާ ސްކޫލް އެޅުމަށް ސަރުކާރުންވަނީ ބައު ޖަމާލުއްދީން ހުރި ބިން ދޫކޮށްފައެވެ.

އަލް މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ޢިމާރާތަށް ދިމާވެފައިވާ މައްސަލަ ޙައްލުކޮށް ދާއިމީ ސްކޫލް ޢިމާރާތެއް ލިބެންދެން ވަގުތީ ހައްލެއްގެ ގޮތުގައި ފޮރިން މިނިސްޓްރީ ހިންގި ވަގުތީ ޢިމާރާތް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ. ޢަރަބިއްޔާގެ އައު އިމާރާތް އެޅުމަށް، ރައީސުލްޖުމްހޫރިއްޔާ ނިންމާވާފައިވަނީ އިލެކްޝަންސް ކޮމިޝަންގެ އިންތިޚާބާއި ބެހޭ މަރުކަޒު ހުރި، ބައު ޖަމާލުއްދީނުގައެވެ.

ރައީސްގެ ނިންމެވުމާއެކު އިލެކްޝަންސްގެ އޮފީސް އެތަނުން ބަދަލުކޮށް ޢިމާރާތް ހުސްކުރުމުގެ މަސައްކަތްވަނީ ފަށާފައެވެ. އަދި މިހާރު މިމަސައްކަތް ނިމިފައިވާ ކަމަށާއި ޢަރަބިއްޔާ ސްކޫލްގެ ޢަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެކަމަށް އެޑިއުކޭޝަނުން ވިދާޅުވެއެވެ. އެގޮތުން މިހާރު އެބިމުގައި ހުރި ޢިމާރާތް ތަޅާލާ އެތަން ސާފުކުރާނެ ބަޔަކު ހޯދުމަށް ކުރި އިޢުލާނަށް 22 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

މިއާއެކު ޢިމާރާތުގެ މަސައްކަތް ނިންމާ އަންނަ އަހަރު ކިޔަވައިދޭން ފެށޭވަރުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.


ޢަރަބިއްޔާ ސްކޫލަކީ ރާއްޖޭގައި ޢަރަބި މީޑިއަމަށް ކިޔަވައިދޭ ހަމައެކަނި ސްކޫލެވެ. ޢަރަބިއްޔާގެ މަންހަޖާއި އިމްތިޙާނުތަކަކީ މިސްރުގެ އަލްއަޒްހަރު ޔުނިވަރސިޓީން ޤަބޫލުކުރާ މަންހަޖެކެވެ.

700 އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމު ޙާސިލުކުރަމުންދިޔަ ޢަރަބިއްޔާގެ ޢިމާރާތުގައި ރެނދުލާ އެތަނަކީ ދަރިވަރުންނަށް ކިޔަވައިދޭން އެންމެ ރައްކާތެރި ތަނެއް ނޫންކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވުމުން އެތަނުން ކުދިން ބަދަލުކޮށް އިއްޒުއްދީން ސްކޫލަށް ވަގުތީގޮތުން ކިޔެވުން ބަދަލުކުރުމުން ޢަރަބިއްޔާގެ ބެލެނިވެރިންވަނީ އެކަމާ ކަންބޮޑުވުންފާޅުކޮށްފައެވެ. އެހެން ކަމުން ކުދިންގެ ކިޔެވުން މެދުކެނޑުނަ ނުދިނުމަށް ސަރުކާރުންވަނީ ވަގުތީގޮތުން ފޮރިންގ މިނިސްޓްރީ ކުރިން ހިންގި ޢިމާރާތް ޢަރަބިއްޔާގެ ކުދިން ކިޔެވުމަށް ދޫކޮށްފައެވެ. އަދި ވީއެންމެ އަވަހަކަށް ޢަރަބިއްޔާގެ އައު ޢިމާރާތް ބައު ޖަމާލުއްދީނުގައި އެޅުމަށްވަނީ މަސައްކަތް ފަށާފައެވެ.