ޚަބަރު

ކޮންސްޓްރަކްޝަން ސާމާނު އެތެރެކުރުމަށް އެމްއެސްއެސްއިން ބަލްކް ކެރިއަރ ބޯޓެއް ގަންނަނީ


ރާއްޖެއަށް ކޮންސްޓްރަކްޝަން ސާމާނު އެތެރެކުރުމަށް އެމްއެސްއެސްއިން ބަލްކް ކެރިއަރ ބޯޓެއް ގަތުމަށް ނިންމައިފިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، މޯލްޑިވްސް ސްޓޭޓް ޝިޕިންގ، އެމްއެސްއެސްގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ސައީދު ވިދާޅުވީ ހިލަ އަދި ހިލަވެލިއަކީ ރާއްޖެއަށް ގިނަ އަދަދަކަށް އެތެރެކުރާ ބާވަތްތައްކަމަށްވާއިރު، މިދާއިރާއަށް ވަނުމަށް އެކުންފުނިން ނިންމާފައިވާކަމަށެވެ. އެގޮތުން ހިލަ އަދި ހިލަވެލި އުފުލުމަށް ބޭނުންކުރާ ބަލްކް ކެރިއާއެއް ގަތުމަށް ތައްޔާރުވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

" ކުރިއަށް އޮތް ދެތިން ދުވަހުގެތެރޭގައި، އެބަދަން ފައިނަލް ކްލޯސިންގައި ސޮއިކުރަން، ބޯޓު ގަތުމުގެ ކަންތައްތައް ނިންމާލުމަށް، ލަފާ ކުރެވޭ ގޮތުގައި މިމަހުގެ ފަހުކޮޅު ނުވަތަ އަންނަ މަހުގެ ކުރީ ކޮޅު މުދަލާއި އެކު ރާއްޖެއަށް އަންނާނެ،" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ މި ބޯޓު ވެގެންދާނީ ދިވެހި ކުންފުންޏަކުން ގަންނަ އެންމެ ބޮޑު ބޯޓަށް ކަމަށެވެ. މިއީ 190 މީޓަރުގެ ބޮޑު ބޯޓެއް ކަމަށް ސައީދު ވިދާޅުވިއެވެ.

" އެމްއެސްއެލްގެ ދުވަސްވަރުވެސް މި ސައިޒުގެ ބޯޓެއް ގަނެފައެއް ނުވޭ، މިއީ 4400 ޓަނުގެ ބޯޓެއް، މިއީ 190 މީޓަރުގެ ދިގު ބޯޓެއް، މިއީ ފުޓްބޯޅަ ދެ ދަނޑުގެ ބޮޑު ބޯޓެއް،" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ މި ބޯޓަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އެގޮތުން 4 މުވައްޒަފުން ފިޔަވައި ދެން ތިބި ހުރިހާ މުވައްޒަފުންނަކީވެސް ދިވެހިންކަން ސައީދު ފާހަގަކުރެއްވިއެވެ.

ސައީދު ވިދާޅުވީ މި ބޯޓުގެ ދަތުރުތައް ފެށުމުން ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާއަށް ގިނަ ކުރިއެރުންތައް ލިބިގެންދާނެ ކަމަށް ޤަބޫލްކުރައްވާ ކަމަށެވެ. އަދި ހުރިހާ ފަރާތްތަކަށްވެސް ހިލަ އާއި ހިލަވެލި ރާއްޖެއަށް ގެނައުމުގެ ފުރުސަތު އޮންނާނެ ކަމަށް ސައީދު ވިދާޅުވިއެވެ.

އެމްއެސްއެސްއިން ވަނީ މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން އެކުންފުނީގެ އަމިއްލަ ބޯޓެއްގައި މުދާ ރާއްޖެއަށް އުފުލަން ފަށާފައެވެ. "އެމްއެސްއެސް ގަލޭނާ" އަކީ 780 ކޮންޓެއިނާގެ ޖާގައާއި 60 ޓަނުގެ ކްރޭން އަދި 60 ފީފާ އުފުލޭވަރުގެ ބޮޑު ބޯޓެކެވެ. މި ބޯޓުގެ މައިގަނޑު ދަތުރުތައް ރޭވިފައި އޮތީ ރާއްޖެ އާއި ލަންކާއާ ދެމެދުއެވެ.

އެމްއެސްއެސްއަކީ ރާއްޖެއަށް އެތެރެކުރާ މުދާ ވީހާވެސް ހެޔޮ އަގެއްގައި ގެނެވޭނެ މަގު ފަހިކުރުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ. 2020ވަނަ އަހަރުގެ އޭޕްރީލް މަހުގެތެރޭ ޚިދުމަތްދޭން ފަށާފައިވާ މޯލްޑިވްސް ސްޓޭޓް ޝިޕިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަކީ އެސްޓީއޯގެ 99.99 އިންސައްތަ އޮންނަ ކުންފުންޏެކެވެ. ބާކީ އޮތް 0.01 އިންސައްތައަކީ ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ހިއްސާއެވެ.