ޚަބަރު

ޞިއްޙަތު ސަލާމަތްކުރަން ތިމާވެށި ޙިމާޔަތްކުރުމަކީވެސް މުހިއްމުކަމެއް: ރައީސް


ޞިއްޙަތު ސަލާމަތްކުރަން ތިމާވެށި ޙިމާޔަތްކުރުމަކީ މުހިންމުކަމެއްކަމަށް ވިދާޅުވެ، އަމިއްލަ ޞިއްޙަތަށް ރައްކާތެރިވާ ފަދައިން، ޤުދުރަތީ ވެށީގެ ރައްކާތެރިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞަލިޙް އިލްތިމާސްކުރައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ ދުނިޔޭގެ ސިއްހަތު ދުވަހުގެ މުނާޞަބަތުގައި ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.

ދުނިޔޭގެ މިއަހަރުގެ ޞިއްޙަތު ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށާއި، ޞިއްޙީ ޚިދްމަތްތެރީންނަށާއި، ޞިއްޙީ ދާއިރާގެ ހުރިހާ މުވައްޒަފުންނަށް ފޮނުވި ތަހްނިޔާގެ މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ އިންސާނުންގެ ޞިއްޙަތަށް ގެއްލުންދެނިވި އެތައް ކަމަކުން، އިންސާނީ މުޖްތަމަޢު މިއަދު އޮތީ ވަށައިގެން ބެދިފައިވާކަމަށެވެ. އަދި ޞިއްޙީ ވަބާތަކާއި، ތިމާވެށީގެ ނުރައްކާތަކާއި، ފުރާނައަށް ނުރައްކާކުރާ، ގައިންގަޔަށް ނާރާ ބަލިތައް، ދުނިޔޭގެ އެންމެހައި ކަންކޮޅުތަކަށްވަނީ ފެތުރިފައިކަމަށާއި، މީގެ ތެރެއިންވެސް، އިންސާނީ ދަރިފަސްކޮޅުގެ ދެމިއޮތުމަށް މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އަދި ނުރައްކަލަކީވެސް، އިންސާނުންގެ ޢަމަލުތަކުގެ ސަބަބުން، ދުނިޔޭގެ ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތައްކަމަށް ރައީސް ވިދާޅުވިއެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ދުނިޔޭގައި ކޮންމެ އަހަރަކު މަރުވާ މީހުންގެ ތެރެއިން، 13 މިލިއަނަށް ވުރެ ގިނަ މީހުން މަރުވެގެންދަނީ، އެކަންކަމުން އަޅުގަނޑުމެންނަށް ސަލާމަތްވެވިދާނެ ފަދަ ތިމާވެށީގެ ތަފާތު ސަބަބުތައް މެދުވެރިވެގެންކަން ރައީސްގެ ޚިޠާބުގައި ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން، މިޒަމާނުގެ ޢިލްމީ މަފްހޫމުގައި މާނަކުރާއިރު، ތިމާވެށީގެ ކޮންމެ މައްސަލައަކީ، އިންސާނުންގެ ޞިއްޙަތާ ގުޅިފައިވާ މައްސަލައެއްގެ ގޮތުގައި ބަލަންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިއީ ދިވެހިރާއްޖެ ފަދަ، މޫސުމީ ބަދަލުތަކަށް އެންމެ ބޮޑަށް ހުށަހެޅިފައިވާ ޤައުމެއްގައި ދިރިއުޅޭ ހަމަ ކޮންމެ މީހަކު ފުންކޮށް ވިސްނައި ފިކުރު ހިންގަންޖެހޭ ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ. ދުނިޔެ ހޫނުވުމާއި، ވައި ނުސާފުވުމާއި، ފެން ތަޣައްޔަރުވުމާއި، އުދައެރުމާއި، ގޮނޑުދޮށްތައް ގިރުމަކީ، ތިމާވެށީގެ ގޮތުން ރާއްޖެ މިވަގުތު ކުރިމަތިލާންޖެހިފައިވާ އެންމެ ބޮޑެތި ގޮންޖެހުންތައް ކަމަށް ވިޔަސް، މިއިން ކޮންމެ ކަމަކީ އަޅުގަނޑުމެންގެ ޞިއްޙީ ދުޅަހެޔޮކަމާ އެތައް ގޮތަކުން ގުޅިފައިވާ ކަންކައްކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން، އަޅުގަނޑުމެންގެ އަމިއްލަ ޞިއްޙަތަށް ރައްކާތެރިވާ ފަދައިން، އަޅުގަނޑުމެންގެ ޤުދުރަތީ ވެށީގެ ރައްކާތެރިކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ރައީސް ގޮވާލެއްވިއެވެ.

މިއަހަރުގެ ދުނިޔޭގެ ޞިއްހަތު ދުވަހަށް، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ކަނޑައަޅާފައިވާ ޝިޢާރު، Our Planet, Our Health (އަހަރެމެންގެ ގުރަހަ، އަހަރެމެންގެ ޞިއްޙަތު)އެވެ. ރައީސް ވިދާޅުވީ މި ޝިއާރުން ހަނދާންކޮށްދެނީ، އިންސާނުންގެ ޞިއްޙަތު ސަލާމަތްކުރުމަށްޓަކައި، ދުނިޔޭގެ ތިމާވެށި ޙިމާޔަތްކުރުމުގެ ބޭނުންތެރިކަންކަމަށެވެ. ހަމައެފަދައިން މި ޝިޢާރުން ސަމާލުކަމަށް ގެނެސްދެނީ، ދުނިޔޭގެ ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތަކުގެ ސަބަބުން، އިންސާނީ ދަރިފަސްކޮޅުގެ ދެމިއޮތުމަށް، ނުރައްކާތައް ކުރިމަތިވަމުންދާ މިންވަރުކަމަށާއި، އިންސާނުންނަށް މިބިންމަތީގައި ދެމިތިބެވޭނީ ކިހާ ދުވަހަކުތޯ ސުވާލު އުފެދޭ ދަރަޖައަށް، ދުނިޔޭގެ ތިމާވެށި ހަލާކުވެ، އަދިވެސް އިތުރަށް ހަލާކުވަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

ކޯވިޑް-19ގެ ބަލިމަޑުކަމަށް ފަހު، ދިރިއުޅުމުގެ ޢާންމު ޙާލަތަށް އެނބުރި އިޢާދަވާއިރު، ގައިންގަޔަށް ނާރާ ނުރައްކާތެރި ބަލިތަކާ މެދު ޚާއްސަ ސަމާލުކަމެއް ދޭންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖޭގެ ޞިއްޙީ ދާއިރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، އެންމެ ގިނަ ދިވެހިން މަރުވަނީ، ކެންސަރާއި، ހިތުގެ ބަލިތަކާއި، ސްޓްރޯކާއި، ފުއްޕާމޭގެ ބަލިތަކާއި، ކިޑްނީއާ ގުޅުން ހުރި ބަލިތައް ފަދަ، ގައިން ގަޔަށް ނާރާ ބަލިތަކުގައިކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވަނީ، މި ހުރިހާ ބަލިތަކަކީވެސް، ދުންފަތުގެ އިސްތިޢުމާލުކުރުމާ ވަރަށް ބޮޑަށް ގުޅިފައިވާ ބަލިތަކަކަށްވާއިރު، ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓައިލުމަކީ، އެ ބާވަތުގެ ބަލިތަކުގައި މަރުވާ މީހުންގެ ޢަދަދު މަދުކުރުމަށްޓަކައި، ފަރުދީ ގޮތުން އަދާކުރަންޖެހޭ ވަރަށް މުހިންމު ވާޖިބެއެއްކަން ހަނދާންކޮށްދެއްވާފައެވެ.

ދުނިޔޭގެ ފެންވަރުގައި ޞިއްޙަތު ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ ވެސް، އެ ދުވަސްވަރެއްގައި ޞިއްޙީ ގޮތުން އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭ ކަންކަމާ މެދު ހޭލުންތެރިކަން އިތުރުކޮށް، ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް ސަމާލުކަން ދިނުންކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން، އަޅުގަނޑުމެންގެ ޞިއްޙަތާ ގުޅޭ ގޮތުން، މިވަގުތު އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހިފައިވާ އެއް ކަމަކީ، ރާއްޖޭގެ ތިމާވެށީ ޙިމާޔަތްކުރުން ކަމަށްވާތީ، ތިމާވެށި ރައްކާތެރިކުރުމުގެ ގޮތުން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް، މިހާރަށް ވުރެ ބޮޑު އެއްބާރުލުމެއް ދެއްވުމަށް، ރައީސް އިލްތިމާސްކުރެއްވިއެވެ. އަދި ޢާންމު ޞިއްޙަތަށް އިތުރު ސަމާލުކަމެއް ދިނުމާއެކު، ގައިން ގަޔަށް ނާރާ ބަލިތަކަށް މަގުފަހިކުރާ، ނުރަނގަޅު އާދަތައް ދޫކޮށްލުމަށްވެސް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.

ދުނިޔޭގެ ސިއްހަތު ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް މާރިޗް މަހުގެ 7 ވަނަ ދުވަހެވެ.