ޚަބަރު

އިންޑިޔާއިން ބޭނުންވަނީ ރަޝިޔާއާއެކު އިޤްތިޞާދީ ގުޅުން ވަރުގަދަކުރަން


އިންޑިޔާއިން އެންމެ ބޮޑު އިސްކަމެއްދެނީ ރަޝިޔާއާއެކު އޮންނަ އިޤްތިޞާދީ ގުޅުންތައް ވަރުގަދަކުރުމަށްކަމަށް އެ ޤައުމުން ބުނެފިއެވެ.

ފެބްރުއަރީ މަހުގެ 24ވަނަ ދުވަހުން ފެށިގެން ޔޫކްރެއިނަށް ވަރުގަދަ ޙަމަލާތަކެއް ދޭން ފެށުމުން ރަޝިޔާއާ ދެކޮޅަށް އެމެރިކާ އިސްވެވަނީ ހަރުކަށި އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފައެވެ. އަދި އެމެރިކާއިން އަޅާފައިވާ ފިޔަވަޅުތައް ވިލާތުގެ އިއްތިޙާދުންނާއި އިނގިރޭސިވިލާތުންނާއި އޮސްޓުރޭލިޔާއިންނާއި ނިޔު ޒީލޭންޑުންނާއި ކެނެޑާއިންނާއި ޖަޕާނުންވަނީ ތަންފީޒުކޮށްފައެވެ. ނަމަވެސް އޭޝިޔާގައި އޮތް އެމެރިކާގެ އެންމެ ވަރުގަދަ ބައިވެރިޔާކަމަށްވާ އިންޑިޔާއިންވަނީ ރަޝިޔާއާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އެޅުމަށް ދެކޮޅުހަދައިފައެވެ. އަދި ފާއިތުވި ދުވަސްތަކުގައި އިންޑިޔާއާއި ރަޝިޔާއާ ދެމެދު އޮންނަ އިޤްތިޞާދީ އަދި މާލީ ގުޅުންތައްވަނީ ވަރަށް ބޮޑަށް ބަދަހިވެފައެވެ.

ރަޝިޔާއާ ދެކޮޅަށް ދުނިޔޭގެ ބާރުތަކުން އަޅަމުންދާ ހަރުކަށި އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތަކަށް އިންޑިޔާއިން ތާޢީދުކުރުމަށް ގޮވާލައި އަޑުތައް ގަދަވެފައިވާ ދަނޑިވަޅެއްގައި އެ ޤައުމުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރަޝިޔާއަކީ އިންޑިޔާގެ މުޙިއްމު ވިޔަފާރީގެ ބައިވެރިއެއްކަމަށެވެ. އަދި ޔޫކްރެއިނުގައި ވަރުގަދަ ހަނގުރާމައެއް ކުރަމުންދިޔަ ނަމަވެސް އިންޑިޔާއާއި ރަޝިޔާގެ އިޤްތިޞާދީ ގުޅުންތަކަށް އަސަރުނުކުރާނެ ގޮތްތަކެއް ހޯދުމަށް ދެ ޤައުމުންވެސް ބޭނުންވާކަމަށް އެ ވުޒާރާއިންވަނީ ބުނެފައެވެ. އެ ގޮތުން ދެ ޤައުމުގެ ދެމެދުގައި އޮންނަ އިޤްތިޞާދީ ގުޅުންތައް އިތުރުކުރުމަށްވުރެ ބޮޑު އިސްކަމެއްދެނީ އެ ގުޅުންތައް ވަރުގަދަކުރުމަށްކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ޔޫކްރެއިނުގެ ހަނގުރާމައިގެ ކުރިން ރަޝިޔާއިން ގިނަ ޢަދަދެއްގެ ތެޔޮ އިންޑިޔާއިން ގަނެފައެއް ނުވެއެވެ. ނަމަވެސް ހަނގުރާމައިގެ ސަބަބުން ރަޝިޔާއިން ހެޔޮ އަގެއްގައި ތެޔޮ ވިއްކަން ފެށުމުން ފާއިތުވި ދެތިން ހަފުތާގެ ތެރޭގައި އިންޑިޔާއިންވަނީ 16 މިލިޔަން ފީފާގެ ތެޔޮ ގަނެފައެވެ. އެއީ 2021ވަނަ އަހަރުގެ ތެރޭގައި ރަޝިޔާއިން އިންޑިޔާ ތެޔޮ ގަނެފައިވާ ޢަދަދާ އެއްވަރު ޢަދަދެކެވެ. އިންޑިޔާގެ މާލީ ވުޒާރާއިން ބުނެފައިވަނީ ބައެއް ޤައުމުތަކުން ހިތްހަމަނުޖެހުނު ނަމަވެސް ހެޔޮ އަގެއްގައި ރަޝިޔާއިން ތެޔޮ ވިއްކާނަމަ އިންޑިޔާއިން ތެޔޮ ގަންނާނީ ރަޝިޔާއިންކަމަށެވެ.