ޚަބަރު

މެޓަ ކުންފުނީގެ އެޕްލިކޭޝަންތަކަށް ވަރޗުއަލް ފައިސާ ތަޢާރަފްކުރަނީ


މެޓަ ކުންފުނީގެ އެކި އޮންލައިން މަންސަތަކުގައި ބޭނުންކުރުމަށް ވަރޗުއަލް ފައިސާ ހިމެނޭ ރިވޯޑް ސިސްޓަމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެ ކުންފުނިން ބުނެފިއެވެ.

މެޓަވާރސްގެ ވަރޗުއަލް މެދުވެރިކޮށް އެއްބަޔަކު އަނެއްބަޔަކާއި ބައްދަލުވެ، ކުޅިވަރު ކުޅެ، އެކުގައި މަސައްކަތްކުރުމުގެ މަގު ވަނީ އެކުންފުނިން ތަނަވަސްކޮށްދީފައެވެ. އެކުންފުނިން ބުނީ ވަރޗުއަލް ފައިސާ ތަޢާރަފްކުރަނީ މެޓަވާރސް ފީޗާތަކާއި ގުޅުވައިގެން ކުރިއަށް އޮތް ތަނުގައި ކޮންޓްންޓު އުފައްދާ ފަރާތްތަކަށް އަގު ދެއްކޭނެ ނިޒާމެއް ގާއިމުކުރުމުގެ ބޭނުމުގައިކަމަށެވެ.

މެޓަ އިން ޢަމާޒު ހިފާފައިހުރީ ކްރިޕްޓޯ ކަރަންސީ އާއި އެކި ކަހަލަ ވަރޗުއަލް ޓޯކަންސް ތަޢާރަފްކުރުމަށެވެ.މި ފައިސާއިން ބޭނުންކޮށް މަޤުބޫލު ކޮންޓެންޓް އުފައްދާ ފަރާތްތަކަށް އަގު ދައްކާ، އެކި ކަހަލަ މުހިއްމު މަޢުލޫމާތާއި ޚަބަރު ގެނެސްދޭ ފަރާތްތަކުގެ މަސައްކަތުގެ އަގު ވަޒަންކުރެވޭނެއެވެ. މިކަންކަމަށް އަގު އަދާކުރާނީ ބެލުންތެރިންގެ ފަރާތުން ދޭ ޓޯކަންއަކުން ކަމަށް މެޓައިން ބުނެއެވެ.

ވަރޗުއަލް ކަރަންސީ ސިސްޓަމުގެ މަސައްކަތް އަދި އޮތީ ވަރަށް ކުރީގެ މަރުޙަލާއެއްގައެވެ. މި ފީޗާ ނިމޭއިރު ކުންފުނީގެ އެޕްތަކުން ހިންގާ އެތެރޭގެ މާލީ މުޢާމަލާތްތައް، މެޓަ ކުންފުނީގެ ކޮންޓްރޯލުގެ ދަށަށް ގެނެވޭނެއެވެ. މިއީ މެޓަވާރސް އަށް ޚާއްޞަކޮށްގެން އެ ކުންފުނިން ތައްޔާރުކުރާ މާލީ ނިޒާމެކެވެ. ނަމަވެސް ދުނިޔޭގެ އެކި ހިސާބުތަކުން މިލިއަނުން މީހުން ބޭނުންކުރަމުންދާ އޮންލައިން އެޕްލިކޭޝަންތައް ކަމަށްވާ ފޭސްބުކާއި، އިންސްޓަގްރާމާއި، ވަޓްސްއެޕް ފަދަ، މެޓަ ކުންފުނީގެ އެކި އެޕްތަކަށް ކުރިއަށްއޮތް ތަނުގައި ވަރޗުއަލް ކަރަންސީ ތަޢާރަފްކުރާނެކަމަށާއި، މި ފީޗާއިން ކުންފުންޏަށް އިތުރު އާމްދަނީ ހޯދުމުގެ މަގު ފަހިވެގެންދާނެކަމަށް ޚަބަރުތައް ބުނެއެވެ.

ވަރޗުއަލް ކަރަންސީ ތަޢާރަފްކުރުމުގެ މަސައްކަތަކަށް މަގުފަހިކުރުމުގެ ގޮތުން މިއަހަރުގެ ކުރީކޮޅު މެޓަ އިން ވަނީ ކްރިޕްޓޯ ކަރަންސީގެ ވިޔަފާރިކުރާ ކޮޕާ އެލަޔަންސާއި ގުޅިފައެވެ.

މެޓަ ކުންފުނީގެ އައު ވިޔަފާރިތަކަށް ކެނޑިނޭޅި އިންވެސްޓުކުރަމުންދާއިރު، އަހަރުގެ މިހާތަނަށް ނެރުނު ރިޕޯޓުތަކުން ދައްކާގޮތުން އެ ކުންފުނީގެ އާމްދަނީ އަންދާޒާކޮށްފައިވާ ވަރަށްވުރެ ދަށެވެ. ނަމަވެސް އާމްދަނީއާ މެދު ހިތްހަމަޖެހޭ ކަމަށާއި، މައިގަނޑު ވިޔަފާރިތަކަށް އިތުރަށް އިންވެސްޓުކުރަމުންދާނެކަމަށް ސީ.އީ.އޯ މާކް ޒަކަބާގް ބުނެއެވެ. މިދިޔަމަހު އޭނާ ވަނީ ކައިރި މުސްތަޤުބަލުގައި އިންސްޓަގްރާމަށް ނަންފަންޖިބަލް ޓޯކަންސް ނުވަތަ އެން.އެފް.ޓީ ތަޢާރަފް ކުރާނެކަމަށް ބުނެފައެވެ.