ޚަބަރު

ވަކީލުންގެ ދަފްތަރުގައި ރަޖިސްޓްރީވާން ހުޅުވާލައިފި


ރާއްޖޭގައި މަސައްކަތްކުރާ ޤާނޫނީ ވަކީލުންގެ ދަފްތަރެއް އެކުލަވާލުމަށް ވަކީލުންގެ ހިދުމަތްދޭ ހުރިހާ އެންމެން ބާ ކައުންސިލްގައި ރަޖިސްޓްްރީވުމުގެ ފުރުސަތު އެ ކައުންސިލުން ހުޅުވާލައިފިއެވެ.

ދިވެހި ރާއްޖޭގެ ޤާނޫނީ ފަންނުގެ ގާނޫނުގައި ވާ ގޮތުން ލީގަލް ޕްރްކްޓިސްގައި މަސައްކަތްކުރާ ޤާނޫނީ ވަކީލުންނާއި ލޯފާމްތަކުގައި މަސައްކަތްކުރާ ވަކީލުންނާއި ދައުލަތުގެ މުއައްސަސާއެއް ގައި މަސައްކަތްކުރާ ވަކީލުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ވަކީލުންގެ ދަފްތަރެއް އޮންނަން ޖެހެއެވެ.

ބާ ކައިންސިލުން ނެރުނު ބަޔާނެއްގައިވަނީ ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ދަފްތަރު އެކުލަވާލުމުގެ މަސައްކަތް އެ ކައުންސިލުން ފަށާފައިވާކަމަށެވެ. އަދި ޤާނޫނީ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ޞައްޙަ މަޢުލޫމާތު ހިމެނޭ މިފަދަ ދަފުތަރެއް އޮތުމުން ޤާނޫނީ ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ޤާނޫނީ ހިދުމަތް ހޯދުމަށް އިތުރު ފަސޭހައަކަށް ވެގެންދާނެކަމަށް ބާ ކައުންސިލުން ވިދާޅުވެއެވެ.
އަދި މި ދަފްތަރުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުން ވަކީލުންގެ އެހީތެރިކަން ހޯދާ ފަރާތްތަކަށް އެކަމުގެ މަގު ތަނަވަސްވެ އެކްސެސް ޓު ޖަސްޓިސް އަށް މަގު ފަހިވެގެންދާނެކަމަށްވެސް ބާ ކައުންސިލުގެ ބަޔާނުގައިވެއެވެ.

ބާ ކައުންސިލުން ވަނީ ވަކީލުންގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލާފައެވެ. ދެ މަސްދުވަހުގެ ތެރޭގައި މި ދަފްތަރުގެ މަސައްކަތް ނިންމަން ބޭނުންވާތީ އަންނަ މަހުގެ 21 ވަނަދުވަހުގެ ކުރިން ޤާނޫނީ ދާއިރާގައި މަސައްކަތް ކުރާ ވަކީލުން ބާ ކައުންސިލްގައި ރަޖިސްޓްރީވެ ނިންމުމަށް އެ ކައުންސިލުން ވަނީ އެދިފައެވެ.

މި ދަފްތަރު ނިމުމުން ބާ ކައުންސިލްގެ ވެބްސައިޓްގައި ޝާއިޢުކުރާނެކަމަށް އެ ކައުންސިލުން ވިދާޅުވެއެވެ. އެއަށްފަހު ދިވެހިރާއްޖޭގެ ޝަރުއީ ކޯޓްތަކާއި ޓްރައިބިއުނަލްތަކާއި އެހެނިހެން ހިދުމަތް ފޯރުކޮށްދޭ އިދާރާތަކުންނާއި ހިދުމަތް ލިބި ގަންނަ ފަރާތްތަކުން ޤާނޫނީ ވަކީލުންގެ މައުލޫމާތު ހޯދުމަށް ބޭނުންކުރާނީ މި ދަފްތަރުކަމަށް ބާ ކައުންސިލުން ވިދާޅުވެއެވެ.