ޚަބަރު

އިތުރު 30 ރަށެއްގައި ސޯލާ ނިޒާމު ޤާއިމުކޮށްދޭނެ ބަޔަކު ހޯދަން އިޢުލާންކޮށްފި


ރާއްޖޭގެ 4 އަތޮޅެއްގެ 30 ރަށެއްގައި އިއާދަކުރަނިވި ހަކަތައިގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢު ހިންގައިދޭނެ ބަޔަކު ހޯދުމަށް އިޢުލާން ކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އިޢުލާންކޮށްފައިވަނީ ކ، އއ، އދ އަދި ވ.އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ސޯލަރ ޕީވީ-ޑީސަލް ހައިބްރިޑް ޕަވަރ ޖެނެރޭޝަން ޕްލާންޓް ޤާއިމުކުރުމުގެ މަސައްކަތެވެ. މި މަސައްކަތަށް ހުޅުވާލާފައިވަނީ ޑިޒައިން ކުރުމާއި ސަޕްލައި އަދި ނިޒާމު ހަރުކޮށް އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ހިމެނޭގޮތަށެވެ.

މި ޕްރޮޖެކްޓް ކުރިއަށް ގެންދަނީ ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކު (އީއައިބީ)ގެ ލޯނު އެހީގައި، ދިވެހި ސަރުކާރުންނެވެ.

ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫޢަކީ ރާއްޖެއިން ލިބެން ހުރި ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން ހަކަތަ އުފެއްދުމާއި، ތެލަށް ކުރާ ހޭދައާއި ތިމާވެއްޓަށް ލިބޭ ގެއްލުން ވީހާވެސް ކުޑަކުރުމަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ.

މި ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 150000 ޔޫއެސް ޑޮލަރު ބަހައްޓަން ޖެހެއެވެ. ބީލަން ހުޅުވުން އޮންނާނީ އަންނަ މޭއި މަހުގެ 19ވަނަ ދުވަހުއެވެ.

ދަޢުލަތަށް ލިބޭ އާމްދަނީގެ އެންމެ ބޮޑު ހޭދައެއް ކުރަނީ ކަރަންޓު އުފެއްދުމަށް ތެޔޮ ގަތުމަށެވެ.

ތެލަށް ކުރާ ހޭދަ ކުޑަކޮށް ތިމާވެއްޓާ ރަށްޓެހި ނިޒާމަކުން ކަރަންޓު އުފެއްދުމުގެ މަސައްކަތް ރާއްޖޭގައި ފެށީ 2007ވަނަ އަހަރުއެވެ. މިހާތަނަށް އައިއިރު 36 މެގަވޮޓްގެ އިއާދަކުރަނިވި ހަކަތަ އުފެއްދޭނެ ނިޒާމު ރާއްޖޭގައި ވަނީ ޤާއިމުކޮށްފައެވެ.

މީގެތެރެއިން 20 މެގަވޮޓްގެ ސޯލާ ޤާއިމުކޮށްފައިވަނީ މިދިޔަ 3އަހަރުގެ ތެރޭގައިކަމަށް އެންވަޔަރަންމަންޓް މިނިސްޓަރ އާމިނަތު ޝައުނާ ވަނީ ވިދާޅުވެފައެވެ. ސަރުކާރުން އަމާޒު ހިފާފައިވަނީ މި ދައުރު ނިމޭއިރު ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިގެ ނިޒާމު 55.5 މެގަވޮޓްއަށް އިތުރުކުރުމަށެވެ.

ރާއްޖޭގެ އުތުރުގެ ބައެއް އަތޮޅުތަކުގައި މިހާރުވެސް އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓުދަނީ ބޭނުންކުރަމުންނެވެ. އަދި 60އަށްވުރެ ގިނަ ރަށުގައި މިކަމުގެ ޢަމަލީ މަސައްކަތް ފަށާ މިހާރުވެސް ދަނީ މަސައްކަތް ކުރިއަށްގެންދަމުންނެވެ.

މިދިޔަ މަހުވަނީ ރާއްޖޭގައި މިހާތަނަށް ހިންގާ އިއާދަކުރަނިވި ހަކަތައިގެ އެންމެ ބޮޑު މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާއާއި މެލޭޝިއާއަށް ނިސްބަތްވާ ޖޭވީ ކުންފުންޏާއެވެ.

މި މަޝްރޫޢުއަކީ ރާއްޖޭގެ 6 ސަރަޙައްދެއްގައި 11 މެގަވޮޓްގެ ސޯލާ ޕެނަލް ހަރުކޮށް ޚިދުމަތް ދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މީގެ ތެރޭގައި ރާއްޖޭގެ 3 ސިޓީވެސް ހިމެނެއެވެ. އެގޮތުން އައްޑޫސިޓީގައި 3 މެގަވޯޓް، ފުވައްމުލަކުސިޓީގައި 2 މެގަވޯޓު، ގދ. ތިނަދޫގައި 2 މެގަވޯޓު، ކުޅުދުއްފުށި ސިޓީގައި 1.5 މެގަވޯޓު، ބ. އޭދަފުށީގައި 1.5 މެގަވޯޓު އަދި ޅ. ހިންނަވަރުގައި ހަރުކުރާ 1 މެގަވޯޓުގެ ސޯލާ ޕެނަލް ހިމެނެއެވެ.

ރާއްޖެއިން ޢަމާޒު ހިފާފައިވަނީ 2030 ވަނަ އަހަރު އަންނައިރު، ރާއްޖެއަކީ ޖައްވަށް ވިހަ ގޭސް ބޭރުކުރާ ޤައުމަކުން ނެޓް ޒީރޯ ޤައުމަކަށް ހެދުމެވެ.