ޚަބަރު

ޅެމުގެ ޚިޔާލީ ބައި މިހާރަށްވުރެ މުއްސަނދިކުރަން ޖެހޭ- މައުމޫން


ޅެން ހެދުމުގެ އެންމެ މުހިންމު ބައި ކަމުގައިވާ، ޅެމުގެ
ޚިޔާލީ ބައި މިހާރަށްވުރެ އިތުރަށް މުއްސަނދި ކުރުމަށް ހުރިހާ ދިވެހި ޅެންވެރިންވެސް
މަސައްކަތް ކުރަން ޖެހިފައިވާކަމަށް، މަޝްހޫރު ޅެންތަކެއް ހައްދަވައިދެއްވާފައިވާ ކުރީގެ
ރައީސް މައުމޫނު އަބްދުލްޤައްޔޫން ވިދާޅުވެއްޖެއެވެ.



ރައީސް މައުމޫން މިހެން ވިދާޅުވީ، 27 ވަނަ ޅެންވެރިންގެ
ދުވަސް ފާހަގަކުރެއްވުމުގެ ގޮތުން ރޭ ހުޅުދާން ބަގީޗާގައި ބޭއްވި ޅެންވެރިންގެ
ބަހާރު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.



މިއަހަރުގެ ޅެންވެރިންގެ ދުވަސް ފާހަގަކުރައްވަނީ މަޝްހޫރު
ޅެންވެރިޔާ ހޯރަފުށީ އާދަމް ސަލީމުގެ ޅެންތަކަށް ޚާއްސަކުރައްވައިގެން "މި
އާފާގަތި ރަބީއުން" މި ތީމްގެ ދަށުންނެވެ.



ޅެންވެރިންގެ ދުވަހުގެ ޚާއްސަ ހަރަކާތްތަކުގައި
ހިމަނުއްވައިގެން ހުޅުދާން ބަގީޗާގައި ބޭއްވި ޅެންވެރިންގެ ބަހާރަކީ، މީގެ އެއް
އަހަރު ކުރިން ވައިބަރގައި އުފެދުނު ޅެންވެރިންގެ ގްރޫޕެއްގައި ހިމެނޭ 74 ޅެންވެރިންގެ
ހުނަރުތައް ދައްކާލުމާއި، ޅެންވެރިންގެ ދުވަހާއި ގުޅިގެން ދިވެހި ބައެއް ހުނަރުވެރިންގެ
ހުނަރު ދައްކާލުމަށް ބޭއްވިގެން ދިޔަ ބަހާރެކެވެ.



މިބަހާރު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ބަހާރު
ގްރޫޕްގައިވެސް މިހާރު ހިމެނިވަޑައިގަންނަވާ ރައީސް މައުމޫން ވިދާޅުވީ، ޅެމުގެ
އެންމެ މުހިންމު ބަޔަކީ، އޭގެ ޚިޔާލީ ބައިކަން ދުނިޔޭގެ މަޝްހޫރު ޅެންވެރިންނާއި،
އެޅެންވެރިންގެ ޅެންތަކުން އެނގެން ހުންނަކަމަށެވެ. އެހެންކަމުން  ޒަމާނަށް އަންނަމުންދާ ބަދަލުތަކާއިއެކު ދިވެހި
ޅެންވެރިކަމުގައި މިހާރު ގެނެސްފައިވާ މިންވަރަށްވުރެވެސް ފުޅާކޮށް ތަފާތު
ގޮތްތަކަށް ޚިޔާލީ ބައި ހިމަނަން ޖެހިފައިވާކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.



ރާއްޖޭގެ ޅެންވެރިންގެ ހުނަރުތައް ފެނިގެންދިޔަ
މިބަހާރުގައި ވާހަކަފުޅުދައްކަވަމުން ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް
އަލީ ވިދާޅުވީ، ޅެންވެރިކަން ދިރުވައި އާލާކުރައްވަން އެ އެކަޑަމީން ގިނަ
މަސައްކަތްތަކެއް ކުރައްވަމުންގެންދަވާ ކަމަށާއި އެގޮތުން މުޅިރާއްޖެއަށް
ހުޅުވާލައިގެން އަންނަ އަހަރަ ބާއްވަވަން ނިންމާފައިވާ ޅެންވެރި ކަމުގެ
މުބާރާތުގައި ބައިވެރި ކުރައްވާނެ ދަރިވަރުން ތަމްރީން ކުރުމުގެ މަސައްކަތް ވަރަށް
ކާމިޔާބުކަމާއެކު އެކި އަތޮޅުތަކުގައި މިހާރު ކުރިއަށްގެންދަވާކަމަށެވެ.



ރޭގެ ހަފްލާގައި ޅެންވެރިންގެ ދުވަހަށް
ޚާއްސަކުރައްވައިގެން ޒަރާނާ ޒަރީރު ލިޔުއްވާފައިވާ "މޫނިމާ" ލަވަ ފޮތް
ރައީސް މައުމޫން ނެރެދެއްވިއެވެ. އަދި ދިވެހި ބަހުގެ އެކަޑަމީން ތައްޔާރުކުރެއްވި
"މިނިވަން ފަންސާހުގެ ރަން ގޮފިކޮޅު" ވެސް އެމަނިކުފާނު ވަނީ ނެރެދެއަވާފައެވެ.



އަދި މަޝްހޫރު އައްލާމާ އިގްބާލުގެ ޅެންތަކާއި، ދިވެހި
ކުޅަދާނަ ޅެންވެރިގެ ޅެންތަކާއި ލަވަތައް މިބަހާރުގައި ހުށަހަޅާދީފައިވެއެވެ.