ކުޅިވަރު

ބަހުރެއިންއާއި އެއްވަރުވެ، ރާއްޖެއަށް ގްރޫޕްގެ 1 ވަނަ


ބަންގްބަންދް ގޯލްޑްކަޕްގެ ގްރޫޕް ސްޓޭޖްގައި ރާއްޖެ ކުޅުނު ފަހު މެޗުގައި މިއަދު ބަހުރެއިންއާއި އެއްވަރުވިނަމަވެސް ގްރޫޕްގެ އެއްވަނަ ރާއްޖެއަށް ލިބިއްޖެއެވެ. ސެމީގެ ޖާގަ ކަށަވަރުވެފައިވަނިކޮށް މިއަދު ބަހުރެއިންއާއި ވާދަކުރި މެޗު އެއްވަރުވީ 1-1 ނެވެ.މެޗުގައި ރާއްޖޭގެ ލަނޑު ފުރަތަމަ ހާފްގައި ޖެހީ އަހުމަދު އިމާޒްއެވެ. އިމާޒް ލަނޑު ޖެހީ އަންސަރު އިބްރާހީމް ދިން ބޯޅައަކުންނެވެ. މިއީ މުބާރާތުގައި އިމާޒް ޖެހި ދެވަނަ ލަނޑެވެ. ސެމީގެ ޖާގަ ކަށަވަރުކުރަން ޕޮއިންޓެއް ހޯދަން ޖެހޭ ބަހުރެއިންއިން ނަތީޖާ ހަމަހަމަކުރީ ދެވަނަ ހާފްގައެވެ. ބަހުރެއިންގެ ލަނޑު ޖެހީ އަންވަރު އަލީއެވެ. މިއަދުގެ މެޗުގައިވެސް ސީނިއަރ ޓީމަށް މުޅިން އަލަށް ކުޅުންތެރިއަކު ކުޅެނެވެ. އެއީ ޓީސީގެ ޒުވާން ޑިފެންޑަރ މުރުތަލާ އަދުނާނެވެ. މިއަދުގެ ނަތީޖާއާއެކު ސެމީފައިނަލްގައި ރާއްޖެ ވާދަކުރަން ޖެހޭނީ ނޭޕާލާއެވެ. މިމެޗު ކުޅޭނީ އަންނަ އަންގާރަ ދުވަހު ރާއްޖެ ގަޑިން ހަވީރު 4:30 ގައެވެ. ސެމީފައިނަލް ފުރަތަމަ މެޗުގައި ބަނގްލަދޭޝްއާއި ބަހުރެއިން ވާދަކުރާނީ ހޯމަދުވަހު ހަވީރު 4:30 ގައެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ އަންނަ ހުކުރު ދުވަހުއެވެ.