ތަޢުލީމު

އިންކްލޫސިވް އެޑިއުކޭޝަން ވޯކްޝޮޕް ފަށައިފި


ހުރިހައި ކުދިން ޝާމިލްކޮށްގެން އުގަންނައި ދިނުމަށް ދަސްކޮށްދޭ މަސައްކަތު ބައްދަލުވުމެއް މުދަރިއްސުންނަށް އަމާޒުކޮށް ފަށައިފިއެވެ.މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ހިލޭ ސާބަހަށް ކުރިޔަށް ގެންދާ މި ބައްދަލުވުމުގައި މާލޭގެ އެކި ސްކޫލްތަކުންނާއި މަދަނީ ޖަމާއަތްތަކުގެ ތިރީސް މުދައްރިސަކު ބައިވެރިވެފައިވާކަމަށް އެ އެސޯސިއޭޝަނުން މައުލޫމާތުދެއެވެ. މި ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މުދައްރިސުންނަށް ދަސްކޮށްދޭނީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ފެންވަރުދެނެ ގަނެ، އެކުދިން އާދައިގެ ކްލާސްރޫމެއްގައި ކިޔައިވަދިނުމަށް ކަމަށް އޯޓިޒަމް އެސޯސިއޭޝަންގެ ނައިބު ރައީސް އިފްހާމް ހުސައިން ވިދާޅުވިއެވެ." މި ވޯރކްޝޮޕްގެ މައިގަނޑު މަޤްޞަދަކީ، ހުރިހައި ކުދިން ޝާމިލްކޮށްގެން ކިޔަވައިދިނުމުގެ ޤާބިލްކަން ޓީޗަރުންގެ ކިބައިގައި އަށަގެންނެވުމް އެގޮތުން  މިވޯކްޝޮޕްގައި ކިޔަވައިދެއްވަނީ ބޭރުގެ ފަންނީ މާހިރެއް.އެގޮތުން ހުރިހައި ކުދިން އެއްފަހަރާ ކްލާސްރޫމެއްގައި ބައިތިއްބައިގެން ކިޔަވައިދޭނޭ އުކުޅުތައް ދަސްކޮށްދެވޭނެ. އަދި އެކުދިންނަށް، އަދި އެކުދިންގެ ގައިގައި ހުރި ޤާބިލްކަމާއި ފެންވަރުގެ މައްޗަށް ބިނާކޮށް، ތަޢުލީމީ މުޤައްރަރު ބައްޓަން ކުރަން ދަސްކޮށްދެވޭނެ. ހަމަ އެއާއި އެކު އެކި ޙާލަތްތައް ދިމާވެފައިވާ ކުދިންނަށް، ކިޔަވައިދެއްވުމަށް ވެސް ދަށްކޮށްދެވޭނެ. އަޅުގަނޑުމެންގެ އެންމެ ބޮޑު އެދުމަކީ، ކޮންމެ ބަޔަކީވެސް ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް މަރްޙަބާ ކިޔާ، އެކުދިންނަށް ބޭނުންވާ ފުރުޞަތުތައް ހޯދައިދިނުމަށް ގަދަ އަޅާ މަސައްކަތް ކުރާ ބަޔަކަށްވުން. މިކަމުގައި މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނުން އެހީތެރިވެދޭނެ ކަމުގެ ޔަޤީންކަން އަރުވަން" އިފްހާމް ވިދާޅުވިއެވެ. މި މަސައްކަތު ބައްދަލުވުމުގައި ކިޔަވައިދެއްވަނީ، މިކަމުގެ ތަޖުރިބާކާރެއް ކަމަށްވާ އެމެރިކާގެ ޕްރޮފެސަރ ޑރ. ލިންޑީ ކްރޮފޯޑެވެ. އޯޓިޒަމް އެސޯސިއޭޝަން އިން ކޮންމެ އަހަރަކުވެސް، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތައުލީމް އުގަންނައިދެއްވާ ފަރާތްތަކަށާއި، ބެލެނިވެރިންނަށް އަމާޒުކޮށްގެން ތަފާތު ކޯސްތައް ހިންގަމުންދާކަމަށް އެޖަމްއިއްޔާއިން ބުނެއެވެ.އެޖަމްއިއްޔާއިން ވަނީ، އޯޓިޒަމް ކުދިންނަށް ކިޔަވައިދޭ ޚާއްސަ ސްކޫލެއް ބިނާ ކުރުމުގެ އެއްބަސްވުމެއްގައި، އިއްޔެ ޗައިނާގެ ކުންފުންޏަކާއި އެކު ސޮއިކޮށްފައެވެ. މީގެ އަމާޒަކީ އޯޓިޒަމް ހުންނަ ކުދިންނަށް ތައުލީމު އުގަންނައި ދިނުމުގެ އިތުރުން އެކުދިންނަށް ބޭނުންވާ އެންމެހައި ފަރުވާތައް އެއްފުރާޅެއްގެ ދަށުން ދޭނެ ނިޒާމެއް ހަމަޖެއްސުން ކަމަށް މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނުން ބުނެއެވެ.