ޚަބަރު

ތުޅާދޫގެ ކަރަންޓް ހާލަތު ރަނގަޅު ކުރުމަށް ޖަނަރޭޓަރ ސެޓެއް


ބ.ތުޅާދޫގެ ކަރަންޓް ހާލަތު ރަނގަޅު ކުރުމަށް އެއްމެގަ ވޮޓްގެ ޖަނަރޭޓަރ ސެޓެއް ފެނަކައިން އެރަށަށް ގެންގޮސްފިއެވެ. ފެނަކައިން ބުނީ މިހާރު ކުރިއަށްދަނީ މި ޖަނަރޭޓަރ އިންޖީނުގެއަށް ވެއްދުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށެވެ.

ތުޅާދޫއަށް ގެންދިޔަ ޖަނަރޭޓަރ ސެޓުން ކަރަންޓް ފޯރުކޮށްދޭން ފެށުމުން ރަށުގެ ކަރަންޓްގެ ހާލަތު މުޅިން ރަނގަޅުވެގެންދާނެ ކަމަށް ފެނަކައިން ބުނެއެވެ. އަދި އާބާދީ ބޮޑުވެ ކަރަންޓް ބޭނުން ކުރާ މިންވަރު އިތުރުވަމުންދިއުމާ ގުޅިގެން އޯވާ ލޯޑްވުމުގެ މައްސަލައަށްވެސް ހައްލުލިބިގެންދާނެ ކަމަށް ފެނަކަ ކުންފުނިން ބުނެއެވެ.

މިއީ ވޭތުވެދިޔަ ތިން އަހަރު ތެރޭގައި ތުޅާދޫއަށް ގެންދިޔަ 3 ވަނަ ޖަރޭޓަރ ސެޓެވެ. ތުޅާދޫއަށް އެންމެ ފުރަތަމަ ޖަނަރޭޓަރ ސެޓެއް ގެންދިޔައީ 2020 ވަނަ އަހަރުއެވެ. އެއީ 800 ކިލޯ ވޮޓްގެ ޖަނަރޭޓަރ ސެޓެކެވެ. އެއަށް ފަހު 400 ކިލޯ ވޮޓްގެ ޖަނަރޭޓަރ ސެޓެއްގެންގޮސް އިންސްޓޯލްކޮށް ޚިދުމަތްދޭންވަނީ ފަށާފައެވެ.

މިފަހަރު އިތުރު ޖަނަރޭޓަރ ސެޓެއް މިގެންދިޔައީ ތުޅާދޫގައި އަލަށް އާބާދުވާ ސަރަޙައްދުގެ ގެތަކަށްވެސް ކަރަންޓު ފޯރުކޮށްދޭންޖެހޭތީ އެސަރަހައްދަށް ބޭނުންވާނެ ކަރަންޓްގެ ކެޕޭސިޓީ މިހާރު ހުރި ޖަނަރޭޓަރ ސެޓްތަކުން ފޯރުކޮށްނުދެވޭނެތީއެވެ. ތުޅާދޫގައި އަލަށް އާބާދުވާ ސަރަޙައްދުން 238 ގޯތިވަނީ ދޫކޮށްފައެވެ. އަދި 2020 ވަނައަހަރު ހަވާލުކުރި 50 ހައުސިން ޔުނިޓްގައިވެސް މީހުން އަންނަނީ ދިރިއުޅެމުންނެވެ.

ތުޅާދޫގެ އިތުރުން އޭދަފުށީގެ ކަރަންޓް ހާލަތު ރަނގަޅު ކުރުމަށްވެސް ސަރުކާރުން ވަނީ 1 މެގަ ވޯޓްގެ ޖަނަރޭޓަރ ސެޓެއް ގެންގޮސްފައެވެ. އެ އިންޖީން އިންސްޓޯލްކޮށް އޭދަފުށްޓަށް މިހާރުދަނީ ކަރަންޓް ފޯރުކޮށްދެމުންނެވެ.

ފެނަކަ ކުންފުނިން އަބަދުވެސްބަލަނީ ރައްޔިތުންނަށް ބޭނުވާ ރައްކާތެރި ޒަމާނީ އަދި ރައްޔިތުންގެ އިތުބާރުލިބޭ ޚިދުމަތަކަށް ކަރަންޓްގެ ޚިދުމަތް ހެދުމަށެވެ.