ވިޔަފާރި

ދިވެހިންގެ އަތަށް ރިސޯޓްތައް ގެންނަން ރަނގަޅު ފަންޑިންގ މެކޭނިޒަމެއް ބޭނުން: މައުސޫމް


ދިވެހިންގެ އަތަށް ފަތުރުވެރިކަމުގެ އޯނާޝިޕް ފުރޯޅާލަން ބޭނުމިއްޔާ އިންޓާނަލް ފަނޑިންގ މެކޭނިޒަމެއް ބޭނުންވާނެކަމަށް ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ،

ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ މައުސޫމް ވިދާޅުވީ، މިވަގުތު މުޅި ރާއްޖޭގައި "ގާވެފައި" ނުވަތަ އެއްވެސް ގޮތަކަށް ކުރިއަށް ނުދާ ޕްރޮޖެކްޓުތަކުގެ ގޮތުގައި 83 މަޝްރޫޢެއް އެބައޮތް ކަމަށެވެ. އަދި ކޮންސްޓްރަކްޝަން މުއްދަތު އިތުރު ކުރަން އެކި ފަރާތްތަކުން އެކި މުއްދަތަށް އެދިފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ މަޖިލީހުގައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ގިނަ ރިސޯޓުތައް ނުހެދި ހުއްޓިފައި އޮތީވެސް ފައިސާ ނެތިގެންކަމަށެވެ. އަދި ދިވެހިންނަށް ރިސޯޓު އޯނާޝިޕް ލިބުން މަދުވަނީވެސް ދިވެހިންނަށް ފަންޑިންގ ނުލިބިގެންކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ބޭރުން އަންނަ މީހުންވެސް އަންނަނީ އެމީހުންގެ އަމިއްލަ ފައިސާއަކާއިއެކު ނޫން. ބޭރު ކޮންމެވެސް ބޭންކަކުން ފަންޑިންގް ހިފައިގެން ރަންގަޅު ރޭޓޭއްގައި. އެހެންވީމަ ދިވެހިންގެ އަތަށް ދިވެހި ޓޫރިޒަމް އިންޑަސްޓްރީގެ ސަޕްލައި ޕްރޮޑަކްޓް އޯނާޝިޕް ފުރޮޅާލަން ބޭނުމިއްޔާ އަޅުގަނޑުމެން އެބަޖެހޭ އިންޓާނަލް މެކޭނިޒަމެއް، ފަންޑިން މެކޭނިޒަމެއް ހޯދަން. ދިވެހިންނަށް ފަންޑިންގް ލިބޭނެ" މިނިސްޓަރ ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓަރ ވިދާޅުވި ގޮތުގައި އާންމު އުސޫލެއްގެ ދަށުން ރިސޯޓެއް ހަދަން ރަށެއް ހަވާލުކުރަނީ 3 އަހަރުގެ މުއްދަތަށެވެ. އަދި ފަޅެއް ހިއްކާނަމަ ދެނީ 5 އަހަރު މުއްދަތަށްކަމަށާއި އޭގެ ފަހުން ކޮންސްޓްރަކްޝަން ޕީރިއަޑް އިތުރުކުރަން އެދުނު ނަމަވެސް އެހާ ހިސާބުން ކުލި ހިނގަން ފަށާނެކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. މީގެ އިތުރަށް މިހާރު އޮތް ގޮތުން 3 އަހަރު މުއްދަތުގައި ރިސޯޓެއް ނިންމާނުލެވިއްޖެއިޔާ އެގްރިމެންޓް ބާތިލްވާނެކަންވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

ޓޫރިޒަމް މިނިސްޓަރާއި ސުވާލު ކުރެއްވި ގިނަ މެންބަރުން ވަނީ އެ މެންބަރުންގެ ދައިރާ ނުވަތަ ކައިރީގައި ހުރި ރިސޯޓުތައް ނުހުޅުވި އޮތް ސަބަބާއި ގުޅޭގޮތުން ސުވާލުކުރައްވާފައެވެ. މިގޮތަށް ހުރި ރަށްތަކަށް އިޝަރާތް ކުރައްވާ މިނިސްޓަރ ވިދާޅުވީ، މިހާރު ޤަވާއިދަށް ގެނެވުނު އިސްލާހުގެ ދަށުން ކުރިން ނުހެދި އޮތް ރަށެއްގެ ހައްޤު ބަދަލުކުރުމަށް 100000 ޑޮލަރު ދައްކަން ޖެހޭ ގޮތަށް އޮތްނަމަވެސް މިހާރު 10،000 ޑޮލަރަށް އެ އަދަދު ބަދަލުކޮށްފައިވާ ކަމަށެވެ. އެހެން ކަމުން އިންވެސްޓަރުންވެސް މިހާރު ރަށްތައް އަތުގައި ބޭއްވުމުގެ ބަދަލުގައި އޭގެ އަގަށް ފަހުންވާނެގޮތެއް ވިސްނައި މިހާރު ގޮތެއް ނިންމަންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.