ޚަބަރު

ތެލުގެ ވިޔަފާރިން އިރާޤަށް ރެކޯޑު އާމްދަނީއެއް


މިދިޔަ މަހު ތެލުގެ ވިޔަފާރިން އިރާޤަށް ރެކޯޑު އާމްދަނީއެއް ލިބިފައިވާކަމަށް އެ ޤައުމުގެ ހަކަތައާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

އިރާޤުގެ ހަކަތައާބެހޭ ވުޒާރާއިން ހާމަކޮށްފައިވާގޮތުން މިދިޔަ މާރިޗު މަހު އެ ޤައުމުން 100 މިލިއަނަށްވުރެ ގިނަ ތެޔޮ ފީފާ އެކްސްޕޯޓުކޮށްފައިވެއެވެ. މި އެކްސްޕޯޓުން އާމްދަނީގެ ގޮތުގައި 11.07 ބިލިއަން އެމެރިކާ ޑޮލަރު ލިބިފައިވާއިރު، މިއީ 1972 ވަނަ އަހަރުން ފެށިގެން ފާއިތުވި 50 އަހަރު މަހެއްގެ މައްޗަށް ތެލުގެ ވިޔަފާރިން ލިބުނު އެންމެ ބޮޑު އާމްދަނީ ކަމަށް އިރާޤުގެ އޮފިޝަލުން ހާމަކުރައްވައެވެ.

އޯގަނައިޒޭޝަން އޮފް ދަ ޕެޓްރޯލިއަމް އެކްސްޕޯޓިންގ ކަންޓްރީސް (އޮޕެކް) ގެ ދެވަނައަށް އެންމެ ގިނައިން ތެޔޮ އުފައްދާ މެމްބަރު ޤައުމު ކަމަށްވާ އިރާޤުން، ފާއިތުވި ފެބްރުއަރީމަހުވެސް ވަނީ ތެލުގެ ވިޔަފާރިން ބޮޑު އާމްދަނީއެއް ހޯދާފައެވެ. އެގޮތުން ފެބްރުއަރީމަހު އެ ޤައުމުން ވަނީ ދުވާލަކު 3.3 މިލިއަން ފީފާ ވިއްކައިގެން 8.5 ބިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ހޯދާފައެވެ. މިއީވެސް މާރިޗުމަހުގެ ވިޔަފާރި ނުހިމަނައި ފާއިތުވި 8 އަހަރުގެ ތެރޭގައި ހޯދި ރެކޯޑު އާމްދަނީއެއް ކަމަށް ޚަބަރުތައް ބުނެއެވެ.

އޮޕެކް ޖަމާޢަތުން މިދިޔަ ހަފްތާގައި ބޭއްވި ބައްދަލުވުމެއްގައި ވަނީ އެ ޖަމާޢަތުން ބާޒާރަށް ނެރޭ ތެލުގެ މިންވަރު އަނެއްކާވެސް އިތުރުކުރުމަށް ނިންމާފައެވެ. ސަބަބަކީ ޑިމާންޑާއި އެއްވަރަށް ތެޔޮ ސަޕްލައި ނުކުރެވުމުގެ ސަބަބުންނާއި، ރަޝިޔާއިން ޔޫކްރެއިނަށް ދެމުންދާ ޙަމަލާތަކާއިގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވާތީއެވެ.

މިއަހަރު ތެލުގެ އަގަށް އައި ބަދަލަށް ބަލާއިރު ފެބްރުއަރީމަހު ބެންޗްމާރކް އަގުތައް އިންތިހާއަށް މައްޗަށްޖެހި، ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 90 ޑޮލަރުން 140 ޑޮލަރަށް މައްޗަށްޖެހުނެވެ. މިހާރު 100 ޑޮލަރާއި ހަމައަށް އަގު ތިރިވެފައިވާކަމަށް ޚަބަރުތައް ބުނެއެވެ.

ތެލުގެ އަގު ކޮންޓްރޯލްކުރުމަށް އޮޕެކުގެ މެމްބަރު ޤައުމުތަކުން ތެޔޮ އުފައްދާ މިންވަރު އިތުރުކުރުމަށް ނިންމާފައިވާއިރު، 31 މެމްބަރު ޤައުމު ހިމެނޭ އިންޓަރނޭޝަނަލް އެނަރޖީ އޭޖެންސީ (އައި.އީ.އޭ) އިންވެސް ވަނީ ޤައުމުތަކުގެ ރިޒާވުގައި ރައްކާކޮށްފައިހުރި ތެލުން މިންވަރެއް ބާޒާރަށް ނެރުމަށް ނިންމާފައެވެ. އެގޮތުން ސްޓްރެޓަޖިކް ޕެޓްރޯލިއަމް ރިޒާވްތަކުން 62 މިލިއަން ފީފާގެ ތެޔޮ ބާޒާރަށް ނެރުމަށް މިދިޔަ މާރިޗުމަހު އައި.އީ.އޭ އިން އެއްބަސްވެފައިވެއެވެ. މި ޢަދަދުގެ ދެބައިކުޅަ އެއްބައި ފޯރުކޮށްދީފައިވަނީ އެމެރިކާގެ ރިޒާވްތަކުންނެވެ. މީގެ އިތުރުން އެމެރިކާއިން އިސްނަގައިގެން އީ.އައި.އޭގެ އެމަޖެންސީ ރިޒާވްތަކުން ދެވަނަ ފަހަރަށް ތެޔޮ ނެރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ޚަބަރުތައް ބުނެއެވެ.

ދުނިޔޭގެ މަސްރަޙުގައި ތެލުގެ ބާޒާރަށް ކުރިމަތިވެފައިވާ ހަލަބޮލިކަމުގެ ސަބަބުން ތެލުގެ އަގު އުފުލިފައިވަނިކޮށް، އިރާޤުން ތެޔޮ އެކްސްޕޯޓުކޮށްގެން ރެކޯޑު އާމްދަނީއެއް ހޯދާފައިވާއިރު، މި ވިޔަފާރިއަކީ އެ ޤައުމުގެ 90 އިންސައްތަ އާމްދަނީ ބަރޯސާވާ ވިޔަފާރިއެވެ. އެ ޤައުމުގައި ތެލުގެ ގިނަ ރިޒާވުތަކެއް ހުރި ނަމަވެސް އިރާޤުން ޢާއްމުކޮށް ބޭނުންކުރަނީ އިމްޕޯޓުކޮށްގެން ހޯދާ ތެލާއި ގޭހެވެ. އެ ޤައުމުގައި ހަކަތައިގެ ތާށިކަން މިހާރުވެސް ތަޙައްމަލުކުރަމުންދާއިރު އަހަރުތަކަކަށް ދެމިގެންގޮސްފައިވާ ހަނގުރާމައިގެ ޙާލަތާހުރެ އިޤްތިޞާދު އަނދަވަޅަކަށް ވެއްޓިފައިވުމުން، އެ ޤައުމަށް ތެޔޮ ވިއްކައިގެން ލިބޭ އާމްދަނީ މިވަގުތު އިންތިހާއަށް މުހިއްމުކަމަށް ރިޕޯޓުތައް ބުނެއެވެ.