ޚަބަރު

އެމެރިކާގެ ވަޒީފާގެ ބާޒާރު ޕެންޑެމިކްގެ ކުރީގެ ޙާލަތާއި ގާތަށް


ފާއިތުވިމަހު އަންދާޒާކޮށްފައިވާ މިންވަރަށްވުރެ އިތުރަށް ވަޒީފާ ނެތް މީހުންގެ ޢަދަދު ދަށަށްގޮސް، ވަޒީފާގެ ބާޒާރު ޕެންޑަމިކްގެ ކުރީގެ ޙާލަތާއި ދާދި ގާތަށް ޖެހިފައިވާކަމަށް އެމެރިކާގެ ލޭބާ ޑިޕާޓްމަންޓުން ހާމަކޮށްފިއެވެ.

އެމެރިކާގެ ލޭބާ ޑިޕާޓްމަންޓުން މިދިޔަ ހަފްތާގައި ނެރުނު ރިޕޯޓުތަކަށް ބަލާއިރު މާރިޗުމަހު އެ ޤައުމުގައި ގިނަ ޢަދަދެއްގެ ވަޒީފާ އަލަށް އިތުރުވެފައިވެއެވެ. އެގޮތުން 431000 ވަޒީފާ އަލަށް އިތުރުވެފައިވެއެވެ. މިއާއެކު ވަޒީފާ ނެތް މީހުންގެ ނިޞްބަތް ވަނީ 3.6 އިންސައްތައަށް ތިރިވެފައެވެ.

ޕެންޑަމިކްގެ ސަބަބުން އެމެރިކާގައި 20 މިލިއަން މީހުންގެ ވަޒީފާ ގެއްލިފައިވެއެވެ. އަދި އޭޕްރީލް 2020ގެ ނިޔަލަށް ވަޒީފާ ނެތް މީހުންގެ ނިޞްބަތް 14.7 އިންސައްތައަށް މައްޗަށްޖެހިފައިވެއެވެ. ނަމަވެސް މާރިޗު 2022ގެ ނިޔަލަށް އެމެރިކާގައި ވަޒީފާ ނެތް މީހުންގެ ޢަދަދު ވަނީ 6 މިލިއަނަށް ތިރިވެފައެވެ. އެއީ ޕެންޑަމިކުގެ ކުރީގެ ޢަދަދު ކަމަށްވާ 5.7 މިލިއަނާއި ދާދި ކައިރި ޢަދަދެކެވެ. އެހެންކަމުން އެންމެ ފަހުގެ ރިޕޯޓުތަކުން ވަޒީފާގެ ބާޒާރު އިޔާދަކުރެވިފައިވާ މިންވަރު ދޭހަވާކަން ހާމަކުރައްވައި އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ މި ކާމިޔާބީއަށް ތަޢުރީފުކުރައްވާފައެވެ.

އެމެރިކާގައި މިދިޔަ މަހު އަލަށް މަސައްކަތްތެރިން އިތުރުކޮށްފައިވާ ދާއިރާތަކަށް ބަލާއިރު ސިނާޢީ މަސައްކަތުގައި 112000 ވަޒީފާއާއި، ރަސްމީ މަސައްކަތުގައި 102000 ވަޒީފާ އިތުރުވެފައިވެއެވެ. އަދި ރީޓެއިލް ދާއިރާއިން 49000 މަޤާމާއި، އުފެއްދުންތެރިކަމުގެ ދާއިރާއިން 38000 ވަޒީފާ އިތުރުކޮށްފައިވެއެވެ.

މިދިޔަމަހު އަލަށް ވަޒީފާ އަދާކުރަން ފެށި މީހުންގެ ޢަދަދު އަންދާޒާކުރި މިންވަރަށްވުރެ މަދު ނަމަވެސް، ވަޒީފާނެތް މީހުންގެ ނިޞްބަތް މަދުވެފައި ވަނީ އެނަލިސްޓުންގެ ލަފައަށްވުރެ ބޮޑަށް ކަމަށް ލޭބާ ޑިޕާޓްމަންޓުގެ ރިޕޯޓުތަކާ ޙަވާލާދީ އޮފިޝަލުން ހާމަކުރައްވައެވެ. އެހެންކަމުން މިއީ ބޮޑު ކުރިއެރުމެއް ކަމަށާއި، އެމެރިކާގެ ވަޒީފާގެ ބާޒާރު މިހާރު ވަނީ ޕެންޑެމިކުގެ ކުރީގެ ޙާލަތަށް ގާތްގަނޑަކަށް ވާޞިލުވެވިފައިކަމަށް ދިރާސާކުރާ ފަރާތްތަކުން ހާމަކުރެއެވެ.

ލޭބާ ޑިޕާޓްމަންޓުގެ ރިޕޯޓުތަކުން ހާމަވާގޮތުން އެމެރިކާގެ މަސައްކަތްތެރިންގެ ބައިވެރިވުން އިތުރުވަމުން އަންނަކަން ދޭހަވާއިރު، މަސައްކަތްތެރިންގެ އާމްދަނީވެސް މަޑުމަޑުން މަތިވަމުން އަންނަކަމަށް ދިރާސާކުރާ ފަރާތްތަކުން ހާމަކުރެއެވެ. ޕެންޑެމިކުގެ ސަބަބުން އިޤްތިޞާދަށް ކުރިމަތިވި ހީނަރުކަމުން އަރައިގަތުމަށްޓަކައި ފާއިތުވި ދެ އަހަރު އެމެރިކާގެ ފެޑެރަލް ރިޒާވުގެ އިންޓްރެސްޓް ރޭޓު ވަރަށް ބޮޑަށް ކުޑަކޮށްފައި އޮތުމަށްފަހު، މިއަހަރު އެކި ކުއާޓަރުތަކަށް ބަހާލައިގެން ރޭޓު މަތިކުރަން ވަނީ ފަށާފައެވެ. މި ނިންމުމުގެ ސަބަބުން މިހާރު އޮތް އިންފްލޭޝަންގެ ޙާލަތު އިތުރަށް ގޯސްވެ، ވަޒީފާގެ ބާޒާރަށް މަޑުޖެހުމެއް އައުމުގެ ފުރުޞަތު އެބައޮތްކަމަށް ބައެއް ތަޖުރިބާކާރުން ހާމަކުރައްވައެވެ.