ޚަބަރު

ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި 2 މީހަކު ހައްޔަރުކޮށްފި


ވައިގެ މަގުން ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ދެ މީހަކު ހައްޔަރުކޮށްފިއެވެ. ހައްޔަރުކޮށްފައިވަނީ ޕާކިސްތާނުގެ 2 މީހުންނެވެ. ފުލުހުން ބުނެފައިވަނީ ހައްޔަރުކޮށްފައިވަނީ ޕާކިސްތާން ރައްޔިތެއް ކަމަށްވާ އަޙްމަދު ޢަލީ (32އ) އާއި ހަމަ އެ ގައުމުގެ މޮއިމިނާ ޤުލްފާމް (20އ) ކަމަށެވެ.

އެމީހުން ހައްޔަރުކޮށްފައިވަނީ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓް އާއި ޓޫރިސްޓް ޕޮލިސް ގުޅިގެން މިދިޔަ މަހުގެ 25ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ވެލާނާ އިންޓަރނޭޝަލަން އެއާޕޯޓުންނެވެ.

މަސްތުވާތަކެތި ފެނިފައިވަނީ، އެމީހުން ގެންގުޅުނު ދަބަހެއް ބަލައި ފާސްކުރިއިރު އެދަބަހުންނާއި އެމީހުންގެ ހަށިގަނޑު ތެރެއިންނެވެ.

މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހުގެ ބަންދުގެ މުއްދަތެއްވަނީ ދީފައެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.