ޚަބަރު

މަގުތަކުގެ ބާރު ކުޑަކުރުމަށް ފުލުހުންގެ ޚާއްސަ އޮޕަރޭޝަންތަކެއް


މާލޭގައި ދުއްވާ އުޅަނދުތައް ގިނަވުމާއި، މަގުތައް ހަނިވުމާއި، ބައެއް ސަރަޙައްދުތަކުގައި މީހުން ހޭލަމޭލަވެ އުޅޭ މިންވަރު އިތުރުވުމުގެ ސަބަބުން މާލޭގެ ޓްރެފިކް ތޮއްޖެހުމުގެ މައްސަލަ އަބަދުވެސް ބޮޑެވެ. ޚާއްސަކޮށް ރަމަޟާންމަހު މިމައްސަލަ އިތުރަށް ބޮޑުވެ އެކަމުގައި އުފުލަންޖެހޭ ތަކުލީފު ބޮޑުވެގެންދެއެވެ.

ނަމާދު ވަގުތުގައި މިސްކިތްތައް ކައިރިއާއި ސްކޫލާއި އޮފީސްތައް ނިމޭ ވަގުތުތަކުގައި މަގުތައް އިތުރަށް ބާރުބޮޑުވެއެވެ. ޓްރެފިކް މައްސަލަ އެންމެ ބޮޑީ މާލޭ މާރުކޭޓުތައް ހިމެނޭ ބަނދަރު މަތީ ސަރަޙައްދުގައެވެ.

ހޯލްސޭލް ފިހާރަތަކާއި، ދަތުރުވެރިންގެ މާރުކޭޓާއި މަސް މާރުކޭޓާއި، އަދި ރަށްރަށުން އަންނަ ބޯޓުފަހަރުން މުދާ ބާލާ މުދާ އެރުވުމުގެ މަސައްކަތް ކުރަނީ އެ ސަރަޙައްދުގައިކަމުން، މަގުތަކުގެ ޙާލަތު އިތުރަށް ގޯސްވެއެވެ.

މި އަހަރުގެ ރަމަޟާން މަހުވެސް ފުލުހުންގެ ޓްރެފިކް ބޮޑު އޮޕަރޭޝަނެއް ކުރިއަށްގެންދަނީ ބާޒާރުމަތީގެ ސަރަޙައްދުގައެވެ. އެގޮތުން ވިޔަފާރި ކުރާ މީހުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، ބާރު ބޮޑުވާ ގަޑިތަކުގައި ގުޅުން ނެތް އުޅަނދުތައް އެ ސަރަޙައްދަށް ވަނުން މަނާކުރުން ހިމެނެއެވެ. ފުލުހުން ބުނެފައިވަނީ މާރުކޭޓާއި ނޯތު ހާބަރުގެ 6 ސަރަޙައްދެއް މިގޮތަށް ބަންދުކުރަމުންދާކަމަށެވެ. މި ބަދަލު މައިގަނޑު ގޮތެއްގައި ގެންނަނީ، މެންދުރު ފަހުގެ ވަގުތަށެވެ.

ރަމަޟާން މަސް ފެށުމުގެ ކުރިން ބަނދަރުމަތީ ސަރަޙައްދުގެ ޕާކިން ޖާގަތައް ކަނޑައަޅާ، ޕާކު ކުރުމަށް ޚާއްސަ އިންތިޒާމްތައްވަނީ ހަމަޖައްސާފައެވެ. ރަމަޟާން މަސް ފެށުމުގެ ކުރިން ފުލުހުންވަނީ "ބާޒާރު ފަހިރާސްތާ"ގެ ނަމުގައި މަގުމަތީގެ ޓްރެފިކް ކެމްޕެއިންތަކެއްވެސް ބަނދަރުމަތީ ސަރަޙައްދުގައި ކުރިއަށްގެންގޮސްފައެވެ.

ނަމާދު ވަގުތުގައި މިސްކިތްތައް ހިމެނޭ ސަރަޙައްދަށް ޚާއްސަ ސަމާލްކަމެއް ދީގެން ބެލެހެއްޓުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ. އެގޮތުން މާލޭގެ ބޮޑު 14 މިސްކިތެއް ހިމެނޭ ސަރަޙައްދުގެ ޓްރެފިކް ފްލޯ ބެލެހެއްޓުމާއި، އުޅަނދުތައް ތޮއްޖެހުން ކުޑަކުރުމަށް އިރުޝާދު ދިނުން ހިމެނެއެވެ. އެގޮން ނަމާދު ގަޑީގެ 30 މިނެޓު ކުރިން ފުލުހުން އެ ސަރަޙައްދުތަކުގައި ހަރަކާތްތެރިވާން ފަށައެވެ. އަދި ނަމާދު ނިމި ސަރަޙައްދުގެ ބާރު ކުޑަވަންދެން ފުލުހުން އެ ސަރަޙައްދުތައް ބަލަހައްޓާނެއެވެ.

ހަވީރުގެ ވަގުތުގައި އެންމެ ބާރުބޮޑުވާ ސަރަޙައްދަކީ ބްރިޖް ސަރަޙައްދެވެ. މި ސަރަޙައްދުތައް ބެލެހެއްޓުމަށް ޚާއްސަ ޓީމެއް ހަރަކާތްތެރިވާނެއެވެ. ބްރިޖް ކައިރީގެ ލޭންތައް މެދުގައި ކޯން ބެހެއްޓުމާއި، އަދި ބާރު ބޮޑުވާ ގަޑިތަކުގައި އުޅަނދުތައް ދުއްވުމަށް މަގު ބޭނުންކުރުމުގައި ވަގުތީ ބަދަލުތައް ގެންނާނެކަމަށް ފުލުހުން ބުނެއެވެ.

މީގެއިތުރުން މަޖީދީމަގު ހިމެނޭހެން، މާލޭގައި ބާރުބޮޑުވާ 9 ޖަންކްޝަނެއްގައި ފުލުހުން މަގުތައް ބެލެހެއްޓުން ކުރިއަށްގެންދާނެއެވެ.

ރޯދަ މަހު ދެން އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފުލުހުން ފާހަގަކުރަނީ ރޯދަވީއްލަން ބަންގި ގޮވާ ވަގުތު މަގުތަކަށް އަންނަ ހަލަބޮލިކަމެވެ. މިވަގުތުގައި ބާރަށް ވެހިކަލް ދުއްވުމުގެ ސަބަބުން އެކްސިޑެންޓްތައްވެސް ހިނގާފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. އެހެންކަމުން މިކަމަށް ސަމާލްވެ، ބަންގި ގަޑީގެ ކުރިން އެމީހަކު ދާން ބޭނުންވާ ތަނަކަށް ރައްކާތެރިކަމާއެކު ދިއުމަށް ފުލުން އިލްތިމާސްކުރެއެވެ.

ރޭގަނޑުގެ ވަގުތުގައިވެސް ފުލުހުންގެ އޮޕަރޭޝަންތައް ކުރިއަށްގެންދާނެއެވެ. އެގޮތުން އެހެން މީހުންނަށް ނުރައްކާވާގޮތަށް ދުއްވާ މީހުން ހިފަހައްޓާ އެކަމުގައި އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމަށް ފުލުހުން ބުނެއެވެ.

މަގުތަކުގެ ޓްރެފިކް ކުޑަކޮށް ރައްކާތެރިކަން އިތުރު ކުރުމަށް އާއްމުންގެ އެއްބާރުލުން ވަރަށް މުހިންމެވެ. އެގޮތުން އުޅަނދުތައް ޕާކު ކުރުމާއި، މަގުމަތީގެ ގަވާއިދުތަކާއި އިރުޝާދުތަކަށް ސަމާލްވުމާއި، އަދި އަނެކާގެ ރައްކާތެރިކަމަށް ވިސްނައިގެން ދުއްވުން ހިމެނެއެވެ.