ވިޔަފާރި

ހިޔާ ލޯކަލް މާރުކޭޓުން ގޮޅިތައް ދޫކޮށް، ހަފްތާއެއްގެ ތެރޭގައި ހުޅުވަނީ


ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތައް ހިމެނޭ ސަރަޙައްދުގައި ހަދާ ވަގުތީ ލޯކަލް މާރުކޭޓުން ގޮޅިތައް ލިބުނު ފަރާތްތަކަށް ގޮޅިތައް ޙަވާލުކޮށްފިއެވެ.

ހިޔާ ސަރަޙައްދުގައި ހަދާ ވަގުތީ މާރުކޭޓަކީ، ހިޔާ ސަރަޙައްދުގައި ދިރިއުޅޭ މީހުންނަށް ލުއިފަސޭހަކަމާއެކު އަގުހެޔޮކޮށް މޭވާއާއި ތަރުކާރީފަދަ ބާވަތްތައް ރަމަޟާން މަހު ގަނެވޭނެ ގޮތް ފަހިކޮށްދިނުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗް.ޑީ.ސީން ހަދާ މާރުކޭޓުތަކެކެވެ.

އެޗް.ޑީ.ސީން ވިދާޅުވީ، ޖުމްލަ 19 ގޮޅި ހިމެނޭ މި މާރުކޭޓުން، ގޮޅި ލިބުނު 17 ފަރާތަކާއެކު އެއްބަސްވުމުގައި ސޮއިކޮށް، އެގޮޅިތައް މިހާރު ޙަވާލުކޮށްފައިވާކަމަށެވެ. އަދި ސޮއިނުކުރެވިވާ 2 ގޮޅިވެސް ލިބުނު ފަރާތާއެކު ވަރަށް އަވަހަށް ސޮއިކުރާނެކަމަށެވެ. މި މާރުކޭޓުގެ ގޮޅިތައް ދޫކޮށްފައިވަނީ ހިޔާ ފްލެޓް ލިބިފައިވާ ފަރާތްތަކަށް އެކަންޏެވެ. އެޗް.ޑީ.ސީން ވިދާޅުވީ، މާރުކޭޓުގެ ގޮޅިތަކަށް ކުރިމަތިލުމަށް ހުޅުވާލުމުން ވަރަށް ބޮޑު ތަރުހީބެއް ލިބުނުކަމަށެވެ.

އެގޮތުން 500 އަށްވުރެ ގިނަ ފޯމް އެޕްލިކޭޝަންގެ ގޮތުގައި ލިބުނުކަމަށް އެޗް.ޑީ.ސީން ވިދާޅުވިއެވެ. މާރުކޭޓުގެ ގޮޅިތައް ލިބުނު ފަރާތްތަކަށް އެެތަންތަން މިހާރު ދޫކޮށްފައިވާއިރު، އެޗް.ޑީ.ސީން އަންނަނީ އެތަނުގެ މަސައްކަތް ނިންމާ ހަފްތާއެއްގެ ތެރޭގައި މާރުކޭޓް ހުޅުވުމަށް ތައްޔާރުވަމުންނެވެ.

ވަގުތީ މާރުކޭޓުން ގޮޅިތައް ދޫކޮށްފައިވަނީ 6 މަސް ދުވަހުގެ މުއްދަތަކަށެވެ. އަދި މި މުއްދަތުގެ ތެރޭގައި ކުލީގެގޮތުގައި ކޮންމެ މަހަކު 2000 ރުފިޔާ ދައްކަންޖެހޭނެއެވެ. މީގެ އިތުރުން ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި 1500 ރުފިޔާ ދައްކަންޖެހޭނެއެވެ. އެޗް.ޑީ.ސީން މި މާރުކޭޓް ހަދަނީ ހިޔާ ފްލެޓް ޓަވަރު 11 އަދި 12 ސަރަޙައްދުން ބެރެބެދި މާ ހިނގުން 2 ނަންބަރު ގޯޅީގައި ހިމެނޭ ބްލޮކެއްގައެވެ. މިއީ ހިޔާ ފްލެޓްގެ މަސައްކަތްތަކަށް މީގެކުރިން ބޭނުންކުރި ސައިޓެކެވެ.

ގޮޅިތައް ލިބޭ މީހުން ކަނޑައަޅާފައިވަނީ މިކަމަށް އެދި ފޯމު ހުށައަޅާފައިވާ މީހުންގެ މެދުގައި ގުރުއަތު ނަގައިގެންނެވެ. މިއީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިގޮތަށް ހުޅުވާ ފުރަތަމަ މާރުކޭޓެވެ. މިއީ ހަމައެކަނި ރަމަޟާން މަހަށް ޚާއްސަކޮށް ދޫކުރާ ގޮޅިތަކަކެވެ.

ހުޅުމާލޭ ދެވަނަ ފިޔަވައްސައް އާއިލާތަކުން ބަދަލުވާން ފެށިތާ 6 މަހަށްވުރެ ގިނަ ދުވަސްވެފައިވީނަމަވެސް، ހިޔާ ސަރަޙައްދަށް ބޭނުންވާ އާއްމު ޚިދުމަތްތައް އަދިވެސް އެކަށީގެންވާ ގޮތުގައި ފެށިފައެއް ނުވެއެވެ.

އާބާދީ އިތުރުވުމާއި ފިހާރަތައް މަދުވުމާއި ގުޅިގެން، ތަކެތި ގަންނަން ލިބުން ދަތިވެ ބޭނުންވާ ގިނަވިޔަފާރިތައް ކުރުމަށް އަދިވެސް ހިޔާގެ ރައްޔިތުން ދާންޖެހެނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސަށް ނޫނީ މާލެއަށެވެ. މިއީ ތަކުލީފު ބޮޑު ކަމެކެވެ.

ނަމަވެސް އެޗްޑީސީން މިހާރުދަނީ ފްލެޓް ސަރަޙައްދުން އެކި ވިޔަފާރިތަކަށް ސްލޮޓްތައް ދޫކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ފިހާރައާއި ބޭކަރީތަކާއި ކްލިނިކް އަދި ސެލޫންފަދަ ޚިދުމަތްތަކަށް ސްލޮޓްތައްވަނީ ކަނޑައަޅާފައެވެ.