ޚަބަރު

ކޮމަންޑޫގައި އެއްކޮޓަރި ތެރޭ ހަތަރު ފަސްކުދިން ބޮޑެތިވީ ޒަމާން މާޒީއާ ގާތަށް


އުފާވެރި ދުޅަހެޔޮ ޢާއިލާއެއް ބިނާވުމަކީ މުޖުތަމަޢުގެ ހަމަޖެހުމާ ސީދާ ގުޅިފައިވާކަމެކެވެ. އެހެންކަމުން އުފާވެރި ޢާއިލާއަކަށް މަގުވަފހިވާނެ ކަންކަންކުރުމަކީ މުޅި ޤައުމުގެ ކުރިމަގު ބައްޓަންކުރުމަށް މުހިއްމުކަމެކެވެ. ރާއްޖޭގެ ތަރައްޤީއަށް ހުރަސްއަޅާ ގިނަ މައްސަލަތައް ގުޅެނީ ޢާއިލާގެ ހަމަޖެހުމާއިކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. މިފަދަ ބައެއް މައްސަލަތަކުގެ އަސްލަކީ ބޯހިޔާވަހިކަމާއި ގުޅޭ މައްސަލަތަކެވެ. ވެރިރަށް މާލެއިން ފެށިގެން ރާއްޖޭގެ ގިނަ ރަށްތަކަކަށްވަނީ މިމައްސަލަ ކުރިމަތިވެފައެވެ. އެފަދަ އެއްރަށަކީ ށ.ކޮމަންޑޫއެވެ.

ދެހާހެއްހާ މީހުންގެ އާބާދީއެއް އޮންނަ ށ.ކޮމަންޑޫގައި ހަތަރު ފަސް ކުދިން ހިމެނޭ ޢާއިލާތައް އެއްކޮޓަޓީގައި ދިރިއުޅެ އެގޮތުގައި އެތައް ޖީލެއް ވަނީ ބޮޑެތިވެފައެވެ. މީގެ ސަބަބުން ރަށުގައި އިޖުތިމާޢީ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާކަމަށް ކޮމަންޑޫ ކައުންސިލުން ފާހަގަކުރައްވައެވެ. މިކަންކަމަށް ޙައްލެއް ގެނެސްދިނުމަށް ރައްޔިތުންގެ އެދުމުގެ މަތިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުވަނީ ކޮމަންޑޫއާއި މަތި ކޮމަންޑޫ ގުޅާލާ ކޮމަންޑޫ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ނިންމަވާ އެކަން އެމްޓީސީސީއާއި ޙަވާލުކުރައްވާފައެވެ.

މިމަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މިމަސައްކަތަކީ 2024 އަށް ނިންމަން ޙަވާލުކޮށްފައިވާ މަޝްރޫޢެއް ނަމަވެސް އެމްޓީސީސީގެ އަމާޒަކީ ވީއެންމެ އަވަހަކަށް މިމަސައްކަތް ނިންމާ ރައްޔިތުން ތިބި ދަތިޙާލަށް ނިމުމެއް ގެނެސްދިނުންކަމަށެވެ. އެގޮތުން އަންނަ އަހަރުގެ މެދުތެރޭގައި މަސައްކަތް އެއްކޮށް ނިންމުމަށް އެމްޓީސީސީން ބާރު ސްޕީޑުގައި މަސައްކަތް ކުރިއަށްގެންދާކަން އާޒިމް ފާހަގަކުރެއްވިއެވެ.


"މިމަޝްރޫޢުގެ ދަށުން މިހާތަނަށް 5 ހެކްޓަރުގެ ބިން އެމްޓީސީސީންވަނީ ހިއްކާފަ. މިހާރު ކުރަމުންދަނީ ހިއްކާފައިވާ ސަރަޙައްދުން ފަސްގަނޑު ގިރަމުންދާތީ އެކަން ހުއްޓުވުމަށްޓަކާ ފަސްގަނޑު ޙިމާޔަތްކުރުމަށް ރިވެޓްމަންޓު ޖެހުމުގެ މަސައްކަތް." އާޒިމް ވިދާޅުވިއެވެ.

ރަށުގައި އިތުރުވެފައިވާ އިޖުތިމާޢީ މައްސަލަތައް ނިމުމަކަށް ގެނައުމަށް މިމަޝްރޫޢަކީ ރަށަށް ވަރަށް މުހިއްމު މަޝްރޫޢެއްކަމަށް ރަށު ކައުންސިލް ރައީސް މުޙައްމަދު ސިނާން ފާހަގަކުރެއްވިއެވެ. އަދި މިމަޝްރޫޢާއި ރައްޔިތުންގެ އުއްމީދު ވަރަށް ބޮޑަށް ގުޅިފައިވާކަންވެސް ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ.

"ދެހާސް މީހުންގެ އާބާދީއެއް އޮންނައިރު މިރަށުގެ އާބާދީއަށް ބޭނުންވާ ބިން މިރަށަކު ނެތް. ހަތަރު ފަސް ކުދިން ގޮވައިގެން ޢާއިލާތައް އުޅެނީ އެއްކޮޓަރީގަ. އޭގެސަބަބުން ވަރަށް ގިނަ މައްސަލަތައް އެބަނިކުމޭ." ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ރަށަށް ކުރިމަތިވެފައިވާ މިބޮޑު މައްސަލައާއި ގުޅިގެން ހުރި ކަންބޮޑުވުން އެރަށު ރައްޔިތުންވަނީ ނޫސްވެރިންނާ ހިއްސާކޮށްފައެވެ. އަދި ކޮމަންޑޫއާއި މަތި ކޮމަންޑޫ ހިއްކުމުގެ މަޝްރޫޢާއި ގުޅޭގޮތުން ކުރާ އުއްމީދުވެސްވަނީ ހިއްސާކޮށްފައެވެ.

ދައްތަ ވަރަށް އުފަލުން މިހިރީ. ދައްތަގެ ކުދިން ބޮޑެތިވީ އެޙާލުގަ. ދައްތަގެ ދަރިންގެ ދަރިންވެސް އެއުޅެނީ އެޙާލުގަ. ވަރަށް އުފާވޭ މިމަސައްކަތް ފެށީމަ." އުމުރުން ދުވަސްވީ ކޮމަންޑޫގެ ރައްޔިތަކު ބުންޏެވެ.
"މިއީ ވަރަށް ޒަމާންވީ އުއްމީދެއް. މިހާރު އެންމެ ދެކެން ބޭނުންވަނީ މިތަން ހިއްކައިގެން ބިން ދޫކުރާނެ ދުވަހެއް." ކޮމަންޑޫގެ އެހެން ރައްޔިތަކު ބުންޏެވެ.

ކޮމަންޑޫގައި އޮތް ބިމުގެ މައްސަލައަށް ޙައްލެއް ގެނައުމަށް ކޮމަންޑޫއާއި މަތި ކޮމަންޑޫ ގުޅާލުމުގެ މަޝްރޫޢުގެ ދަށުން 16.7 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ. އަދި ދެކޮމަންޑޫގެ ދެމެދު 200 މީޓަރުގެ ފާލަމެއް އެޅުމަށްވެސްވަނީ ނިންމާފައެވެ. އެހެންނަމަވެސް ބައެއް ބަދަލުތައް މަޝްރޫޢުގެ ޑިޒައިނަށް ގެނައުމަށް ކޮމަންޑޫގެ ރައްޔިތުންނާއި ކައުންސިލުން އެދެމުންދާތީ ކޮންމެވެސް ވަރެއްގެ ބަދަލެއް މަޝްރޫޢު ނިންމާ ތާރީޚަށް އައުމުގެ ފުރުސަތު އޮތްނަމަވެސް އެމްޓީސީސީއިން މަސައްކަތްކުރަނީ އަންނަ އަހަރު މިމަސައްކަތް ނިންމުމަށްކަމަށް އެކުންފުނިން ވިދާޅުވެއެވެ. މީގެއިތުރުން ކޮމަންޑޫގައި ޤާއިމުކޮށްފައިވާ ރިވެޓްމަންޓުގައި މައްސަލަތަކެއް ކުރިމަތިވެ އެރަށަށް ބޭނުންވާ ސަޕޯޓް ރިވެޓްމެންޓުން ނުލިބޭތީ އެމައްސަލަ ޙައްލުކުރުމުގެ މަސައްކަތްވެސް އެމްޓީސީސީން އަންނަނީކުރަމުންނެވެ. މިކަމަށް ބޭނުންވާ ހިލަ މިމަހުގެ ތެރޭގައި ލިބޭނެކަމަށް އެކުންފުނިން ވިދާޅުވެއެވެ.