ޚަބަރު

އައު އަދަބީބަހެއް ހަދައިގެން މެލޭޝިއާއަށް ހިލޭ ދަތުރެއް!


އަގުހުރި އިނާމަކާއެކު އެސްޓީއޯއިން އައު އަދަބީބަސް ހެދުމުގެ މުބާރާތެއް ފަށައިފިއެވެ.

ރަމަޟާން މަހާއި ގުޅުވާލައިގެން އެސްޓީއޯއިން ފެށި މިމުބާރާތަކީ ދިވެހި ބަހުގައި ހިމެނޭ އަދަބީ ބަސްތަކުގެ ހަޒާނާ އިތުރަށް މުއްސަނދިކުރުމުގެ ގޮތުން ކުރިއަށްގެންދާ މުބާރާތެކެވެ.

މިމުބާރާތުގައި ބައިވެރިވުމަށް އެސްޓީއޯގެ ޓްވިޓަރ ނުވަތަ ފޭސްބުކްގައި DhivehiAdhabeebahaaiSTO# ބޭނުންކޮށްގެން އައު އަދަބީ ބަހެއް ޕޯސްޓްކޮށްލެވޭނެއެވެ. އެއަށްފަހު އެބައިވެރިއަކު ޕޯސްޓްކުރާ އައު އަދަބީބަހާއި އެބަހުގެ މާނަ އަދި އެބަސް ބޭނުންކުރެވޭނެ ހާލަތު އެނގޭނެފަދަ މިސާލެއް އިންބޮކްސް ކުރަންވާނެކަމަށް އެސްޓީއޯއިން ބުނެއެވެ. އަދި އިންބޮކްސް ކުރާއިރު ހުށަހަޅާ ފަރާތާއި ގުޅޭނެ ނަންބަރެއްވެސް ފޮނުވަންވާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.


މި މުބާރާތަށް ހުށަހަޅާ އަދަބީ ބަސްތަކަކީ އެއްވެސް ފޮތެއްގައި ޝާއިއުކޮށްފައިވާ ބަހަކަށް ވެގެންނުވާނެއެވެ. އަދި އަދަބީ ބަސްތައް ފޮނުވާއިރު ދިވެހިބަހުގެ ކޮންމެ ބަހުރުވައަކުންވެސް ފޮނުވިދާނެއެވެ. މުބާރާތުގެ ބައިވެރިން ހުށަހަޅާފައިވާ އައު ހަރުބަސްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ 5 އައު ހަރުބަސް ޚިޔާރުކޮށް ފަނޑިޔާރުންގެ މެދުގައި އިންސާފުކުރުމަށްފަހު އެންމެ ރަނގަޅު އެއް ހަރުބަސް ހޮވާނެއެވެ.

މި މުބާރާތުން އެއްވަނައަށް ހޮވޭ ފަރާތަކަށް މެލޭޝިއާ ދެކޮޅު ޓިކެޓާއެކު 1000 ޑޮލަރުގެ ފައިސާގެ އިނާމެއް އެސްޓީއޯއިން ވަނީ ހުށަހަޅާފައެވެ. އައު އަދަބީ ބަސްތައް ހުށަހެޅުމުގެ ސުންގަޑިއަކީ 30 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ ރޭ 23:59 އެކެވެ.