ޚަބަރު

16 ބައިވެރިންނާއެކު ޕީއެސްއެމްގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފަށައިފި


ޕަބްލިކް ސާރވިސް މީޑިއާ، ޕީ.އެސް.އެމްގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފަށައިފިއެވެ. މިއީ މީޑިއާގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ކްރިއޭޓިވް ޒުވާނުންނަށް ތަމްރީނާއި، ހުނަރާއި، މަސައްކަތުގެ ތަޖްރިބާ ފޯރުކޮށްދިނުމުގެ މަޤްސަދުގައި ޕީ.އެސް.އެމުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

ޕީ.އެސް.އެމް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ފުރުޞަތު ހުޅުވާލެވިފައިވާ ދާއިރާތަކަކީ ނޫސްވެރިކަން، ޓީވީ ޕްރޮޑަކްޝަން، ރޭޑިއޯ ޕްރޮޑަކްޝަން، ނިއުސް އެންކަރިންގ އަދި ޕްރެޒެންޓިންގއެވެ. މީގެ އިތުރުން ވަޒީފާގެ މާހައުލަށް ތައްޔާރުކުރުމުގެ ގޮތުން ޕީ.އެސް.އެމްގެ އެކި ޑިޕާޓްމަންޓުތަކުގެ އިސްވެރިން، މިޕްރޮގްރާމުގެ ބައިވެރިންނަށް ސެޝަންތަކެއް ނަގައިދޭ ގޮތަށްވަނީ ހަމަޖެހިފައެވެ.

މިޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުޤުވެރިކަން ފާޅުކޮށް އެޕްލިކޭޝަން ހުށަހެޅި 130 ފަރާތުގެ ތެރެއިން ވަނަވަރަށް ބެލުމަށްފަހު 32 ބައިވެރިންނާއެކު އިންޓަވިއު މަރުހަލާ ކުރިޔަށް ގެންގޮސް، އެމަރުޙަލާ ކާމިޔާބު ކުރި 16 ބައިވެރިން ވަނީ ހޮވާފައެވެ.
މިބައިވެރިންނާއެކު ޕްރޮގްރާމް ކުރިއަށްދާނީ 6 މަސްދުވަހުގެ މުއްދަތަކަށެވެ. އަދި މިޕްރޮގްރާމްގެ މުއްދަތުގައި ބައިވެރިންނަށް އެލަވަންސެއްވެސް ލިބޭގޮތަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ޝަރުތަކީ ސާނަވީ ނުވަތަ އެއާ އެއްފެންވަރެއްގެ އިމްތިހާނަކުން 2 މާއްދާއަކުން ފާސްވެފައިވުމެވެ.

ޕްރޮގްރާމްގެ ބައިވެރިންނަށް ކުރިއަށް ގެންދެވޭ ޚާއްސަ ތަމްރީނުތައް ރާވާ ހިންގަނީ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓުންނެވެ. މިޕްރޮގްރާމު ފުރިހަމަ ކުރާ ފަރާތްތަކަކީ މަލްޓި ޓާސްކްކޮށް މީޑިއާގެ ދާއިރާގައި މަސައްކަތް ކުރެވޭނެ ބަޔަކަށް ހެދުމަށް ބޭނުންވާ ތަމްރީނުތައް ދެވޭނެއެވެ. އެގޮތުން، ނޫސްވެރިކަމުގެ އިތުރުން، އަމިއްލައަށް ކެމެރާކޮށް، ވީޑިއޯ އެޑިޓްކޮށް އެހުށަހެޅުމުގެ ހުނަރުތައް ދަސްކޮށް ދިނުމުގެ އިތުރުން، ޓީވީ ޕްރޮގްރާމާއި ރޭޑިއޯ ޕްރޮގްރާމު އުފައްދަން ދަސްކޮށްދެވޭނެއެވެ.

މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަ ކުރާ ފަރާތްތަކަށް، އެ އިންސްޓިޓިއުޓުން ހިންގާ MNQF ލެވެލް 3 ގެ ޖަރނަލިޒަމް ސެޓިފިކެޓް ހާސިލުކުރުމުގެ އިތުރުން ކުންފުނީގައި މުވައްޒަފެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.