ޚަބަރު

މިއަހަރުގެ ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި


ރާއްޖޭގެ އެކި ހިސާބުތަކުގައި މިއަހަރުގެ ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފިއެވެ.

ރަމަޟާންމަހުގެ 1ވަނަ ދުވަހުން ފެށިގެން ރަމަޟާންމަހުގެ 28ވަނަ ދުވަހުގެ ނިޔަލަށް ފިތުރު ޒަކާތް ބަލައިގަތުން ކުރިއަށްދާނެ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ވަނީ ވިދާޅުވެފައެވެ.

މިނިސްޓްރީން ޒަކާތް ބަލައިގަންނަން ހަމަޖެހިފައިވަނީ ބަންދު ދުވަސްތައް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 10:00ން ފެށިގެން 13:00އާއި ހަމައަށެވެ. މާލެ ސިޓީ ފިޔަވާ ރަށްރަށުގައި ފިތުރުޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާނީ އެރަށެއްގެ ރަށު ކައުންސިލް ނުވަތަ ސިޓީ ކައުންސިލްތަކުންނެވެ.

އުމުރުން ދުވަސްވެފައިވާ ފަރާތްތަކާއި، އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކަށް ޚާއްސަކޮށް މިމަހުގެ 3ވަނަ ދުވަހުން ފެށިގެން އިސްލާމިކް މިނިސްޓްރީގެ ހޯލުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

މިއަހަރުވެސް ފިތުރު ޒަކާތުގެ ފައިސާ ދެއްކުމުގައި ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރެވެސް ފަސޭހަކަމާއެކު އޮންލައިންކޮށް ޒަކާތްދެއްކޭނެ އިންތިޒާމް އިސްލާމިކް މިނިސްޓްރީން ވަނީ ހަމަޖައްސާފައެވެ. އެގޮތުން ބެންކް އޮފް މޯލްޑިވްސް، މޯލްޑިވްސް އިސްލާމިކް ބޭންކް، ދިރާގު، އުރީދޫ އަދި ފަހިޕޭ މެދުވެރިކޮށް ޒަކާތް ދެއްކޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. އަދި މިއަހަރު ގެނެވުނު ބަދަލުތަކާއިއެކު އޮންލައިންކޮށް ފިތުރު ޒަކާތް ދައްކާ ފަރާތްތަކުން ބޭނުންވާ ރަށަކަށް ފައިސާ ޖަމާކުރެވޭނެގޮތަށް ވަނީ ހަމަޖެހިފައެވެ.

މީގެ ކުރީގެ އަހަރުތަކުގައި ފިތުރު ޒަކާތުގެ ފައިސާ ބަލައިގަތުމުގައި ކޮންމެ ރަށަކަށް ކަނޑައަޅާފައިވާ ވަކި މިންވަރެއް ދައްކަން ޖެހެއެވެ. ނަމަވެސް މިއަހަރު ގެނައި ބަދަލުތަކާއެކު ފިތުރު ޒަކާތް ދައްކަން ކަނޑައަޅާ މިންވަރަކީ، އެއީ ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ބަލައިގަންނަ މިންވަރުގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. އެގޮތުން ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީން ކަނޑައަޅާފައިވާ ގޮވާމުގެ ބާވަތްތަކުގެ 2.4 ކިލޯއަށްވާ ފައިސާއިންނެވެ.

ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ މިންވަރު:

  • އާދައިގެ ހަނޑުލުންނަމަ 12 ރުފިޔާ
  • ތައިލެންޑް ހުދު ހަނޑުލުންނަމަ 77 ރުފިޔާ
  • ބާސްމަތީ ހަނޑުލުގެ އާދައިގެ ހަނޑޫނަމަ 76 ރުފިޔާ
  • ބާސްމަތީ ހަނޑުލުގެ މޮޅު ހަނޑޫނަމަ 90 ރުފިޔާ
  • ބާސްމަތީ ހަނޑުލުގެ އެންމެ މޮޅު ހަނޑޫނަމަ 132 ރުފިޔާ
  • ރަތް ހަނޑުލުންނަމަ 72 ރުފިޔާ
  • އާދައިގެ ފުށުންނަމަ 12 ރުފިޔާ
  • އާޓާ ފުށުންނަމަ 75 ރުފިޔާ


ފިތުރު ޒަކާތް ދެއްކުމަށް ހަމަޖެހިފައި އޮންނަނީ އެބަޔަކު އެޤައުމެއްގައި ޢާއްމުކޮށް ކައިއުޅޭ ގޮވާމުގެ ބާވަތަކުންނެވެ. އޭގެ މިންވަރަކީ ޞާޢެއް، ނުވަތަ ދެއަތް ގޮށިން ނެގޭ މިންވަރެވެ. މިގޮތުން ބަލާއިރު އެކި ބާވަތުގެ ގޮވާމުގެ ބަރުދަން ތަފާތުވެއެވެ. އެހެންކަމުން ޞާއެއްގެ ބަރުދަނަކީ ހަނޑުލުން ނަމަ ގާތްގަނޑަކަށް ދޭއް ޕޮއިންޓު ހަތަރެއް ކިލޯ ގްރާމެވެ. އަދި ޢާއްމުކޮށް ކައިއުޅޭ ގޮވާމުގެ ބާވަތުން ފިތުރު ޒަކާތް ދެއްކުމުގެ ބަދަލުގައި އެމިންވަރުގެ ގޮވާމުގެ އަގަށްވާ ނަގުދު ފައިސާއިންވެސް ފިތުރު ޒަކާތް ދައްކަމުންދެއެވެ.

ފިތުރު ޒަކާތަކީ ރަމަޟާން މަސް ނިމުމާއެކު ޒަކާތް ޙައްޤުވާ މީހުންނަށް ދޭންޖެހޭ މާއްދީ އެހީތެރިކަމެކެވެ. ފިތުރު ޒަކާތް ފަރުޟު ކުރެއްވުނީ ރަމަޟާންމަހުގެ ރޯދައާއެކު ހިޖުރައިން ދެވަނަ އަހަރުއެވެ.

މުސްލިމުންގެ ތެރޭގައި ހިމެނޭ އަންހެނުންނާއި ފިރިހެނުންނާއި ކުޑަކުދިންނާއި ބޮޑެތިމީހުންނާއި މިނިވަނުންނާއި އަޅުންނާއި ފަޤީރުންނާއި މުއްސަނދިންގެ މައްޗަށްވެސް ފިތުރު ޒަކާތް ވާޖިބުވެގެންވެއެވެ. އެހެންނަމަވެސް ފިތުރު ޒަކާތް ވާޖިބުވާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތަކެއްވެއެވެ. އެއީ ޢީދުދުވަހާއި އެރޭ އޭނާއާއި އޭނާގެ ބަލަދުވެރިކަމުގެ ދަށުގައިވާ މީހުންގެ ކެއުމާއި އެހެނިހެން އަސާސީ ބޭނުންތައްފުއްދޭނެ މިންވަރުގެ ފައިސާ ނުވަތަ ތަނަވަސްކަން ހުރުމެވެ.