ޚަބަރު

އިހްޔާ ފޯރަމްތައް މިއަހަރު އަތޮޅުތަކުންވެސް


ރަމަޟާންމަހުގެ އިޙްޔާ ފޯރަމްތައް މިއަހަރު މާލޭގެ އިތުރުން ރާއްޖޭގެ 3 ސިޓީއާއި ރ.އުނގޫފާރުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. މިއަހަރަކީ ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމުގެ ޕްރޮގްރާމް ސަރުކާރުން ގެނެސްދޭތާ 44ވަނަ އަހަރެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މިއަހަރުވެސް އިހްޔާ ފޯރަމްތައް ކުރިއަށްގެންދާނީ އާދީއްތަ އަދި ބުރާސްފަތި ދުވަހުގެ ރޭ ކަމަށެވެ. މިޕްރޮގްރާމަކީ އާއްމުންނަށް ބައިވެރިވެވޭ ގޮތަށް ކުރިއަށްގެންދާ، ދީނީ މަޢުލޫމާތު ދިނުމުގެ ސެޝަންތަކެކެވެ. އެގޮތުން ދީނީ އިލްމުވެރިން މެދުވެރިކޮށް އެކި މަޢުޟޫތަކަށް ވާހަކަދެއްކުމާއި، މަޢުލޫމާތުދިނުން ހިމެނެއެވެ. އަދި މިއީ އެމަޢުޟޫއަކާއި ގުޅޭގޮތުން ސުވާލުކުރުމުގެ ފުރުޞަތު އާއްމުންނަށްދީ، އާއްމުންގެ ބައިވެރިވުން ފުރިހަމައަށް ހިމެނޭ ޕްރޮގްމާކެވެ. މީގެއިތުރުން، ދީނީ ފޮތްތައް ހަދިޔާކުރުންވެސް އިޙްޔާ ފޯރަމްތަކުގެ ތެރެއިން ކުރިއަށްދެއެވެ.

ޒަމާނުއްސުރެ އިހްޔާ ފޯރަމް ބާއްވަމުން އައިސްފައިވަނީ މާލޭގެ އިސްލާމީ މަރުކަޒުގައެވެ. ނަމަވެސް މިއަހަރުގެ ރަމަޟާން މަހަށް ރާވާފައިވާ ކަންކަމުގެ ތެރެއިން، މާލެއެކޭ އެއް ފެންވަރެއްގައި އިހްޔާ ފޯރަމްތައް އަތޮޅުތެރޭގައިވެސް ބޭއްވުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމާފައެވެ.

"މިފަހަރު އައްޑޫ ސިޓީ ހިތަދޫ، ފުވައްމުލައް ސިޓީ، ކުޅުދުއްފުށި ސިޓީ އަދި ރ.ދުވާފަރުގައި އިހްޔާ ޕްރޮގްރާމް ކުރިއަށްގެންދާނަން." އިސްލާމިކް މިނިސްޓަރ ޑރ.އަޙުމަދު ޒާހިރު ވިދާޅުވިއެވެ.

މާލޭގައި ބާއްވާ ފޯރަމްތައް ޓީވީއެމުން ދެއްކުމަށްވަނީ ހަމަޖެހިފައެވެ. އަދި އަތޮޅުތަކުގައި ބާއްވާ ފޯރަމްތައް ޕީއެސްއެމް ނިއުސްއިން ލައިވް ކުރާނެއެވެ. އަތޮޅުތަކުގައި ބާއްވާ އިހްޔާ ފޯރަމްތައް އޮންނާނީ ހަފްތާ ބަންދުގައި ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

މީގެއިތުރުން އަސުރު ނަމާދަށްފަހު މިސްކިތްތަކުގައި ދަރުސް ދިނުމާއި، މާލޭގެ ބައެއް ސަރަޙައްދުތަކުގައި ދީނީ މައުލޫމާތު ފޯރުކޮށްދިނުމުގެ އައުޓް ރީޗް ޕްރޮގްރާމްތައް ބޭއްވުމަށްވަނީ ރާވާފައެވެ.

އަދި ޓީވީން ގެނެސްދޭ "ދީނީ ސުވާލާއި ޖަވާބު" އަދި "ރޯދަ ކުދިން" ޕްރޮގްރާމް މިއަހަރުވެސް ކުރިއަށްދާނެއެވެ.