ޚަބަރު

ފުލުހުންގެ އޮންލައިން ޚިދުމަތްތައް ފަސޭހައިން ހޯދުމަށް އެޕް ޑައުންލޯޑްކުރުމަށް އެދިއްޖެ


ދިވެހި ފުލުހުންގެ ޚިދުމަތުން އޮންލައިންކޮށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހައިން ހޯދުމަށް މޯބައިލް އެޕްލިކޭޝަން ޑައުންލޯޑްކުރުމަށް އެދިއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ މޯބައިލް އެޕްލިކޭޝަން ރަސްމީކޮށް ލޯންޗްކޮށްފައިވަނީ ފުލުހުންގެ 89 ވަނަ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހެވެ.

"ޕޮލިސްއެމްވީ"ގެ ނަމުގައި ތަޢާރަފުކުރި މި އެޕްލިކޭޝަނަކީ، ފުލުހުން އޮންލައިންކޮށް އާންމުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް، މޯބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފޯރުކޮށްދިނުމަށްޓަކައި، އައި.އޯ.އެސް އަދި އެންޑްރޮއިޑް ފޯނުތަކަށް ފަރުމާކޮށްފައިވާ އެޕްލިކޭޝަނެކެވެ. މިއީ ކޮންމެ ތަނެއްގައި ހުރެގެންވެސް ޕޮލިސިންގެ ޚިދުމަތް ލިބިގަތުމުގައި ލުއި ފަސޭހަގޮތްތަކެއް ހޯދައިދޭ ގޮތަށް ފަރުމާކޮށްފައިވާ ޚިދުމަތެއްކަމަށް ފުލުހުން ވިދާޅުވެއެވެ.


މި އެޕްލިކޭޝަނުގައި ރަޖިސްޓްރީވުމަށްފަހު، އެމީހެއްގެ ޑްރައިވިންގ ލައިސަންސްގެ މައުލޫމާތާއި، އެމީހެއްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ވެހިކަލްތަކުގެ އަހަރީ ފީ ސްޓޭޓަސް އެނގޭނެހެން ތަފްސީލީ މައުލޫމާތާއި، އެމީހެއްގެ ޓްރެފިކް މައްސަލަތަކާއި ޕާކިން މައްސަލަތައް ބަލައިލެވޭނެއެވެ. އަދި މި އެޕްލިކޭޝަން މެދުވެރިކޮށް ފުލުހުންނަށް މައްސަލަ ހުށަހެޅުމުގެ އިތުރުން، ހުށަހަޅާ މައްސަލަތަކުގެ އަދާހަމަ ބެލުމާއި، ފުލުހުން ފޯރުކޮށްދޭ ހިދުމަތްތަކާއި ވަކިވަކި ފުލުހުންނާ ގުޅޭ ޝަކުވާ ނުވަތަ ތައުރީފް ހުށަހެޅޭނެއެވެ.

ހަމައެއާއެކު، މި އެޕްލިކޭޝަން މެދުވެރިކޮށް ކުށުގެ ރިޕޯޓަށާއި ޕޮލިސް ކްލިއަރެންސް ސެޓްފިކެޓަށް އެޕްލައިކުރުމުގެ އިތުރުން ކްލިއަރެންސް ސެޓްފިކެޓް، އެޕްލިކޭޝަން މެދުވެރިކޮށް ލިބޭނެއެވެ. އަދި ސެޓްފިކެޓްގެ ސައްހަކަން ކަށަވަރު ކުރެވޭނެއެވެ.

ފުލުހުން ވިދާޅުވީ، މި އެޕްލިކޭޝަން ފަރުމާކޮށްފައިވަނީ، އެޕްލިކޭޝަން މެދުވެރިކޮށް ފުލުހުންނާ ކުރާ މުއާމަލާތުގެ ރެކޯޑް ބެލެހެއްޓޭ ގޮތަށެވެ. އަދި ފުލުހުންނަށް ގުޅަން ޖެހިއްޖެ ހާލަތެއްގައި، ނެއިބަހުޑް ޕޮލިސް އޮފިސަރުންގެ މައުލޫމާތާއި ޕޮލިސް ސްޓޭޝަން ތަކުގެ މައުލޫމާތު ކޮންމެ ތަނެއްގައި ހުރެގެންވެސް ފަސޭހަ ކަމާއެކު ބަލައިލެވޭ ގޮތަށްކަމަށެވެ.