ޚަބަރު

ހިޔާ ސަރަޙައްދުގެ ފުރަތަމަ ޕްރީ ސްކޫލްގެ ބިންގާ އަޅައިފި


ހިޔާ ސަރަޙައްދުގައި ތަރައްޤީކުރާ ފުރަތަމަ ޕްރީ ސްކޫލްގެ ބިންގާއަޅާ، އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްތައް ފަށައިފިއެވެ.

މި ޕްރީ ސްކޫލް އަޅަނީ ހިޔާ ޓަވަރު 3އަދި 4 ކުރިމަތިން އޮންނަ ބިމުގައެވެ.

ހިޔާ ސަރަޙައްދުގައި ތަރައްޤީކުރާ ފުރަތަމަ ޕްރީ ސްކޫލްގެ ބިންގާ އަޅުއްވައިދެއްވީ ހައުސިން ޑެވެލޮޕަމަންޓް ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު އާތިފް އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒްއެވެ. އަދި މަސައްކަތުގެ ކޮންޓްރެކްޓަރުން ބްއިވެރިވެފައިވެއެވެ.

އެޗްޑީސީން ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު އާތިފް ވިދާޅުވި މި މަސައްކަތަކީ ހިޔާގެ ރައްޔިތުންނަަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފުރިހަމަކުރުމަށް އެޗްޑީސީން ފަށާފައިވާ މަސައްކަތުގެދަށުން އަޅާ ސްކޫލެއްކަމަށެވެ.

"މި މަސައްކަތް 6 މަސްދުވަހުން ނިންމާނަން. 24 ކްލާސްރޫމް މި ޕްރީ ސްކޫލްގައި ހިމެނޭ." އާތިފް ވިދާޅުވިއެވެ.

އާތިފް ވިދާޅުވީ ސްކޫލްގެ ޢަމަލީ މަސައްކަތް ނިންމާ މިއަހަރުގެ އޮގަސްޓް މަހު އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކުރާނެކަމަށެވެ. ޢަދި އެޑިއުކޭޝަން މިނިސްޓްރީއާއެކު މަސައްކަތް ފަށާފައިވަނީ، ޕްރީ ސްކޫލްގެ ކިޔެވުން މި އަހަރު ފެށުމަށްކަމަށް އާތިފް ވިދާޅުވިއެވެ.

މި ޕްރީ ސްކޫލްގައި 24 ކްލާސްރޫމް ހިމެނޭއިރު، އެއީ އެއްފަހަރާ 400އެއްހާ ކުދިންނަށް ކިޔަވައިދެވޭނެ ޖާގައެވެ.

މި ޕްރީ ސްކޫލްގެ ކޮންޓްރެކްޓަރ އެސްޖޭ ކޮންސްޓަރަކްޝަންއާއި ހަވާލުކޮށްފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 2 ޕްރީ ސްކޫލް ތަރައްޤީކުރުމަށެވެ. މި ދެ ސްކޫލްގެ މަސައްކަތްވެސް އޮގަސްޓް މަހަށް ނިންމުމަށްވަނީ ހަމަޖެހިފައެވެ.

ތަޢުލީމީ ނިޒާމަށް ގެނެސްފައިވާ ބަދަލާއެކު މިހާރު ދިރާސީ އާ އަހަރު ފެށެނީވެސް އަހަރުގެ މެދުތެރެއިން އޮގަސްޓްމަހުން ފެށިގެންނެވެ.

ދެވަނަ ފިޔަވަހީގައި ޕްރައިމަރީ އަދި ސެކަންޑްރީއަށް ކިވައިދޭ ސްކޫލެއް އެޅުމަށް މިދިޔައަހަރުގެ ޖޫންމަހު ވަނީ ބަޔަކާއި ހަވާލުކޮށްފައެވެ. އެޑިއުކޭޝަން މިނިސްޓްރީއިން ހާވަކޮށްފައިވާގޮތުގައި ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ ސްކޫލްތައްވާނީ 1000-1200އާއި ދެމެދުގެ ޖާގައިގެ ސްކޫލްތަކަށެވެ. މި ސްކޫލްގެ މަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވަނީ 18މަސް ދުވަހުންނެވެ.