ޚަބަރު

މިފެށޭ ހަފްތާތެރޭގައި ލުނބޯގެ އަގު ދަށަށްދާނެ: ވިޔަފާރިވެރިން


ރޯދަމަހަކީ ކެއުންބުއިމަށް ބޭނުންކުރާ ތަކެތީގެ ޑިމަންޑު ބޮޑުވާ މަހެކެވެ. ހެޔޮ އަގެއްގައި މިތަކެތި ގަތުމަށް ގިނަ އަދަދެއްގެ ބަޔަކު ބާޒާރުމައްޗަށްދެއެވެ. އެއީ ހޯލް ސޭލް އަދި ރީޓެއިލްކޮށް އެ ހިސާބުން މިފަދަ ތަކެތި ލިބޭތީވެސް މެއެވެ. މިއަހަރުގެ ރޯދަމަސް ފެށެން ތައްޔާރުވެފައިވާއިރު، ވިޔަފާރިކުރަން ބާޒާރު މައްޗަށްދާ މީހުންގެ އަދަދަދުވެސް ގިނައެވެ.

ބާޒާރު މަތީގައި ތަކެތި ތިޔާގި ނަމަވެސް މިއަހަރު އެންމެ ބޮޑަށް އަގު އުފުލިފައިވާ ބާވަތަކީ ލުނބޯއެވެ. ބާޒާރުމަތީގެ ފިހާރަތަކުން ލުނބޯ ލިބެން ހުރީ މަދު ފިހާރައަކުންނެވެ. މިހާރު ބާޒާރުގައި ލިބެން ހުރީ ވައިގެ މަގުން ރާއްޖެއަށް ގެނެސްފައިވާ ލުނބޯއެވެ.

ލުނބޯ ކިލޯއެއްގެ އަގު ބާޒާރުގައި މިހާރު އުޅެނީ 120ރ އާއި 140ރ އާއި ދެމެދުގެ އަގުތަކެއްގައެވެ.

ލުނބޯ ހިފައިގެން ވެއެޓްނާމުން ރާއްޖެއަށް ބޯޓެއް އައިފައިވާއިރު، މިތަކެތި ކުރިއަށް އޮތް ހަފްތާތެރޭގައި ބާޒާރަށް ނެރެވޭނެކަމަށް ތަކެތި ވިއްކާ ފަރާތްތަކުން ބުނެއެވެ. މިއާއެކު އަގުތައް ވަރަށް ބޮޑަށް ދަށްވެގެންދާނެ ކަމަށްވެސް ވިޔަފާރިވެރިން ބުނެއެވެ.

" މިހާރު ލުނބޯ ލިބުން ދަތިވެފައިވީމަ މިހާ ބޮޑަށް އަގު އުފުލިފަ މިހުރީ، އެކަމަކު ބާޒާރަށް ކުރިއަށް އޮތް ހަފްތާތެރޭ ލުނބޯ ލިބޭނެ، ލުނބޯގެ އަގު ކިލޯއެއް ފަސްދޮޅަސް ރުފިޔާއަށް ތިރިވާނެ ކަމަށް ލަފާކުރެވޭ،" ވިޔަފާރިވެރިއެއް ބުންޏެވެ.

ބާޒާރުގައި ތަކެތި ތިޔާގިކަން ފާހަގަކޮށްލެއެވެ. ވިޔަފާރިވެރިން ބުނާގޮތުން ލުނބޯ ފިޔަވައި އެހެން ހުރިހާ ބާވަތްތަކެއްގެ ތަރުކާރީ އާއި މޭވާ އަދި ކާބޯތަކެތީގެ އެހެން ބާވަތްތައްވެސް ލިބުމުގައި ދަތިކަމެއް ނެތް ކަމަށެވެ.

ތަކެތީގެ އަގުތައް އެއް ހަމައެއްގައި ހިފެހެއްޓުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރެއެވެ. އެގޮތުން ރޯދަމަހާއި ދިމާކޮށް އެންމެ ޑިމާންޑު ބޮޑުވާ ބާވަތްތައް ކަމުގައިވާ ފިޔާ، ބިސް އަދި އަލުވި އަގުތައް އެއް ހަަމައެއްގައި ހިފެހެއްޓުމަށް އެސްޓީއޯއިން މިތަކެތި ހުސްނުވެ ލިބެން ހުރެއެވެ. އަދި މީގެއިތުރުން މުދާ ހިފައިގެން ރާއްޖެއަށް އަންނަ ބޯޓުފަހަރުތައް ކްލިއަރކުރުމަށް ފަސޭހަ އިންތިޒާމްތަކެއް އެމްޕީއެލުން ވަނީ ހަމަޖައްސާފައެވެ. މިއީ ރޯދަމަހު ތަކެތީގެ އަގު ހިފެހެއްޓުމަށްޓަކައި ވީހާވެސް އަވަހަށް ބޯޓުތަކުން މުދާ ހުސްކުރުމަށެވެ.