ޚަބަރު

ދީނާއި ދެކޮޅުވެރި ޢަމަލުތަކަށާއި، ޓެރަރިޒަމްގެ ހަރަކާތްތަކަށް ކުޑަވެސް ޖާގައެއް ނުދޭނަން: ސީޕީ


މާތްވެގެންވާ އިސްލާމް ދީނާއި ދެކޮޅުވެރި ޢަމަލުތަކަށާއި، ޓެރަރިޒަމްގެ ހަރަކާތްތަކަށް ކުޑަވެސް ޖާގައެއް ނުދެއްވާނެކަމުގައި ކަމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ސީޕީ މިހެން ވިދާޅުވީ ފުލުހުންގެ މުއައްސަސާއިން ހިންގާ އެކި އޮޕަރޭޝަންތަކާއި، މަސައްކަތްތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުންވެ.

ރާއްޖޭގައި ރޭވިގެން ހިންގޭ ކުށްތަކުގެ ތެރެއިން އެންމެ ނުރައްކާތެރި އެއްކުށުގެ ގޮތުގައި ބެލެވޭ ޓެރަރިޒަމާއި، ހައްދު ފަހަނަ އަޅާފައިވާ، ހަރަކާތްތައް ހުއްޓުވުމަށް ފުލުހުންގެ މުއައްސަސާއި ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ސީޕީ ވިދާޅުވީ ރާއްޖޭގައި ހަރުކަށި ފިކުރު އޮތްކަމާއި، އޭގެ ނުރައްކާ އޮތްކަން ދިވެހި ރައްޔިތުންގެ ލޯކުރިމަތިން ތަޖުރިބާ ކުރެވިފައިވާކަމަށެވެ. އަދި މިހަމަލާތަކަކީ ގުޅިފައިވާ ނެޓްވޯކްތަކުން، އެކި ސިފަސިފާގައި ރޭވިގެން ހިންގޭ ހަރަކާތްތަކެއްކަމަށް ސީޕީ ވިދާޅުވިއެވެ.

ކޯވިޑާއި ގުޅިގެން ފުރަބަންދުގައި މުޅި ދުނިޔެ އޮތް އިރުވެސް ނިރުބަވެރި ހަމަލާތައް ރާވާ ހިންގާ ފަރާތްތަކުން ސޯޝަލް މީޑިއާގައި އޮންލައިގެން ޒަރީއާއިން މިނުރައްކާތެރި އަމަލު ފެތުރުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދިޔަކަމަށްވެސް ސީޕީ ހަމީދު ވިދާޅުވިއެވެ. މިކަން ރާއްޖެއިންވެސް ތަޖުރިބާ ކުރެވުނު ކަމަށާއި، މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއަކީ ހަމަ މިފަދަ ގޮތަކަށް ރޭވިގެން ދިންތިޒާމު ވެގެން ދީފައިވާ ހަމަލާއެއްކަމަށް ސީޕީ ވިދާޅުވިއެވެ. މިހަމަލާގައި ފުލުހުން އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް މަސައްކަތް ކުރީ ހަމަލާގައި ބައިވެރިވި އެންމެން ހައްޔަރުކޮށް ޤާނޫނުގައި ބުނާ މުއްދަތުގައި ތަހުގީގް ފެށުމަށް ކަމަށާއި، އެކަން ފުލުހުންގެ މުއައްސަސާއިން ކާމިޔާބު ކަމާއިއެކު ކޮށްފައިވާކަން ސީޕީ ފާހަގަކުރެއްވިއެވެ.

"6 މެއިގެ އެހަމަލާގެ ތަހުގީގަށް ފުލުހުން ދިން ރެސްޕޮންސަކީ ވަރަށް ޕްރޮފެޝަނަލް، ވަރަށް ޤާބިލް ރެސްޕޮންސެއް. މިހަލާ ރޭވުމުގައާއި، ހަމަލާ އެގްޒެކިއުޓް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ހުރިހާ ފަރާތެއް ހައްޔަރުކޮށް، ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުމަށް އެފަރާތްތަކުގެ ތަހުގީގް ޤާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި ނިންމައި، ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވައި އެޝަރީއަތް މިހާރުވަނީ ފެށިފަ. އެއީ ބޮޑު ކުރިއެރުމެއް." ސީޕީ ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ ދިވެހި ފުލުހުން އަބަދުވެސް އޮންނަނީ މިފަދަ ކޮންމެ ހާލަތަކަށް، އަދި ހަމަލާއަކަށް ސަމާލުވެ ހޭލާކަމަށެވެ. ޓެރަރަޒަމާއި އެއްވަރަށް މާތްވެގެންވާ އިސްލާމްދީނަށް ފުރައްސާރަކޮށް ދީނާ ފޔރައްސާ ކުރާ މައްސަލަތަކަކީވެސް ފުލުހުން ވަރަށް ސީރިއަސްކޮށް ބަލާނެ މައްސަލަތަކެއްކަމަށެވެ. ފުލުހުން ކޮންމެ ދުވަހަކުވެސް ކުރާ މަސައްކަތަކީ މިފަދަ އަމަލެއް ހިނގިޔަ ނުދިނުން ކުރާ މަސައްކަތް، ކަމަށާއި، ކޮންމެ ދުވަހު ހުއްޓުމެއް ނެތި ހުރިހާ މުއައްސަސައަކާއި ބޭރުގެ އެކި ފަރާތްތަކާއި ގުޅިގެން ކުރަމުންދަނީ މިމަސައްކަތް ކަމުގައެވެ.

ސީޕީ ވިދާޅުވީ ރާއްޖޭގައި ހަރުކަށި ފިކުރުގެ މީހުން އެކިގޮތް ގޮތަށްވެސް ހަރަކާތްތެރިވާކަން ހިންގޭ އެކި އޮޕަރޭޝަންތަކުން ހާމަވާކަމަށެވެ. އެގޮތުން މިއަހަރުގެ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު ވިލިމާލެއިން ހައްޔަރު ކުރި މީހާއަކީ ރާއްޖޭގައި އާންމު މީހެއްގެ ގޮތުގައި ދިރިއުޅެމުން ދުނިޔޭގެ އެންމެ ވަރުގަދަ އެއް ޓެރެރިސްޓް ޖަމާއަތެއްގެ ހުރިހާ ޕްރޮޕެގެންޑާއެއް ރާއްޖޭގައި ފަތުރަމުންގެންދިޔަ މީހެއްކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.

"އޭނާ ވަނީ 4 ފަސް އަހަރެއް ވަންދެއް ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރުމަށް މަސައްކަތް ކޮށްފަ. މިކަން އޮތް މިންވަރު މިކަމުންވެސް ހާމަވޭ. ހަމަ މިފަދައިން ދީނާއި ދެކޮޅުވެރި އަމަލުތަކަކީވެސް ކަންބޮޑުވުން އޮތް ބޮޑު މައްސަލައެއް. މިކަމާއިމެދުވެސް ފުލުހުން ކުޑަވެސް ޖާގައެއް ނުދީ ފިޔަވަޅު އަޅާނެ" ސީޕީ ވިދާޅުވިއެވެ.

ޤާނޫނުގެ ތެރެއިން ބޮޑެތި ކުށްތައް ހުއްޓުވުމަށް ހުރި ކަންކަން ހައްލުކޮށް ދެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ސީޕީ ފާހަގަކުރެއްވިއެވެ. އެގޮތުން 3 ފަހަރެއްގެ މަތީން ޓެރަރިޒަމްގެ ޤާނޫނަަށް އިސްލާހު ގެނެވި، އެނޫން ޤާނޫނުތަކަށްވެސް ބޮޑެތި ބަދަލުތައް ގެނެވިފައިވާކަމަށާއި ޤާނޫނަށް ގެނެވުނު ބަދަލުތަކުގެ ތެރެއިން ހަނގުރާމަވެރި ސަރަހައްދުން ގެނެވޭ މީހުންނާއިމެދު އަމަލުކުރާނެ ގޮތްތަކެއް ކަނޑައެޅި އަލުން މުޖުތަމައަށް ނެރުމުގައިވެސް ފުލުހުން ބޮޑު ދައުރެއް އަދާކުރަމުންދާކަން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވިއެވެ.