ޚަބަރު

ހިޔާ ފްލެޓް ސަރަހައްދުގައި ވަގުތީ މިސްކިތެއް ހުޅުވައިފި


ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓް ސަރަހައްދުގައި ވަގުތީ މިސްކިތެއް ހުޅުވައިފިއެވެ.

މި ވަގުތީ މިސްކިތް ހުޅުވައިދެއްވީ އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރެވެ.

މިސްކިތް ހުޅުވައިދެއްވުމަށްފަހު މިނިސްޓަރ ވަނީ މިސްކިތުގެ އިންތިޒާމްތައް ބައްލަވާލައްވާފައެވެ.

މިއީ ހިޔާ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ރަމަޟާންމަހު ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން ބިނާކުރި ވަގުތީ މިސްކިތެކެވެ. މި މިސްކިތުގައި އެއްފަހާރާ ގާތްގަނޑަކަށް 400 މީހުންނަށް ނަމާދުކުރެވޭނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގިނަ އަދަދެއްގެ މީހުން އާބާދުވާން ފަށާފައިވާއިރު، އެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ޤާއިމުކޮށްދިނުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން ވަގުތީ މިސްކިތްތަކާއި، މިސްކިތްތަކާއި، ޕްރީ ސްކޫލް އަދި ސްކޫލް އިމާރާތްތަކާއި، ވިޔަފާރިއާއި އެހެނިހެން ބައެއް ޚިދުމަތްތައް ތަރައްޤީކުރުމަށް އެޗް.ޑީ.ސީންނާއި ކަމާގުޅޭ މުއައްސަސާތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.