ވިޔަފާރި

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ ބެހޭ ޤަވާއިދު އާއްމުކޮށްފި


ކުދި ފަންތިއާއި މެދުފަންތީގެ ވިޔަފާރިތަކާ ބެހޭ ޤަވާއިދު އާއްމު ކުރައްވައިފިއެވެ.މިއީ ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރި ތަރައްޤީކުރުމުގެ މަރުކަޒުތައް ޤާއިމުކޮށް އެ މަރުކަޒުތައް ހިންގާނެ ތަންތަނާއި، ހިންގުމުގެ އުސޫލުތައް ހިމެނޭ ޤަވާއިދެވެ. މި ޤަވާއިދު ބުނާގޮތުން ކުދި ފަންތިއާއި މެދު ފަންތީގެ ގޮތުގައި ރަޖިސްޓްރީ ކުރެވޭ ވިޔަފާރިތަކުގެ ލިސްޓާއި، ވިޔަފާރިތައް ހިމެނޭ ގިންތިއާއި އަދި ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތުގެ މަޢުލޫމާތު ހިމެނޭ ދަފުތަރެއް، ރަޖިސްޓްރާގެ ފަރާތުން އެކުލަވައިލައި ބަލަހައްޓަންވާނެއެވެ. އަދި އެއްވެސް ފީއަކާ ނުލައި މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް އެ ދަފުތަރު، ބެލޭނޭ އިންތިޒާމު، ރަޖިސްޓްރާގެ ފަރާތުން ހަމަޖައްސަންވާނެއެވެ.މި ޤަވާއިދުގެ ދަށުން ވިޔަފާރި ތަރައްޤީކުރުމުގެ ޚިދުމަތްދޭ މަރުކަޒުތައް ޤާއިމްކުރުމަށް ހަމަޖެހިފައިވަނީ ޚިދުމަތް ދިނުމަށް ފަސޭހަވާނެެ ގޮތަށްބަލާ އާބާދީގެ ނިސްބަތުން ރާއްޖެ 7 ސަރަޙައްދަކަށް ބަހާލައިގެންނެވެ. މިގޮތުން މި މަރުކަޒު ޤާއިމްކުރަނީ  ހދ. ކުޅުދުއްފުއްޓާއި ޅ. ނައިފަރާއި، މާލޭގެ އިތުރުން  ދ. ކުޑަހުވަދޫ،  ލ ފޮނަދޫ، ގދ. ތިނަދޫ އަދި އައްޑޫ ސިޓީގެ ހިތަދޫގައެވެ.މި ޤަވާއިދުގެ މަޤްސަދުތަކުގެ ތެރޭގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ރަޖިސްޓްރީކުރުމުގެ ކަންތައްތަކާއި އުސޫލުތައް ބަޔާންކުރުމާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ގިންތިތަކަށް ބެހުމުގެ އުސޫލުތައް ކަނޑައެޅުމުގެ އިތުރުން ކުދި ވިޔަފާރި ތަރައްޤީ ކުރުމުގެ މަރުކަޒުތައް ޤާއިމުކޮށް އެ މަރުކަޒުތައް ހިންގާނެ ތަންތަނާއި، ހިންގުމުގެ އުސޫލުތައް ކަނޑައެޅުން ހިމެނެއެވެ.މީގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރި، އެ ވިޔަފާރިއެއް ރަޖިސްޓަރީ ކުރާ ތާރީޚުން ފެށިގެން 6  މަސްދުވަހުގެ ތެރޭގައި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ޤާނޫނުގައި ބަޔާންކުރާ ގިންތިތަކުގެ ތެރެއިން، އެ ވިޔަފާރިއެއް ހިމެނޭ ގިންތިއެއްގެ ވިޔަފާރިއެއްގެ ގޮތުގައި އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓަރީ ކުރަންވާނެކަމަށް މިޤަވާއިދުގައި ބުނެއެވެ.ވިޔަފާރިއެއް ގިންތިކޮށް ރެޖިސްޓްރީ ކުރުމުގައި ބަލަންޖެހޭ ކަންތައްތަކުގެ ތެރޭގައި ރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ކުންފުންޏެއްގެ ގޮތުގައި ރެޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކާއި، ކޯޕަރޭޓިވް ސޮަސައިޓީގެ ޤާނޫނުގެ ދަށުން ކޯޕަރޭޓިވް ސޮަސައިޓީއެއްގެ ގޮތުގައި ރެޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކާއި ޕާރޓްނަޝިޕްގެ ޤާނޫނު ގެ ދަށުން، ޕާޓްނާޝިޕެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައިވާ ވިޔަފާރިތައް އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން، ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައިވާ ވިޔަފާރިތައް ހިމެނެއެވެ.މި ޤަވާއިދުގައި ވާގޮތުން ގިންތި ކުރެވޭ ވިޔަފާރީގައި ގެންގުޅޭ މުވައްޒަފުން ނުވަތަ ޖުމްލަ އާމްދަނީއަށް ބަދަލު އައުމުގެ ސަބަބުން، ވިޔަފާރީގެ ގިންތިއަށް ބަދަލު އަތުވެއްޖެނަމަ، އެ ބަދަލެއް އަންނަތާ 15 ދުވަހުގެ ތެރޭގައި ރަޖިސްޓްރާއަށް އެ ބަދަލެއް ހުށަހަޅައި ރަޖިސްޓަރީ ކުރަންވާނެއެވެ.