ޚަބަރު

ސަލްމާން މިސްކިތް ނަމާދުކުރުމަށް އާއްމުކޮށް ހުޅުވާލައިފި


ސައުދީ ސަރުކާރުގެ އެހީގައި ބިނާކުރި ކިންގް ސަލްމާން މިސްކިތް ނަމާދުކުރުމަށް އާއްމުކޮށް ހުޅުވާލައިފިއެވެ.

ސަލްމާން މިސްކިތް އާއްމުކޮށް ނަމާދުކުރުމަށް ހުޅުވާލާފައިވާއިރު، މިއަދުގެ ހުކުރު ނަމާދު ބޮޑު ޖަމާޢަތުގައި އެ މިސްކިތުގައި ވަނީ ކޮށްފައެވެ.

މަސްޖިދު ސަލްމާންގައި ކުރެވުނު ފުރަތަމަ ހުކުރު ނަމާދު އިމާމުވެ ބޮޑު ޖަމާޢަތުގައި ކޮށްދެއްވީ، ދީނީ އިލްމުވެރިޔާ އައްޝައިޚް އިލްޔާސް ހުސެއިނެވެ. ސަލްމާނު މިސްކިތަށް މިއަދުގެ ހުކުރު ނަމާދަށް ގިނަ އަދަދެއްގެ އާއްމުންގޮސްފައިވެއެވެ. ސަލްމާން މިސްކިތުގައި ކުރެވުނު ހުކުރު ނަމާދުގައި އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ސަލްމާން މިސްކިތުގައި އާއްމުކޮށް ނަމާދުކުރަން ފަށާފައިވާއިރު، އެ މިސްކިތުގެ އިމާމެއްގެ ގޮތުގައި އިސްލާމިކް މިނިސްޓްރީން ހަމަޖައްސަވާފައިވަނީ އިސްލާމީ މަރުކަޒުގެ އިމާމެއްގެގޮތުގައި މަސައްކަތްކުރައްވާ ބ. ކެންދޫ އެއްގަމުގޭ އައްޝައިޚް ނަޞްރުﷲ ޢަލީއެވެ. ނަޞްރުﷲ އަކީ މިސްރުގެ އަލްއަޒްހަރު ޔުނިވަރސިޓީން އިސްލާމިކް ޝާރީއާއިން ފުރަތަމަ ޑިގްރީ ޙާޞިލުކުރައްވާފައިވާ ބޭފުޅެކެވެ.

އާއްމުކޮށް މިސްކިތް ހުޅުވާލިނަމަވެސް ރަސްމީކޮށް މަސްޖިދު ސަލްމާން ހުޅުވާނެ ވަކި ތާރީޚެއް އަދި ނިންމާފައި ނުވާކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަޙުމަދު ޒާހިރު އަލީ ވަނީ މީގެކުރިން ވިދާޅުވެއެވެ. އަދި މިސްކިތް ރަސްމީކޮށް ހުޅުވައިދެއްވާނީ ސަޢުދީ ސަރުކާރުގެ ޚާއްސަ ވަފުދެއް ރާއްޖެވަޑައިގެންކަމަށްވެސް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

މަސްޖިދު ސަލްމާން ރަސްމީކޮށް ނުހުޅުވި ނަމަވެސް، މިސްކިތުގައި ހުރިހާ ވަގުތެއްގައިވެސް ނަމާދުކުރުން ކުރިއަށްދާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ރަމަޟާންމަހު ތަރާވީހު ނަމާދާއި ދަމުނަމާދުކުރުންވެސް އޮންނާނެކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ސަލްމާން މިސްކިތަކީ ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ އެހީގެ ދަށުން ބިނާކުރި މިސްކިތެކެވެ. ތުރުކީގެ ކުންފުންޏަކާއި ހަވާލުކޮށް، މިސްކިތުގެ ޢަމަލީ މަސައްކަތް ފެށީ 2017 ވަނަ އަހަރުއެވެ. މިސްކިތުގެ ހުރިހާ މަސައްކަތެއް 2020 ވަނަ އަހަރު ވަނީ ނިންމާފައެވެ. މިދިޔަ އަހަރުގެ ރަމަޟާން މަހަށް މި މިސްކިތް އާއްމުކޮށް ހުޅުވާލަން ނިންމި ނަމަވެސް އެކަން މަޑުޖެހުނީ ކޯވިޑް-19ގެ ހާލަތު އޭރު މާލޭގައި ގޯސްވެ ކޭސްތައް އިތުރުވުމުންނެވެ.

ސަލްމާން މިސްކިތަށް ބޭނުންވާ ބައެއް ފަރުނީޗަރު ހޯދުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން މިވަގުތުވެސް އަންނަނީ ކުރަމުންނެވެ.

އެގޮތުން މި ވަގުތަށް ބޭނުންވާ ބައެއް ސާމާނު ގަތުމަށް ސަރުކާރުން ވަނީ 2 މިލިއަން ރުފިޔާ ހަމަޖައްސަވާފައެވެ. އަދި މިސްކިތުގައި އިތުރަށް ފުރިހަމަކުރަން ހުރި މަސައްކަތްތަކަށް ސަޢުދީ ސަރުކާރުން 2 މިލިއަން ޑޮލަރު ހަމަޖައްސަވާނެކަން އަންގާފައިވާކަމަށާއި، އެ ފައިސާވެސް ވަރަށް އަވަހަށް ހަމަޖެހިގެންދާނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

މަސްޖިދު ސަލްމާންގައި ނަމާދުކުރުމަށް ޚާއްސަކޮށްފައިވަނީ އިމާރާތުގެ ފުރަތަމަ 2 ފަންގިފިލާއެވެ. އެއީ އެއްފަހަރާ ގާތްގަނޑަކަށް 4000 މީހުންނަށް ނަމާދުކުރެވޭނެ ޖާގައެވެ. މީގެ ތެރެއިން އަންހެނުން ނަމާދުކުރުމަށް ޚާއްސަކޮށްފައިވަނީ މިސްކިތުގެ 2 ވަނަ ފަންގިފިލާއެވެ. މި މިސްކިތުގެ ގޯތިތެރެ ހިމެނޭހެން ގާތްގަނޑަކަށް 10،000 މީހުންނަށް އެއްފަހަރާ މި މިސްކިތުގައި ނަމާދުކުރެވޭނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ނަމާދުކުރުމަށް ޚާއްސަ ޖާގައިގެ އިތުރުން، ކިންގް ސަލްމާން މިސްކިތުގައި 4 ކްލާސްރޫމަކާއި، ސެމިނަރ ރޫމަކާއި، ކޮންފަރެންސްތައް ބޭއްވުމަށް ޚާއްސަ ބޮޑު އޮޑިޓޯރިއަމަކާއި، އިސްލާމިކް ލައިބްރަރީއެއްގެ އިތުރުން ދީނީ ދަރުސް ދިނުމަށް މަލްޓި-ޕަރޕަސް ހޯލެއް ވަނީ ޤާއިމުކޮށްފައެވެ. މި މިސްކިތް ޒީނަތްތެރިކުރުމުގެ ގޮތުން ޗާންދަލިޔާތަކާއި ޢަރަބި ކަލިގްރަފީއާއި، ކިރީތި ޤުރުޢާނުގެ އާޔަތްތަކާއި، އިސްލާމީ ސަޤާފަތާއި ގުޅުންހުރި ތަފާތު ލިޔުންތައް ބޭނުންކޮށްފައިވެއެވެ.