ޚަބަރު

42 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި މީހުންގެ ވަނަވަރު ހާމަކޮށްފި


މާލޭގެއެއްގައި ވަޅުލާފައި ހުއްޓާ އަތުލައިގަތް މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ދެމީހުންގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ޑްރަގް އެންފޯސްމަންޓް އެންޑް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި 42 ކިލޯގެ މަސްތުވާތަކެތި ގެއެއްގެ ތެރޭގައި ވަޅުލާފައި ހުއްޓާ ވަނީ ހޯދާފައެވެ. މިމަހުގެ 22 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ކ. މާލެ، ދަފްތަރު ނަންބަރު ރސ 3840، އަޙްމަދު ޙުސައިން (39އ) އާއި ކ. މާލެ، މ. ނޫރުއް، ޢަބްދުﷲ ނަޝީދު (46އ) އެވެ.

އެމީހުން ހައްޔަރުކުރި އޮޕަރޭޝަންގައި މާލޭގެ ދެ ގެއަކާއި އަމިއްލަ އޮފީހެއް ބަލައި ފާސްކޮށްފައިވެއެވެ. އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޢަބްދުﷲ ނަޝީދުގެ ބަންދަށް 15 ދުވަސް އަދި އަޙްމަދު ޙުސައިންގެ ބަންދަށް 10 ދުވަސް ދީފައިވެއެވެ.

މިމައްސަލާގައި ހައްޔަރުކުރި އަހްމަދު ޙުސައިންއަކީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީ.އެން.ސީ)ގެ ކައުންސިލް މެންބަރެކެވެ.

މި މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.