ޚަބަރު

ސާއިލްގެ "އެދުވަސް ގެނެވޭނެ" ފޮތް، ރައީސްއަށް ހަދިޔާ ކުރައްވައިފި


ނަފްސާނީ ބަލިތަކާ ގުޅޭގޮތުން ނޫސްވެރިޔާ އަޙްމަދު ސާއިލް ޢަލީގެ އަމިއްލަ ތަޖުރިބާ ހިމަނުއްވައިގެން ލިޔުއްވާފައިވާ "އެދުވަސް ގެނެވޭނެ" ފޮތް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު ހަދިޔާކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މި ފޮތް ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅަށް އަރުވާފައި ވަނީ މި ފޮތުގެ މުޞައްނިފު އަދި ނޫސްވެރިޔާ އަޙްމަދު ސާއިލް ޢަލީއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސާއިލްގެ މި މަސައްކަތަށް ތައުރީފުކުރައްވައި މި ފޮތާއި ގުޅޭގޮތުންނާއި އަދި ރާއްޖޭގައި ނަފްސާނީ ބަލިތަކުގެ ހާލަތާ ގުޅޭގޮތުން ސާއިލްއާ ވާހަކަފުޅުދައްކަވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އައިޖީއެމްއެޗްގައި ޤާއިމުކޮށްފައިވާ މެންޓަލް ހެލްތް ސެންޓަރުގެ ޚިދުމަތް އިތުރަށް ފުޅާކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ސާއިލް ވަނީ ފޮތުގައި އެކުލެވޭ ބައިތަކުގެ މަޢުލޫމާތާއި ރާއްޖޭގައި ނަފްސާނީ ބަލިތައް ތަޙައްމަލުކުރާ ފަރާތްތަކަށް ކުރިމަތިވާ ބައެއް ދަތިތައް ރައީސުލްޖުހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އަދި މި ފޮތުގެ އެންމެ މުހިންމު ބޭނުމަކީ ނަފްސާނީ ބަލިތައް ތަޙައްމަލުކުރަމުންދާ މީހުންނަށް އެކަމުން އަރައިގަތުމަށް ހިތްވަރުދީ މަގުފަހިކޮށްދިނުންކަން ސާއިލް ފާހަގަކުރެއްވިއެވެ.

ނަފްސާނީ ބަލިތަކާ ގުޅޭގޮތުން ނޫސްވެރިޔާ ސާއިލް ލިޔުނު "އެދުވަސް ގެނެވޭނެ" މި ފޮތް ރަސްމީކޮށް ނެރެދެއްވާފައިވަނީ މިމަހުގެ 9 ވަނަ ދުވަހު ނެޝެނަލް ލައިބްރަރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަނީސާ އަޙްމަދެވެ. މިއީ ނަފުސާނީ ތަފާތު މައްސަލަތައް ތަޖުރިބާކުރުމަށްފަހު އެކަމުން އަރައިގަނެވޭނެ ގޮތްތަކުގެ މައްޗަށް ލިޔެފައިވާ ފޮތެކެވެ.

ޢިލްމީ ދިރާސާތަކުގެ މައްޗަށް ނެރުނު މި ފޮތް ނެރުމުގައި ރާއްޖޭގެ މެންޓަލް ހެލްތު ދާއިރާގެ ފުންނާބުއުސް ފަރާތްތަކާއި މެޑިކަލް ދާއިރާއިން ޑޮކްޓަރުންގެ އެހީތެރިކަންވަނީ ލިބިގެންގޮސްފައެވެ. އަދި ދިވެހިބަހަށް ޚިދުމަތްކުރާ ފަރާތްތަކާއި ސާއިލްއަށް ހެޔޮއެދޭ ގިނަބައެއްގެ އެހީތެރިކަން މިފޮތް ނެރުމުގައި ލިބިފައިވާކަން ސާއިލްވަނީ ފާހަގަކޮށްފައެވެ.