ޚަބަރު

އާރަށް މައްސަލާގައި ދިފާޢުގައި ޔާމީން 18 ހެއްކެއް ހުށައަޅައިފި


ރިސޯޓެއް ތަރައްޤީކުރަން ދޫކުރި ވ.އަތޮޅު އާރަށުގެ މައްސަލާގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް އުފުލާފައިވާ ދެ ދަޢުވާއިން ދިފާޢުވުމަށް 18 ހެއްކެއް ހުށައަޅައިފިއެވެ.

އާރަށުގެ މައްސަލާގައި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް އުފުލީ މަނީ ލޯންޑަރިންގއާއި ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދަޢުވާއެވެ. ރައީސް ޔާމީންގެ އިތުރުން، ޔާމީން ރިޝްވަތު ދެއްވިކަމަށް ބުނެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު، ވ.ފެލިދޫ ހަނދުވަރީގެ ޔޫސުފް ނަޢީމްގެ މައްޗަށްވެސް ވަނީ ދަޢުވާ އުފުލާފައެވެ. އޭނާގެ މައްޗަށްކުރީ ރިޝްވަތު ދިނުމުގެ ކުށުގެ ދަޢުވާއެވެ.

މި މައްސަލާގައި ދެބޭފުޅުންވެސް ވަނީ ދަޢުވާއަށް އިންކާރުކުރައްވާފައެވެ.

މި މައްސަލާގައި މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތުން ވަނީ ދިފާޢީ ހެކީގެ ގޮތުގައި 7 މީހަކާއި 11 ލިޔުމެއް ހުށައަޅާފައެވެ. އެ ހެކިތަކުގެ ތަފްސީލް ލިޔުމުން ހުށައަޅާފައިވާތީ ވަގުތު ސަލާމަތްކުރުމަށް ހެކިތަކުގެ ތަފްސީލް މިއަދު ދީފައެއް ނުވެއެވެ.

ޔޫސުފް ނަޢީމްގެ ފަރާތުން ވަނީ ދިފާއީ 13 ހެއްކެއް ހުށައަޅާފައެވެ. އެއީ ތިން މީހަކާއި 10 ލިޔުމެވެ. ދަޢުވާ ލިބޭ ދެފަރާތުންވެސް ހެކި ހުށައަޅާފައިވުމުން ދެން އޮންނާނީ ދައުލަތުން ހުށަހަޅާފައިވާ ހެކިތަކަށް ބަލައި މައްސަލަ މަދަނީ މިންގަނޑުން ކުރިއަށްގެންދެވޭނެތޯ ނިންމެވުމެވެ. ނަމަވެސް އޭގެ ކުރިން ހެއްކާ ބެހޭ ވާހަކަދެއްކުމަށް ވަކި އަޑުއެހުމެއް ބޭއްވުމަށް ޔާމީންގެ ފަރާތްޕުޅުން އެދިވަޑައިގަތުމުން މައްސަލަ ބައްލަވާ ޤާޟީ އަޙްމަދު ޝަކީލް ނިންމެވީ އެކަމަށްޓަކައި އަޑުއެހުމެއް އަންނަ މަހު ބޭއްވުމަށެވެ.

އާރަށް ކުއްޔަށް ދިން މައްސަލާގައި ޔާމީންގެ މައްޗަށް އުފުލާފައިވާ ދަޢުވާގައި ބުނެފައިވަނީ ޓުއަރިޒަމް މިނިސްޓްރީއާއި، އެމްއެމްޕީއާރްސީ މެދުވެރިކޮށް، ރިސޯޓް ހެދުމަށް ވ.އާރަށް ކުއްޔަށް ނެގުމުގެ މުޢާމަލާތުގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސްޔަތުން، ރައީސް ޔާމީން މަޤާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޔޫއެސް ޑޮލަރު ނަންގަވައި ލޯންޑާ ކުރައްވާފައިވާ ކަމަށެވެ.

ދައުލަތުން ބުނެފައިވަނީ މިފައިސާ ރައީސް ޔާމީންގެ އެކައުންޓަށް ޖަމަވި ހިސާބުން ފެށިގެން މިއީ ކުށުގެ ޢަމަލެއްކަމަށް ވާކަމުގައެވެ. އަދި ޓޫރިޒަމް މިނިސްޓްރީ މެދުވެރިކޮށް ހިންގަން ޖެހޭ މުއާމަލާތެއް ސީދާ ރައީސުލްޖުމްހޫރިއްޔާއާ ކޮށްފައި އޮތުމަކީ މަގާމުގެ ނުފޫޒު ބޭނުން ކުރުން ކަމަށް ވަނީ ބުނެފައެވެ.

ވ.އާރަށުގެ އިތުރުން ފުއްގިރި ކުއްޔަށް ދިން މައްސަލާގައިވެސް ރައީސް ޔާމީންގެ މައްޗަށް ވަނީ މަނީ ލޯންޑަރިންގެ ދަށުވާ އުފުލާފައެވެ. އެ ދެ މައްސަލަވެސް ކުރިއަށްގެންދަނީ ވަކިންނެވެ.