ޚަބަރު

އިތުބާރު ޤާއިމުކުރުމަށް ރަޝިޔާއިން ކިޔޭވަށް ދެމުންދާ ޙަމަލާތައް މަދުކުރަނީ


ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ދާޢިމީ ޞުލްޙައެއް ޤާއިމުކުރުމަށް ދެ ފަރާތުގެ ދެމެދުގައި އިތުބާރު ޤާއިމުކުރުމަށް ޔޫކްރެއިނުގެ ވެރިރަށް ކިޔޭވާއި އެ ޤައުމުގެ އުތުރުގެ ސަރަޙައްދުތަކަށް ދެމުންދާ ޙަމަލާތައް މަދުކުރުމަށް ރަޝިޔާއިން ވަޢުދުވެއްޖެއެވެ.

ތުރުކީވިލާތުގެ އިސްތަންބޫލުގައި ބޭއްވި މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބިފައިވާ ދަނޑިވަޅެއްގައި ރަޝިޔާގެ ދިފާޢީ ވަޒީރުގެ ނައިބު އެލެކްސެންދަރު ފޯމިން ވިދާޅުވީ އިތުބާރު ޤާއިމުކޮށް މަޝްވަރާއަށް ޖާގަދިނުމުގެ ގޮތުން ކިޔޭވަށް ދެމުންދާ ޙަމަލާތައް ބޮޑުތަނުން މަދުކުރުމަށް ނިންމާފައިވާކަމަށެވެ. އަދި އެ ގޮތަށް ޢަމަލުކުރުމުން ކައިރި މުސްތަޤުބަލެއްގައި ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ދާޢިމީ ޞުލްޙައިގެ މުޢާހަދާއެއްގައި ސޮއިކުރެވޭނެކަމަށް އުއްމީދުކުރައްވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް ޔޫކްރެއިނުގެ ދެކުނާއި އިރުމަތީގެ ސަރަޙައްދުތަކަށް ރަޝިޔާއިން ދެމުންދާ ޙަމަލާތައް މަދުކުރުމާ ގުޅޭގޮތުން އޭނާ ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ.

ފާއިތުވި ފަސް ހަފުތާގެ ތެރޭގައި ރަޝިޔާއިންވަނީ ޔޫކްރެއިނުގެ ދެކުނާއި އިރުމަތީގެ ސަރަޙައްދުތަކުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދައި އާޒޯވު ކަނޑާއި ކަޅު ކަނޑުގެ ސަރަޙައްދު ރަޝިޔާގެ އަސްކަރިއްޔާގެ ބާރުގެ ދަށަށް ގެނެސްފައެވެ. ރަޝިޔާއިން ދެމުންދާ ޙަމަލާތައް މަދުކުރުމަށް އެއްބަސްވެފައިވާ ކިޔޭވަކީ ހަނގުރާމާގައި އެ ޤައުމަށް ކުރިއެރުން ހޯދަން އެންމެ އުނދަގޫވެފައިވާ ސަރަޙައްދެވެ.

ތިން ހަފުތާއަށްފަހު ރަޝިޔާގެ ވަފުދާއެކު އެއް މޭޒެއްގައި ބޭއްވި މަޝްވަރާތަކުގައި ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯގެ މެންބަރުކަން ހޯދުމަށް ޔޫކްރެއިނުން ކުރަމުންދާ މަސައްކަތްތައް ހުއްޓާލުމަށް އެ ޤައުމުން ވިސްނާކަމަށްވަނީ ބުނެފައެވެ. އެ ގޮތުން އަސްކަރީ އެއްވެސް ޖަމުޢިއްޔާއެއްގައި ބައިވެރިނުވާނެކަމަށާއި ނިޔުކްލިޔަރ އަދި ކެމިކަލް ހަތިޔާރު ނުހޯދާނެކަމަށާއި ބޭރު ޤައުމެއްގެ ފައުޖަކަށް އެ ޤައުމުގައި ޤާއިމުވެނުތިބޭނެކަމަށް ޔޫކްރެއިނުންވަނީ ހުށަހަޅައިފައެވެ. އަދި ވަކި ފަރާތަކަށް ނުޖެހޭނެ ޤައުމެއްގެ ގޮތުގައި ޔޫކްރެއިނު އޮންނާނެކަން ޔަޤީންކުރުމަށް އެހެން ޤައުމުތަކުގެ އެއްބާރުލުން ހޯދުމަށްވެސްވަނީ މަޝްވަރާތަކުގައި ހުށަހަޅައިފައެވެ.

2014ވަނަ އަހަރުގެ ތެރޭގައި ރަޝިޔާގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ޔޫކްރެއިނުގެ ކުރިމިޔާ ސަރަޙައްދާ ގުޅޭގޮތުންވެސް އެ ޤައުމުންވަނީ ހުށަހެޅުމެއް ހުށަހަޅައިފައެވެ. އެ ގޮތުން ޔޫކްރެއިނުން ހުށަހަޅާފައިވަނީ 15 އަހަރުގެ މުއްދަތަކަށް އެ ސަރަޙައްދު ރަޝިޔާގެ ބެލުމުގެ ދަށުން ހިންގުމަށެވެ. ނަމަވެސް އެ ގޮތަށް ޔޫކްރެއިނުން އެއްބަސްވާނީ އެ ޤައުމުން ރަޝިޔާގެ ފައުޖުތައް ފޭބުމުންނެވެ. އޭގެ އިތުރުން ރަޝިޔާގެ އެއްބާރުލުމާއެކު އަމިއްލައަށް މިނިވަންކަން އިޢުލާންކޮށްފައިވާ ދޮންބާސްގެ ދެ ދަޢުލަތުގެ ކުރިމަގާމެދު ގޮތެއް ނިންމާނީ ރަޝިޔާގެ ރައީސް ވުލަޑުމީރް ޕުޓިންނާއި ޔޫކްރެއިނުގެ ރައީސް ވޮލޮދީމީރް ޒެލެންސްކީއާ ދެމެދު ބާއްވައި މަޝްވަރާތަކަށްފަހުކަމަށްވެސް ޔޫކްރެއިނުން ބުނެފައިވެއެވެ. ރަޝިޔާއާއެކު ޞުލްޙައިގެ މުޢާހަދާއެއްގައި ޔޫކްރެއިނަށް ސޮއިކުރެވޭނީ ޢާއްމުންގެ ފެންނަނުފެންނަ ވޯޓަކަށްފަހުއެވެ.

ރަޝިޔާއިން ޔޫކްރެއިނަށް ދެމުންދާ ޙަމަލާތަކުގެ ސަބަބުން އެ ޤައުމަށްވަނީ އެތައް ސަތޭކަ ބިލިޔަން އެމެރިކާ ޑޮލަރެއްގެ ގެއްލުން ލިބިފައެވެ. އަދި އެތައް ހާސް ބަޔަކު މަރުވުމުގެ އިތުރުން 3.8 މިލިޔަން މީހުންވަނީ ޔޫކްރެއިނު ދޫކޮށް އަވަށްޓެރި ޤައުމުތަކަށް ހިޖުރަކޮށްފައެވެ.