ޚަބަރު

ފަތުރުވެރިކަމަށް މަޑުޖެހުމެއް ނެތް ؛ އަހަރުގެ މިހާތަނަށް 4 ލައްކައަށްވުރެ ގިނަ ފަތުރުވެރިން


އަހަރުގެ މިހާތަނަށް ރާއްޖެއަށް 4 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މާރޗުމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށްވަނީ 415686 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 283383 ފަތުރުުވެރިންނާއި އަޅާބަލާއިރު، 46.7 އިންސައްތަ އިތުރު އަދަދެކެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް 4 ލައްކައަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާއިރު، މީގެތެރެއިން 131764 ފަތުރުވެރިންނަކީ ޖެނުއަރީމަހު ރާއްޖެއަށް އައިފަތުރުވެރިންނެވެ. ފެބްރުއަރީމަހު ރާއްޖެއަށް 149008 ފަތުރުވެރިން އައިސްފައިވާއިރު، މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް އައިސްފައިވަނީ 134914 ފަތުރުވެރިންނެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ ރަޝިޔާއިންނެވެ. އެގޮތުން ރާއްޖެއަށް އައިސްފައިވާ ޖުމްލަ ފަތުރުވެރިންގެ 12.6 އިންސައްތައަކީ ރަޝިއާ ފަތުރުވެރިންނެވެ.

އިނގިރޭސިވިލާތަކީ މިހާރު ރާއްޖެއަށް 2ވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ޤައުމެވެ. ރާއްޖެއަށް އަންނަ ފަތުރުވެރިންގެ 11.4 އިންސައްތައަކީ އިނގިރޭސި ފަތުރުވެރިންނެވެ. 10.7 އިންސައްތައިގެ ހިއްސާއަކާއެކު ރާއްޖެއަށް 3 ވަނައަށް އެންމެ ގިނަ އަަަދަދަކަށް އަންނަނީ އިންޑިއާ ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން، ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 4997 ފަތުރުވެރިން އާދެއެވެ. އަދި ރާއްޖެއަށް އަންނަ ފަތުރުވެރިން އާއްމުގޮތެއްގައި 8 ދުވަހުގެ ޗުއްޓީއެއް ރާއްޖޭގައި ހޭދަކުރާ ކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ހާމަކުރެއެވެ.

ރާއްޖެއިން ވަނީ މިއަހަރުތެރޭ 1.6 މިލިއަން ފަތުރުވެރިން ގެނައުމަށް އަމާޒު ހިފާފައެވެ. އަދި މި އަމާޒް ހާސިލްކުރުމަށްޓަކައި ރާއްޖޭގެ ފަތުރުވެރިކަން ދުނިޔެއަށް އިޝްތިހާރުކޮށް ޕްރޮމޯޓުކުރުމަށްޓަކައި ސަރުކާރާއި އަމިއްލަ ކުންފުންފުނިތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.