ޚަބަރު

ކުރިއަށް އޮތް ހައެއްކަ އަހަރުތެރޭ އެމްޓީސީސީން ބޭރު ޤައުމުތަކުގެ ޕްރޮޖެކްޓް ހިންގާނެ: އާޒިމް


ކުރިއަށް އޮތް ހައެއްކަ އަހަރުގެ ތެރޭގައި އެމްޓީސީސީން ބޭރުގެ ޤައުމުތަކުގައި ޕްރޮޖެކްޓްތައް ނަގައި ހިންގަން ފަށާނެކަމަށް ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. އާޒިމް މިހެން ވިދާޅުވީ އައްޑޫ ސިޓީ މީދޫގެ ބަނދަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީގެ ސީއީއޯ ޢާދަމް އާޒިމް ވިދާޅުވީ ކުންފުނީގެ ތާރީޚުގައިވެސް ނުހިންގާހާ ގިނަ މަޝްރޫޢުތައް މި ދައުރުގައި ކުރިއަށްގެންދާކަމަށެވެ. އެ ކުންފުނިން މިވަގުތު ޖުމްލަ 103 މަޝްރޫޢުގެ މަސައްކަތްދަނީ ކުރަމުންނެވެ. އަދި 93 މަޝްރޫޢެއްގެ މަސައްކަތްވަނީ ނިންމާފައެވެ. މީގެތެރޭގައި ބޮޑެތި އަދި ކުދި މަޝްރޫޢުތައްވެސް ހިމެނެއެވެ.

އާޒިމް ވިދާޅުވި މި ތިން އަހަރުތެރޭ ނިންމި މަޝްރޫޢުގެ އަގު 3.5 ބިލިއަން ރުފިޔާއަށް އަރާކަމަށެވެ. އަދި މިވަގުތު ސަރުކާރުގެ 6 ބިލިއަން ރުފިޔާގެ މަޝްރޫޢު ކުރިއަށްދާކަމަށެވެ.

އާޒިމް ވިދާޅުވީ އެމްޓީސީސީން ޢަމާޒް ހިފާފައިވަނީ ކުންފުނިން ފަށާފައިވާ ބޮޑެތި މަސައްކަތްތައް އަންނަ އަހަރުގެ ނިޔަލަށް ނިންމުމަށްކަމަށެވެ. އަންނަ އަހަރުގެ އޮގަސްޓްމަސް އަންނައިރު، އެމްޓީސީސީގެ ޕްރޮޖެކްޓެއް ނުހިނގާ އޮތް ރަށެއް ރާއްޖޭގައި ނޯންނާނެކަމަށް އާޒިމް ވިދާޅުވިއެވެ.

އެމްޓީސީސީއަކީ ރާއްޖެ ތަރައްޤީކުރުމުގައި ސަރުކާރުގެ ފުރިހަމަ ބައިވެރިއެއްގެ ގޮތުގައި އާޒިމް ފާހަގަކުރެއްވިއެވެ. އަދި އެގޮތުގައި ދެމި އޮންނާނެކަމަށް ވިދާޅުވިއެވެ.

މި މަސައްކަތްތަކާއެކު ކުންފުނި މިހާރު މިސްރާބު ޖަހާފައިވަނީ، ރާއްޖެއިން ބޭރުގެ ޕްރޮޖެކްޓްތަކަށް ދެވޭ ފެންވަރުގެ ކުންފުންޏެއްގެ ގޮތުގައި ކުންފުނި ތަރައްޤީކޮށް، އެ މަސައްކަތް ފެށުމަށްކަމަށް އާޒިމް ވިދާޅުވިއެވެ.

"ކުރިއަށް އޮތް 5-6 އަހަރުތެރޭ އެމްޓީސީސީން ބޭރު ޤައުމުތަކުގެ ޕްރޮޖެކްޓްތައް ހިންގާނެ. މިއަދު މި ފެންނަނީ އެ މިސްރާބަށް ރާއްޖޭގެ ކުންފުނިތައް ގެންގޮސްދޭ ވެރިއެއް، ސަރުކާރެއް." އާޒިމް ވިދާޅުވިއެވެ.

އެމްޓީސީސީން ފަށައިގެން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރޭގައި އެއަރޕޯޓް ތަރައްޤީކުރުމުގެ 3 މަޝްރޫޢު، ކޯޒްވޭ އަދި ލިންކް ރޯޑްގެ 3 މަޝްރޫޢު، ބަނދަރު ހެދުމާއި ޖެޓީގެ 43 މަޝްރޫޢު، ޕޯޓް ތަރައްޤީކުރުމުގެ 7 މަޝްރޫޢު، ބިންހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ 33 މަޝްރޫޢު، މަގު ހެދުމުގެ 7 މަޝްރޫޢު އަދި ނަރުދަމާގެ 1މަޝްރޫޢު ހިމެނެއެވެ.