ޚަބަރު

މަރަދޫ އާއި މަރަދޫފޭދޫގެ ބަނދަރު ރައީސް ހުޅުއްވައިދެއްވައިފި


އައްޑޫ ސިޓީ މަރަދޫ ބަނދަރާއި އެ ސިޓީގެ މަރަދޫފޭދޫގެ ބަނދަރު ރަސްމީގޮތުން ރައީސުލްޖުމްހޫރިއްޔާ ހުޅުއްވާދެއްވައިފިއެވެ. މިދެބަނދަރު ހުޅުވައިދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މަރަދޫ ބަނދަރުގެ މަސައްކަތް ކުރިޔަށްގެންގޮސްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ. މި މަޝްރޫޢުގެ ދަށުން ބަނދަރު ފުންކޮށް ސޭންޑް-ފިލް ބްރޭކްވޯޓަރ ހެދުމާއި 340 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި 276 މީޓަރުގެ ކޮންކްރީޓް ބްލޮކްގެ އެއްގަމު ތޮށި ޖެހުމާއި އެއްގަމު ތޮށްޓާއި އިންވެގެން ޕޭވްމަންޓް ހެދުމާއި ބަނދަރު ސަރަހައްދުގެ ލައިޓް ހަރުކުރުން ހިމެނެއެވެ.

މަރަދޫފޭދޫގެ ބަނދަރުގެ މަސައްކަތް ކޮށްފައި ވަނީ ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑުންނެވެ. މިމަޝްރޫޢުގެ ދަށުން ބަނދަރާއި ނެރު ފުންކުރުމާއި 243 މީޓަރުގެ ދިގުމިނުގައި ބޮޑު ހިލައިގެ ބޭރުތޮށި ޖެހުމާއި 260 މީޓަރުގެ ކޮންކްރީޓް އެއްގަމު ތޮށި ޖެހުމާއި އެއްގަމު ތޮށްޓާއި އިންވެގެން ޕޭވްމަންޓް ހެދުމާއި ބަނދަރު ސަރަހައްދުގެ ލައިޓް ހަރުކުރުން ހިމެނެއެވެ.

ދެ ބަނދަރު ހުޅުވުމަށް ވަކިކިން ބޭއްވެވި ރަސްމިއްޔާތުތަކުގައި އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރު ވިދާޅުވީ، މިސަރުކާރުން އައްޑޫ ސިޓީއަށް ވެފައިވާ ހުރިހާ ވަޢުދެއް ފުއްދުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. އެގޮތުން ބައެއް މަޝްރޫޢުތައް ނިމި އަނެއްބައި މަޝްރޫޢުތަކުގައި ސޮއިކޮށްފައިވާ ކަމަށް އައްޑޫ ސިޓީގެ މޭޔަރު ވިދާޅުވިއެވެ.

"ރައީސް އައްޑޫ ސިޓީއަށް ވެވަޑައިގެންނެވި ހުރިހާ ކަމެއް ކުރެއްވުމަށް ސޮއިކުރެވި ނޫނީ ޢަމަލީ މަސައްކަތް މިހާރު ވަނީ ފެށިފަ. އިރާދަކުރެއްވިއްޔާ މަސައްކަތްތަކުގެ 80 ނޫނީ 90 ޕަސެންޓް ހާސިލްކުރެވޭނެ ނޫނިއްޔާމު ދެން އަންނަ ދައުރުގެ ފުރަތަމަ ނޫނީ ދޮޅު އަހަރުގެ ތެރޭގައި ހުރިހާ ޕްރޮޖެކްޓެއް ނިމިގެންދާނެ."އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރު ވިދާޅުވިއެވެ.

މަރަދޫ ބަނދަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވީ، މަރަދޫ ބަނދަރަކީ ސީދާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ މަޝްރޫޢެއްކަމަށެވެ. ޖޯޝާއި ފޯރީގައި ވާހަކަފުޅު ކުރިއަށްގެންދަވަމުން ޝަރީފް ވިދާޅުވީ މިސަރުކާރުން އައްޑޫގެ ރައްޔިތުންގެ އަޑު އަހައިފިކަމަށެވެ.

"800 މިލިއަން ޑޮލަރުގެ ތެރެއިން ބްރިޖަށް ކަނޑާފައޮތް 300 މިލިއަން ޑޮލަރުގެ ތެރެއިން 200 މިލިއަން ޑޮލަރު މި ބިން ހިއްކުމަށާ، މި މަގު ހެދުމަށާ، އެއަރޕޯޓް ހެދުމަށާ މި ބަނދަރުތައް ތަރައްޤީކުރުމަށް ކަނޑައެޅުއްވީ މަނިކުފާނޭ އިނގޭތޯ. އެއީ މަނިކުފާނު ދިވެހިރާއްޖޭގެ އެންމެ އާބާދީ ބޮޑު އަތޮޅުގެ ރައްޔިތުންގެ ޝަކުވާ އަޑުއަހާކަމުގެ ހެއްކެކޭ މިދަންނަވަނީ ކެރިހުރެގެން." ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން މަރަދޫފޭދޫ ބަނދަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ދެއްކެވި ވާހަކަފުޅުގައި ވަޢުދުތައް ބާރަށް ފުއްދަވަމުންދާ އައްޑޫގެ ރައީސްއަކީ ރައީސް ޞާލިޙްކަމަށް ވިދާޅުވިއެވެ.

"އައްޑޫ ސިޓީއަކީ އަބަދުވެސް އުއްމީދު ތަކެއް ދެވިފައި ކަންކަން ނުވެހުރުމުން ރައްޔިތުން މާޔޫސްވެފައި އޮތް ރާއްޖޭގެ ދެވަނައަށް އާބާދީ އޮތް ސިޓީ. އެހެންނަމަވެސް މިއަދު މިސަރުކާރާއެކީގައި އައްޑޫ ސިޓީގެ ހުރިހާ ދިމާލަކުން ތަރައްޤީގެ މަޝްރޫޢުތައް ހިނގަމުންދާތަން މި ފެންނަނީ."ރޮޒައިނާ އާދަމް ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ ސަރުކާރުން އައްޑޫއަށް ވީ ހުރިހާ ވަޢުދެއް ފުއްދަމުން އަންނަތަން ފެންނަމުންދާކަމަށެވެ.

މިއަދު ރައީސް ހުޅުއްވައިދެއްވި މަރަދޫ އާއި މަރަދޫ ފޭދޫ ބަނދަރު ވަނީ އައްޑޫ ސިޓީގެ ސިޓީ ކައުންސިލާ ހަވާލުކޮށްފައެވެ.