ޚަބަރު

އައްޑޫއަށް 194.3 ހެކްޓަރުގެ ބިން އިތުރުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި


އައްޑޫ ސިޓީއަށް 194.3 ހެކްޓަރުގެ ބިން އިތުރުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދުއެވެ. އަދި ވެން އޫޑް ގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ ޑްރެޖިންގް، ކޮރނީލިއަސް އެޑްރިއާން ޑި ބްރުއިންއެވެ.

އައްޑޫ ސިޓީގެ ބިން ހިއްކުމުގެ އެއްބަސްވުމުގައި ސޮއިކުރީ ރައީސުލްޖުމްހޫރިއްޔާ އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ޕޮލިސް އެކަޑަމީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

އައްޑޫ ސިޓީ ބިން ހިއްކުމުގެ މަޝްރޫޢުގެ ތެރޭގައި ބިން ހިއްކުމުގެ އިތުރުން އިތުރު ކުރެވޭ ބިމުގެ ގޮނޑުދޮށް ހިމާޔަތްކުރުމެވެ. މި މަޝްރޫޢުއަކީ އިންޑިއާ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ހިންގާ މަޝްރޫޢުއެކެވެ.

ވެން އޫޑް އިންޑިއާ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ހިންގާ މި މަޝްރޫއުއަކީ 1.3 ބިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢުއެކެވެ. މި ސޮއިކުރި އެއްބަސްވުމުގެ ދަށުން 18 މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށް ހަވާލުކުރި މި މަޝްރޫޢުގެ ދަށުން 194.3 ހެކްޓަރުގެ ބިން އިތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

އިތުރުކުރެވޭ ބިމުގެ ތަފްސީލް:

-ހިތަދޫގައި 90 ހެކްޓަރު ބިން (ޒޯން 1 ގައި 50 ހެކްޓަރ، ޒޯން 2 ގައި 40 ހެކްޓަރު)
-މަރަދޫ އަދި މަރަދޫފޭދޫ ގައި 76 ހެކްޓަރުގެ ބިން
-ފަތުރުވެރިކަމަށް ޚާއްސަކުރެވިގެން އައްޑޫ ސިޓީ ފަޅުތެރޭގައި 8.3 ހެކްޓަރުގެ 3 ރަށް. މީގެން ކޮންމެ
ރަށެއްގައި 8.3 ހެކްޓަރު. (3 ރަށުގެ ޖުމްލަ 25 ހެކްޓަރު)
-4 ލޭން ޑިޓުއަރ ލިންކު ރޯޑުގެ ބްރިޖުގެ އެމްބޭންޓްމަންޓަށް 3.3 ހެކްޓަރުގެ ބިން

މަޝްރޫޢުގެ ދަށުން ގޮނޑުދޮށް ހިމާޔަތް ކުރުން:
- ހިތަދޫ: 4700 މީޓަރު (ބޮޑު ހިލަ ރިވެޓްމަންޓް)
- މަރަދޫ އަދި މަރަދޫ-ފޭދޫ: 3800 މީޓަރު (ބޮޑު ހިލަ ރިވެޓްމަންޓް)
- 4 ލޭން ޑިޓުއަރ ލިންކު ރޯޑު: 1575 މީޓަރު (ބޮޑު ހިލަ ރިވެޓްމަންޓް)
- ފަތުރުވެރިކަމަށް ޚާއްސަކުރެވިގެން ހަދާ 03 ރަށް: 4140 މީޓަރު (ޖިއޯޓިއުބް ރިވެޓްމަންޓް)

މީގެ އިތުރުން ދިވެހި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެންވެސް ބިން އިތުރުކުމުގެ މަޝްރޫޢު ކުރިއަށް ގެންދެއެވެ. މިގޮތުން އައްޑޫ ސިޓީ ހުޅުދޫ އާއި މީދޫން 32.3 ހެކްޓަރުގެ ބިން އަދި ފަތުރުވެރިކަމަށް ޚާއްސަކުރެވިގެން 5 ހެކްޓަރުގެ 2 ރަށް އިތުރުކުރުމުގެ މަސައްކަތް ދިވެހި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން އެމްޓީސީސީއާއި ޙަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. އަދި އައްޑޫ ސިޓީ ހުޅުދޫ އާއި މީދޫއަށް 32.3 ހެކްޓަރުގެ ބިމުގެ ގޮނޑުދޮށް ޙިމާޔަތް 455 މީޓަރުގެ ބޮޑުހިލައާއި 332 މީޓަރުގެ ޖިއޯބޭގް ޖެހިގެންދާނެއެވެ. އަދި ފަތުރުވެރިކަމަށް ޚާއްސަކުރެވިގެން ހިއްކުމަށް ހަމަޖެހިފައިވާ ހެކްޓަރުގެ 2 ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް ޖުމްލަ 2004 މީޓަރުގެ ޖިއޯޓިއުބް ރިވެޓްމަންޓް ޖެހިގެންދާނެކަމަށް ޕްލޭނިން މިނިސްޓްރީން މަޢޫލޫމާތުދެއެވެ.

އައްޑޫ ބިންހިއްކުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރާއި، ރާއްޖޭގެ ފޮރިން މިނިސްޓަރ ވަނީ ބައިވެރިވެވަޑައިގެންފައެވެ.