ޚަބަރު

ކެރީބިޔަންގެ ޤައުމުތަކުން އިނގިރޭސި ދަޢުލަތުން ވަކިވުން ބަލައިގަންނާނެ


ކެރީބިޔަންގެ ޤައުމުތަކުން އިނގިރޭސި ދަޢުލަތުން ވަކިވާން ނިންމާ ނިންމުންތައް ބަލައިގަންނާނެކަމަށް އިނގިރޭސިވިލާތުގެ ޕުރިންސް ވިލިއަމު ވިދާޅުވެއްޖެއެވެ.

ކެރީބިޔަން ސަރަޙައްދަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގައި ބަހާމާސްގެ ވެރިރަށް ނަސާއޮގައި ބޭއްވި ޙަފުލާއެއްގައި ތަޤްރީރުކުރައްވަމުން ވިލިއަމު ވިދާޅުވީ ޒަމާން ބަދަލުވަމުންދާކަމަށާއި ކެރީބިޔަންގެ ޤައުމުތަކުން ނިންމާ ނިންމުންތަކަށް އިނގިރޭސިވިލާތުން އިޚްތިރާމުކުރާނެކަމަށެވެ. އެ ގޮތުން ޒަމާނަށް އަންނަމުންދާ ބަދަލުތަކާއެކު ގުޅުންތައް ބަދަލުވަމުންދާނެކަމަށާއި އެއީ ބަލައިގަންނަން ޖެހޭނެކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

ކެރީބިޔަން ސަރަޙައްދުގައި އޮތް އިނގިރޭސި ދަޢުލަތުގެ ބާރާއި ނުފޫޒު ދޫކޮށްލުމަށް އިނގިރޭސިވިލާތުން ތައްޔާރަށް އޮތްކަން ވިލިއަމްސް ވިދާޅުވެފައިވަނީ ބަހާމާސާއި ބެލީޒާއި ޖެމައިކާއިން އިނގިރޭސި ދަޢުލަތުން ވަކިވުމުގެ ވިސްނުން ގެންގުޅެމުންދާ ދަނޑިވަޅެއްގައެވެ. މިދިޔަ ނޮވެންބަރު މަހުގެ ތެރޭގައި ބާބޮޑަސްވަނީ އިނގިރޭސި ދަޢުލަތުން ވަކިވެފައެވެ. އިނގިރޭސިވިލާތުގެ ރާނީ އެލިޒަބެތުގެ 70 އަހަރުވީ ވެރިކަމުގައި ގިނަ ޢަދަދެއްގެ ޤައުމުތަކުންވަނީ އިނގިރޭސި ދަޢުލަތުން ވަކިވެފައެވެ. ނަމަވެސް ރާނީގެ ވެރިކަމުގެ ދަށުގައި އަދިވެސް 15 ޤައުމު އެބައޮތެވެ. އޭގެ ތެރޭގައި އޮސްޓުރޭލިޔާއާއި ނިޔު ޒީލޭންޑާއި ކެނެޑާ ހިމެނެއެވެ.

ކެރީބިޔަން ސަރަޙައްދަށް ވިލިއަމާއި އޭނާގެ އަނބިކަނބަލުން ކޭޓު ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގައި ޢާއްމުން ނުރުހުމާ ކުރިމަތިލައްވަންވަނީ ޖެހިވަޑައިގެންފައެވެ. އެ ގޮތުން އޭނާ ވަޑައިގަތް ކެރީބިޔަންގެ ޤައުމުތަކުންވަނީ އިނގިރޭސި ދަޢުލަތުން ލިބުނު ގެއްލުމުގެ ބަދަލުދިނުމަށާއި އަޅުން ގެންގުޅުމުގައި ޢަމަލުކޮށްފައިވާ އިންސާނިއްޔަތާ ޚިލާފު އުޞޫލުތަކަށް މަޢާފަށް އެދުމަށް ގޮވާލައިފައެވެ.