ޚަބަރު

އެމްޑީޕީގެ ވާހަކަތަކަށް ހޯމް މިނިސްޓަރު ރައްދު ދެއްވައިފި


ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއާއި
ދެމެދު ހިންގާފައިވާ މުޢާމަލާތުތަކަކީ ސަރުކާރާއި ގުޅުންހުރިކަމެއް ނޫންކަމަށް
ހޯމް މިނިސްޓަރ ޢުމަރު ނަޞީރު ވިދާޅުވެއްޖެއެވެ.



ޢުމަރު މިހެން ވިދާޅުވެފައި މިވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިދިޔަ
އަހަރުގެ ޖުލައި މަހުގެ ތެރޭގައި މިނިވަން ކުރެއްވުމަށް ސަރުކާރުން އެއްބަސްވެ
ވަޑައިގެންފައިވާކަމަށް އެމްޑީޕީން މިއަދު ބުނެފައިވަނިކޮށެވެ. އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރާއި އެމްޑީޕީއާއި
ދެމެދު ކުރިޔަށް ގެންދިޔަ ސިއްރު މަޝްވަރާތަކުގައި ރައީސް ނަޝީދު
މިނިވަންކުރެއްވުމަށް ސަރުކާރުން އެއްބަސްވެ ވަޑައިގެންފައިވާކަމަށެވެ.



އަދި މި މަޝްވަރާތައް ކުރިޔަށް ގެންގޮސްފައިވަނީ ކުރީގެ ނައިބު ރައީސް
އަޙުމަދު އަދީބު  މެދުވެރިކުރައްވާ ސީދާ
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި އެކުކަމަށްވެސް
އެމްޑީޕީން ބުނެއެވެ. އެމްޑީޕީގެ މި ބަޔާނާއި ގުޅިގެން ހޯމް މިނިސްޓަރ ޢުމަރު ނަޞީރު މިއަދު
ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެމްޑީޕީއާއި އަޙުމަދު އަދީބާއި ދެމެދު
ހިންގާފައިވާ މުޢާމަލާތުތަކާއި ސަރުކާރާއި އެއްވެސް ގުޅުމެއްނުވާކަމަށެވެ. 



އަދި ތޭރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް
ނަޝީދު މިނިވަން ކުރެއްވުމަށް ސަރުކާރަށް ޤާނޫނީ ގޮތުން އެއްވެސް ބާރެއް
ލިބިވަޑައި ނުގަންނަވާކަމަށްވެސް ޢުމަރު ނަޞީރު ވިދާޅުވެފައިވެއެވެ. ނަޝީދު މިނިވަން ކޮށްފައިވާކަމަށް ބުނެ ކަރެކްޝަނަލް ސާރވިސުން ދޫކުރިކަމަށް
ބުނާ ލިޔުން ތަޙުޤީޤު ކުރަމުންދާއިރު އެ މައްސަލާގައި މިއަދު ނަޝީދާއި ސުވާލު
ކުރައްވާފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.