ޚަބަރު

އެއަރޕޯޓް ބޮޑުކުރުމުގެ މަޝްރޫއާއެކު ރައީސްގެ ޚާއްޞަ ތަސައްވުރެއް ފުވައްމުލަކަށް


ފުވައްމުލަކު އެއަރޕޯޓް ބޮޑުކުރުމާއި ބޯހިޔާވަހިކަމުގެ 400 ހައުސިންގ ޔުނިޓް ޢިމާރާތްކުރުން ހިމެނޭހެން ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދަވާނެކަމުގެ ޔަޤީންކަން ފުވައްމުލަކު ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ޔަޤިންކަން ދެއްވީ ފުވައްމުލަކު ރައްޔިތުންނަށް ރައީސްގެ ދެކަނބަލުން ދެއްވި މާހެފުމުގެ ޚާއްޞަ ހަފްލާގައި ދެއްކެވި ވާހަކަފުޅުގައެވެ.

ފުވައްމުލަކު ސިޓީގެ ރައްޔިތުންނަށް ރައީސްގެ ދެކަނބަލުން ދެއްވި މާހެފުމުގެ ފަރިއްކޮޅުގެ ކުރިން ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަަފުޅުގައި ވިދާޅުވީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބާއި ކައުންސިލް އިންތިޚާބުގައި ވެފައިވާ ވަޢުދުތަކަކީ ސަރުކާރުގެ ވަޢުދުތަކެއްކަމަށެވެ. އެ ވަޢުދުތައް ފުއްދެވުމަށް ސަރުކާރުން މަސައްކަތްކުރައްވާކަން ފާހަގަކުރައްވާ ރައީސް ވަނީ ފުވައްމުލަކަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލިސް ތިން މެންބަރުނާއި މޭޔަރު އެމަނިކުފާނާ ބައްދަލުކުރައްވާ ގިނަ ކަންތައްތަކެއް އިތުރަށް ކުރުމަށް ހުށައެޅުއްވިކަމަށް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި އެންމެ ބޮޑު އެންމެ މުހިންމު އެއް މަޝްރޫޢެއްގެ ގޮތުގައި ފާހަގަކުރެއްވީ ފުވައްމުލަކު އެއަރޕޯޓް އިތުރަށް ބޮޑުކޮށް ތަރައްޤީކުރުމެވެ. ފުވައްމުލަކު އެއަރޕޯޓް އިތުރަށް ބޮޑުކޮށް ތަރައްޤީކުރުމަކީ މިހާރު ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވެ ރައީސް ވަނީ އެއަރޕޯޓް ބޮޑުކުރުމުގެ ޓެކްނިކަލް ސާރވޭއެއް ކުރުމަށް ޕްލޭނިން މިނިސްޓަރަށް ދަންނަވާފައިވާނެކަމަށެވެ. އަދި އެ ޓެކްނިކަލް ސާރވޭއަށްފަހު ފުވައްމުލަކު އެއަރޕޯޓް ބޮޑުކުރެވެން އޮތް އެންމެ ބޮޑެއް ކުރައްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ. ސަބަބެއްކަމަށް ރައީސް ވިދާޅުވީ، އައިލެންޑް އޭވިއޭޝަނާއި އެނޫންވެސް އެއަރލައިންތަކުގެ ބޯޓުތަކުގެ ސައިޒު ބޮޑުވަމުން އަންނައިރު މިއީ ފުވައްމުލަކު އެއަރޕޯޓަށް ކޮންމެހެން ގެނަންޖެހޭ ބަދަލެއްކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ ފުވައްމުލަކަށް ދެން އޮތް އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަކަމަށެވެ. މިގޮތުން ފުވައްމުލަކުގައި 200 ހައުސިންގ ޔުނިޓް ޢިމާރާތްކުރުމަށް ޓެންޑަރިންއަށް ލާފައިވާއިރު، އިތުރު 200 ހައުސިން ޔުނިޓާއެކު ޖުމްލަ 400 ހައުސިން ޔުނިޓް އަޅުއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

"މިއީ ބޯހިޔާވަހިކަން ބޭނުންވާ މީހުންނަށް އެންމެ އެކަށީގެންވާ އަދަދެއްނޫން. މި 400 ޔުނިޓްގެ އިތުރުން ބޭނުންވާ އިތުރު ހައުސިންގ އިތުރުކޮށްދޭނެކަމުގެ ޔަޤީންކަން ރައްޔިތުންނާ ކައުންސިލަށް އަޅުގަނޑު އަރުވަން."ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފުވައްމުލަކުގައި 18 ކިލޯމީޓަރުގެ މަގު ހެދުމުގެ މަޝްރޫއު ކުރިއަށްދާއިރު އިތުރު މަގުތަކެއް ހެދުމަކީވެސް މުހިންމުކަމެއްކަމަށެވެ. އެހެންކަމުން މަގު ހެދުމުގެ މަޝްރޫޢު މެދުކެނޑުމެއް ނެތި އިތުރު 10 ކިލޯމީޓަރުގެ މަގު ފުވައްމުލަކުގައި ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަން ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"މިއީ ސިޓީއެއް. މިރަށުގެ ޚިދުމަތް ދޭންޖެހޭނީ އެހެން ސިޓީތަކުގެ ޚިދުމަތާ އެއްގޮތަށް. އެއީ ތަޢުލީމާ ސިއްޙީ އަދި އެނޫންވެސް ޚިދުމަތްކަމަށްވިޔަސް ހުންނަޖެހޭ އެގޮތަށް. އެގޮތުން މިރަށުގެ ސިއްޙީ ޚިދުމަތް ތަރައްޤީކުރުމަށް 50 އެނދުގެ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތްކުރިއަށްދޭ. އެތަނުގައި ޚާއްސަ ޚިދުމަތްތަކެއް ފަށާނަން. މި ހޮސްޕިޓަލް ޚާއްޞަ ކުރާނީ ކުޑަކުދިންނާއި އަންހެނުންގެ ޚާއްޞަ ސްޕެޝަލިޓީގެ ޚިދުމަތް ދޭގޮތަށް. އިރާދަކުރެއްވިއްޔާ މި އަހަރު ފެށޭނެ."ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިރަށުގެ ބަނދަރުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާތީ ބަނދަރުގެ ޖާގަ އިތުރުކުރުމަށް، އެ މަޝްރޫޢު އެންމެ ފުރަތަމަ ކުރިއަށްގެންދިޔަ ކުންފުންޏާއި މިހާރު ހަވާލުކޮށްފައިވާކަމަށެވެ. އެ ކުންފުނިން ޓެކްނިކަލް ސާރވޭކުރުމަށްފަހު އެކަން ކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނުގެ ރިޔާސީ އިންތިޚާބުގެ ވަޢުދާއި އެއްގޮތަށް ފުވައްމުލަކުގައި ފަތާ ފެންގަނޑެއް ހަދާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވިއެވެ. މީގެ އިތުރުން ފުވައްމުލައް ގިރާ މައްސަލައަކީ ދުވަސްވީ ބޮޑު މައްސަލައެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެންމެ ރަނގަޅު ފެންވަރަށް ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެކަމަށެވެ. އެ މަޝްރޫޢު ނިމިގެންދާއިރު ހައިވޭއެއް ތަރައްޤީކުރުމަށް އިސްކަން ދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ފުވައްމުލަކުގައި ސްވިމިން ޕޫލަކާއެކު ގިނަ ކުޅިވަރުތައް ކުޅެވޭނެ ސްޕޯޓްސް ކޮމްޕްލެކްސައެއް ތަރައްޤީކުރުމަށް ޓެންޑަރ ކުރެވިފައިވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މި ސްޕޯޓްސް ކޮމްޕްލެކްސްގައި ގިނަ ކުޅިވަރުތަކެއް ހިމެނޭކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެތުލީޓުންނަށް ޚާއްޞަ ސިންތެޓިކް ޓްރެކެއް ތަރައްޤީކުރުމުގެ މަސައްކަތްވެސް ބިޑުކުރެވިފައިވާކަމަށެވެ.

ރައީސް ވަނީ މަސްވެރިކަން ތަރައްޤީކުރުމަށްވެސް މުހިންމު މަސައްކަތްތަކެއް ކުރައްވާނެކަމަށް ވިދާޅުވެފައެވެ. މިގޮތުން
މަސްވެރިން ބާނާ މަސް ފަސޭހައިން ގަނެވޭނެ ގޮތް ހެދުމަކީ މަސްވެރިން ހުށައަޅަފައިވާކަމެއްކަމަށާއި، ފުވައްމުލަކުން މިފްކޯއަށް މަސް ގަނެވޭނެ އިންތިޒާމް ހަމަޖައްސައި ތަރައްޤީކުރުމަށް ނިންމަވާފައިވާކަމަށް ވިދާޅުވިއެވެ. ރައީސް ވަނީ ރަށުގައި ހުރި ވަސީލަތްތަކުގެ ތަފްސީލް ހިމެނޭހެން ޕްލޭނެއް ކައުންސިލުން ހުށައަޅައިދެއްވުމަށް އެދިވަޑައިގެންފައެވެ.

ރައީސްގެ ވާހަކަފުޅުގައި ފުވައްމުލަކުގައި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދަވާނީ މިއީ ބަޔޮސްފިޔަރ ރިޒާވެއްކަން ދަނެ ތިމާވެއްޓާއި ގުދުރަތީ ނިޒާމަށް ގެއްލުން ނުވާނެގޮތަށްކަމަށް ވިދާޅުވިއެވެ. ރައީސް ވަނީ އެކަމަށް ކައުންސިލާއި ރައްޔިތުންގެ އެއްބާރުލުން ދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ފުވައްމުލަކުގައި ހިންގާ މަޝްރޫޢުތަކަށް ރައްޔިތުން ބޭނުންވާ ޚިޔާލު ހުށައެޅުއްވުމަށްވެސް ރައީސް އެދިވަޑައިގަތެވެ.

ފުވައްމުލަކު ރައްޔިތުންނަށް ރައީސްގެ ދެކަނބަލުން ދެއްވި މާހެފުމުގައި ރައީސް ވަނީ ރައްޔިތުންނާއި ބައްދަލުކުރައްވާ ރަށްޔިތުންގެ ހުރި ހުށައެޅުއްތައް އަޑުއައްސަވާފައެވެ.

ރައީސްގެ ވަޢުދުތައް ކުރުކޮށް:

- އެއަރޕޯޓް ބޮޑުކުރެއްވުން
- 400 ހައުސިންގ ޔުނިޓް ތަރައްޤީކުރުން
- މިހާރު ކުރިއަށްދާ 18 ކިލޯމީޓަރުގެ މަގު ހެދުމަށް އިތުރު 10 ކިލޯ މީޓަރު އިތުރުކުރުން
- 50 އެނދުގެ ހޮސްޕިޓަލް ( އަންހެނުންނާއި ކުޑަކުދިންނަށް ޚާއްޞަ)
- ބަނދަރު ބޮޑުކޮށް ޒަމާނީކުރުން
- ގިރާ ސަރަހައްދު ހިމާޔަތްކުރުން
- ސްޕޯޓްސް ކޮމްޕްލެކްސް ތަރައްޤީކުރުން
- ފަތާ ފެންގަނޑެއް ތަރައްޤީކުރުން
- ސްވިމިން ޕޫލެއް ތަރައްޤީކުރުން
- ސްޕޯޓްސް ކޮމްޕްލެކްސް ތަރައްޤީކުރުން
- ސިންތެޓިކްސް ޓްރެކެއް ތަރައްޤީކުރުން
- ފުވައްމުލަކުން މިފްކޯއަށް މަސް ގަނެވޭނެ އިންތިޒާމް ހަމަޖެއްސުން
- ނޭޗަރ ޕާކް އިތުރަށް ތަރައްޤީކުރުން

ރައީސުލްޖުމްހޫރިއްޔާ ފުވައްމުލަކަށް ކުރައްވާ ދަތުރުފުޅުގައި މި ރަށުގައި ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތައް ބައްލައްވާނެއެވެ. އަދި މުއައްސަސާތަކަށް ޒިޔާރަތްކުރައްވާ މަޝްވަރާކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.