ޚަބަރު

ބެސްޓް ރޭޑިއޯ ޕްރެޒެންޓަރގެ ފަޚުރުވެރި އެއްވަނަ މާއިޝާ މުޙައްމަދަށް


ދިވެހިރާއްޖޭގެ އަޑުން އިންތިޒާމުކޮށް ކުރިއަށްގެންދިޔަ ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮމްޕެޓިޝަންގެ އެއްވަނަ ހދ.ކުރިނބީ މައިޝާ މުޙައްމަދު ޙާސިލްކޮށްފިއެވެ. މިއީ މިމުބާރާތް ކުރިއަށްގެންދިޔަ ހަތަރުވަނަ ފަހަރެވެ.

ދިވެހިރާއްޖޭގެ އަޑުން ބޭއްވި "ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮންޕެޓިޝަން 2022"ގެ ފައިނަލަށް ދަތުރުކުރި ތިން ބައިވެރިންގެ ތެރެއިން އެހުންތެރިންގެ ގިނަ ޢަދަދެއްގެ ވޯޓާއެކު ކާމިޔާބުުރީ ހދ.ކުރިނބީ މައިޝާ މުޙައްމަދުއެވެ. މިއާއެކު މައިޝާއަށްވަނީ މުބާރާތުގެ އެއްވަނައަށް ދާ ފަރާތަކަށް ކޮންޓްރެކްޓް އުސޫލުން އެއް އަހަރު ދުވަހު ޕީ.އެސް.އެމްގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބިފައެވެ. އަދި ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮންޕެޓިޝަންގެ ޓައިޓްލް ކާމިޔާބުކުރާ ބައިވެރިއަކަށް ދޭ ވިހި ހާސް ރުފިޔާގެ ފައިސާގެ އިނާމާއި މުބާރާތުގެ ޓްރޮފީ މައިޝާއަށްވަނީ ދީފައެވެ.


މިމުބާރާތުގެ ދެވަނައަކީ މުޙައްމަދު ނަވީންއެވެ. އަދި ތިންވަނަ އަކީ އައިމިނަތު ބަލްސަމްއެވެ. މިމުބާރާތުގެ ދެވަނައަށް އައި ފަރާތަށް ފަނަރަ ހާސް ރުފިޔާ އަދި ތިންވަނަ ހޯދާ ބައިވެރިޔާއަށް ދިހަ ހާސް ރުފިޔާގެ ފައިސާގެ އިނާމު ލިބިފައިވެއެވެ. ރިއެލިޓީ ޝޯއެއްގޮތަށް އިންތިޒާމުކޮށް ކުރިއަށްގެންދިޔަ މި މުބާރާތުގެ ވަނަ ވަނައަށް ދިޔަ ފަރާތްތަކަށް ފައިސާގެ އިނާމާއި ހަނދާނީ ލިޔުންވަނީ ޙަވާލުކޮށްފައެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އޯޑިޝަން ބާއްވާ އޯޑިޝަންގައި ހޮވުނު ގަދަ 10 ބައިވެރިންނާއެކު މުބާރާތް ފަށާފައިވަނީ ޖެނުއަރީ މަހުއެވެ. އެގޮތުން މިވޭތުވެދިޔަ ހަފްތާތަކުގައި މުބާރާތުގެ ބައިވެރިންވަނީ ކޮންމެ ހަފްތާއަކުވެސް ތަފާތު ފޯމެޓެއްގެ ހުށައެޅުމެއް ހުށައަޅާފައެވެ. އެގޮތުން ރިޕޯޓް ހުށައެޅުމާއި، ޚަބަރު ކިޔުން، ވާހަކަ ކިއުން، އިންޓަރވިއުކުރުން، ރޭޑިއޯ ޑްރާމާ، އަދި ރޭޑިއޯއަށް މަންޒަރު ސިފަކުރުމުގެ އިތުރުން ފޯން ލައިވް ޕްރޮގްރާމް ބައިވެރިންވަނީ ހުށައަޅާފައެވެ.

މިފަހަރުގެ މުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވީ ރޭޑިއޯ ޕްރޮގްރާމް ޕްރެޒެންޓް ކުރުމާއި، ޕްރޮގްރާމް އުފެއްދުމުގެ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުން ކަމަށްވާ މޫމިނާ އިބްރާހީމް، ނަޞްރުﷲ އިދުރީސް އަދި ހަސަން ހަލީމެވެ.

ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮންޕެޓިޝަނަކީ ރޭޑިއޯ ޕްރޮގްރާމް ހުށަހެޅުމުގެ ދާއިރާގައި މަސައްކަތް ކުރާހިތްވާ ޒުވާނުންނަށް އެފުރުޞަތު ފަހިކޮށްދީ، އެފަދަ ޒުވާނުންގެ ހުނަރު ތަރައްޤީ ކޮށްދިނުމުގެ މަޤްޞަދުގައި، ވާދަވެރި މުބާރާތެއްގެ ގޮތުގައި ކުރިއަށްގެންދާ ރިއަލިޓީ ޝޯވއެކެވެ. މިއީ އެހުންތެރިންގެ މެދުގައި މަޤުބޫލު ޝޯއެކެވެ. އެގޮތުން ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮންޕެޓިޝަން 2022"އަކީ މިފަދަ 4 ވަނަ ސީޒަންއެވެ. އަދި މިއަހަރަށްވުރެ ފުރިހަމަކަމާއެކު މީގެ އިތުރު ސީޒަންއެއް އެހުންތެރިންނާހަމައަށް ގެނެސްދޭނެ ކަމަށް ޕީއެސްއެމްގެ ދިވެހިރާއްޖޭގެ އަޑުން ވިދާޅުވެއެވެ.