ޚަބަރު

އަނެއްކާވެސް ރަޝިޔާއާ ދެކޮޅަށް ޢާއްމު މަޖިލީހުން ޤަރާރެއް ފާސްކޮށްފި


ޔޫކްރެއިނުގައި ހަނގުރާމަކުރަމުންދާ ސަރަޙައްދުތައް ދޫކޮށް ދާން ބޭނުންވާ މީހުންނަށް ފަސޭހަ ގޮތްތަކަކާއި އެ ޤައުމަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމުތަކެއް ހަމަޖައްސާދިނުމަށް ގޮވާލައި އދގެ ޢާއްމު މަޖިލީހުން ޤަރާރެއް ފާސްކޮށްފިއެވެ.

193 މެންބަރު ޤައުމު ހިމެނޭ ޢާއްމު މަޖިލީހުން ފާސްކުރި ޤަރާރުގައި ޔޫކްރެއިނުގައި އިންސާނީ ބޮޑު ކާރިޘާއެއް ރަޝިޔާއިން އުފެދިކަމަށް ތުޙްމަތުކޮށް ވަރަށް ބޮޑަށްވަނީ ފާޑުކިޔައިފައެވެ. އެއީ މީގެ އެއް މަސްދުވަސްކުރިން ޔޫކްރެއިނަށް ޙަމަލާދޭން ފެށުމުން ރަޝިޔާއާ ދެކޮޅަށް ޢާއްމު މަޖިލީހުން ފާސްކުރި ދެވަނަ ޤަރާރެވެ. ޢާއްމު މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އދގެ ސެކެޓުރީ ޖެނެރަލް އެންތޮނިޔޯ ގުތެޚޭޝްވަނީ ބޭނުމެއްނެތް ކަމެއްގައި ޔޫކްރެއިނުގައި ހަނގުރާމައެއް ރަޝިޔާއިން ފަށާފައިވާކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ހިތްހަމަނުޖެހުންފާޅުކުރައްވައިފައެވެ. އަދި ފާއިތުވި އެއް މަސްދުވަހުގެ ތެރޭގައި އެތައް ހާސް ބަޔަކު މަރުވެ އެތައް މިލިޔަން ބައެއްގެ ގެދޮރުގެއްލިފައިވާކަން ފާހަގަކުރައްވައި އޭނާވަނީ ކަންބޮޑުވުންފާޅުކުރައްވައިފައެވެ.

ރަޝިޔާއާ ދެކޮޅަށް ޢާއްމު މަޖިލީހުން ޤަރާރެއް ފާސްކޮށްފައިވަނީ 140 ވޯޓުންނެވެ. އެ ޤަރާރާ ދެކޮޅަށް ވޯޓުދީފައިވަނީ ރަޝިޔާއާއި ބެލަރޫސްސާއި އުތުރު ކޮރެޔާއާއި ސޫރިޔާއާއި އެރިތުރިޔާއެވެ. ޗައިނާ ހިމެނެނީ ވަކިކޮޅަކަށް ވޯޓުނުދޭ 38 ޤައުމުގެ ތެރޭގައެވެ. މީގެ ކުރިން ޢާއްމު މަޖިލީހުން ރަޝިޔާއާ ދެކޮޅަށް ފާސްކުރި ޤަރާރަށް ވޯޓުދީފައިވަނީ 141 ޤައުމުންނެވެ. އަދި އެ ޤަރާރާ ދެކޮޅަށް އެ ފަހަރުވެސް ރަޝިޔާއާއި ބެލަރޫސްސާއި އުތުރު ކޮރެޔާއާއި ސޫރިޔާއާއި އެރިތުރިޔާއިން ވޯޓު ދިނެވެ. އޭގެ އިތުރުން އެ ފަހަރު ޗައިނާއާއެކު 35 ޤައުމެއްވަނީ ވަކިކޮޅަކަށް ވޯޓުދިނުމަށް ދެކޮޅުހަދައިފައެވެ.

އދގެ ޢާއްމު މަޖިލީހުން ފާސްކުރާ ޤަރާރުތަކަށް ޢަމަލުނުކޮށްގެން އެޅޭނެ ގިނަ ފިޔަވަޅުތަކެއް ނެތް ނަމަވެސް އެ ޤަރާރުތަކަކީ ސިޔާސީގޮތުން ބާރުހުރި ޤަރާރުތަކެކެވެ.