ޚަބަރު

ތޮއްޑޫ ދަނޑުވެރިން އަވަދިނެތި، މުޅި ރަމަޟާންމަހަށް ކަރާ ލިބޭނެ


ވިޔަފާރީގެ ގޮތުގައި ލަރޖް ސްކޭލްކޮށް ދަނޑުވެރިކަން ކުރާ ރަށްތައް މިހާރު ރާއްޖޭގައި ނިސްބަތުން މަދެވެ. އއ.ތޮއްޑުއަކީ ދަނޑުވެރިކަމުގެ ސިނާޢަތުގައި ރާއްޖޭގައި އެންމެ މަޝްހޫރު އެއް ރަށޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ޚާއްސަކޮށް "ތޮއްޑޫ ކަރާ" މި ނަމަކީ ދިވެހިންނަށް ވަރަށް ފަރިތަ ނަކެވެ.

ރަމަޟާންމަހު ތޮއްޑޫ ކަރާގެ ރަހައާއި ނުލައި ގިނަ ގެތަކުގެ ސުފުރާމަތި، ފަޅުފިލުވައެއް ނުލެވެއެވެ. ކަރާ ފަންޏަކީ ރަމަޟާންމަހުގެ ޚާއްސަ ބުއިމެވެ.

ތޮއްޑޫ މިއަހަރުވެސް އޮތީ ރަމަޟާންމަހު ރާއްޖޭގެ މާކެޓަށް ބޭނުންވާ ކަރާ ފޯރުކޮށްދިނުމަށް ތައްޔާރަށެވެ. ރަަމަޟާން މަސް ފެށުމަށް މަދު ދުވަސްކޮޅަކަށް ވެފައިވާއިރު، އެހެން އަހަރުތަކެކޭ އެއްގޮތަށް ތޮއްޑޫގެ ދަނޑުވެރިން އުޅެނީ އަވަދިނެތިއެވެ.

157 ހެކްޓަރުގެ ތޮއްޑޫގައި މީހުން ދިރިއުޅެމުންދާ ކުޑަ ސަރަޙައްދު ފިޔަވައި، ރަށުގެ ހުރިހާ ސަރަޙައްދުތައް އޮތީ ދަނޑު ބިމަށް ދޫކޮށްފައެވެ. ތޮއްޑޫގައި ރަމަޟާންމަހަށް ކަރާ ދަނޑު ދޫކުރާއިރު، ރަށުގެ ކޮންމެ ރައްޔިތަކަށް ބިން ލިބެއެވެ. އެއީ 1މަހުގެ ތުއްތު ކުއްޖެއްނަމަވެސް، އޭނާގެ ބޮލަށްވެސް ބިން ދޫކުރެއެވެ.

ތޮއްޑޫއިން ރަމަޟާން މަހަށް ތައްޔާރުވުމަށް ކަރާ ހެއްދުމަށް، 3މަސް ކުރިން ދަޑުތައް ދޫކޮށް ދަނޑުހެއްދުމުގެ މަސައްކަތްތައް ފަށައެވެ. ދަނޑުތަކުގައި ގޮވާން ޖަހަނީ ކައުންސިލުން ކަނޑައަޅާ ވަކި ދުވަހެއްގައެވެ.

" މިއަހަރު ތޮއްޑޫއިން 116 ދަނޑު ބިން މިވަނީ ދޫކޮށްފައި. މިއީ މުޅި ރަށުގެ ރައްޔިތުން ވަރަށް ލޯތްބާއެކު، ވާދަވެރިކަމާއެކު ކުރަމުން އަންނަ މަސައްކަތެއް." ކައުންސިލްގެ ރައީސް އަޙުމަދު ކަރަމް ވިދާޅުވިއެވެ.

ތޮއްޑޫއިން ކަރާ ހެއްދުމަށް 1000އަކަފޫޓާއި، 2500އަކަފޫޓުގެ ބިންތައް ވަނީ ދޫކޮށްފައެވެ.

ރަމަޟާން މަސް "ކަރާ ސީޒަން"އަކީ ތޮއްޑުއަށް އަންނަ އީދެކެވެ. ދަނޑުވެރިން އަވަދިނެތި ތިބީ ދަނޑުތައް ބެލެހެއްޓުމުގައެވެ. ތޮއްޑޫ ދަނޑުވެރިން ފޯރިއާއެކު ކުރަމުން އަންނަ މި މަސައްކަތަކީ ވަރަށް ބޮޑު ހޭދައެއްކޮށްގެން ކުރަމުން އަންނަ ބުރަ މަސައްކަތެކެވެ. ގޮވާންކުރުމަށް ދަނޑުތައް ތައްޔާރުކުރުމާއި، އިންދުމާއި، ދަނޑަށް ބޭނުންވާ ގަސް ކާނާއާއި ބޭހާއި ކެމިކަލް ހޯދައި ދަނޑު ބެލެހެއްޓުމުގައި ދަނޑުވެރިން މުޅި މިދުވަސްވަރު ހޭދަކުރެއެވެ.

ތޮއްޑޫގެ ދަނޑުވެރިން ބުނާގޮތުން ރަމަޟާން މަހަށް ކަރާ ހެއްދުމުގެ މަސައްކަތުގެ %90 މިހާރުވަނީ މުޅިން ނިމިފައެވެ. އަދި މިހާރު ތައްޔާރުވަމުންދަނީ ސަޕްލައިގެ މަސައްކަތަށެވެ.

ދަނޑުވެރިން ލަފާކުރަގޮތުގައި 1000 އަކަފޫޓުގެ ދަނޑަކުން 5-7 ޓަނުގެ ކަރާ ލިބޭނެއެވެ. އަދި 2500 އަކަފޫޓުގެ ދަނޑަކުން 12 ޓަނަށްވުރެ ގިނަ ޓަނުގެ ކަރާ ކެނޑޭނެއެވެ.

ތޮއްޑޫގެ ދަނޑުވެރިން ބުނަނީ މިއަހަރު ދަތިކަމެއް ނެތި މުޅި ރަމަޟާންމަހަށް ބޭނުންވާ މިންވަރަށް ރަށުގެ ދަނޑުތަކުން ކަރާ ލިބޭނެކަމަށެވެ. އަދި އަގުވެސް ބޮޑު ނުވެ ހިފެހެއްޓޭނެކަމަށެވެ.

"އަގު ބެލެވެނީ އުޅޭނީ ކިލޯއެއް 20-25 ރުފިޔާއަށްކަމަށް. މިހާރު ދަނޑުތައް މިއޮތީ ވަރަށް ފެހިކޮށް، ކަރާ ކެނޑުމާ ހަމައަށް ދަނީ މި. ހަމަ މުޅި ރޯދަމަހަށް ކަރާ ލިބޭވަރަށް ތައްޔާރަށް ތޮއްޑޫގެ ދަނޑުތައް މިއޮތީ." ރަށުގެ ބައެއް ދަނޑުވެރިން ފާހަގަކުރިއެވެ.

އަނެއްބައި ދަނޑުވެރިން ބުނަނީ، ދަނޑުވެރިންގެ އަތުން ކަރާ ގަންނަ އަގު ހުންނާނީ 15 ރުފިޔާއިން ދަށުގައިކަމަށެވެ.

މާލޭގެ ގޮޅިތަކުގައި ވިއްކާ ބައެއް ބާވްތަކުގެ %60 ޙިއްސާކުރަނީ ތޮއްޑޫއިން ގެންނަ ތަކެއްޗެވެ. އަދި 6 ރިސޯޓަކަށްވެސް ރަށުގެ އުފެއްދުންތައް ސަޕްލައި ކުރެއެވެ.

ކަރާގެ އިތުރުން ފަޅޯ، ކިއުކަންބާ، ފެޝަން ފްރުޓް، މެލަން އަދި ފަތްޕިލާވެލީގެ ބާވަތްތައްވެސް ތޮއްޑޫގައި ހައްދައެވެ.