ސްރީލަންކާގައި މިދިޔަ ނޮވެމްބަރު މަހު ކުރިއަށް ދިޔަ ފޯ ނޭޝަންސް ކަޕަށްފަހު ރޭ ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖޭގެ ޓީމުގެ ފަރާތުން ފެނިގެންދިޔަ ކުޅުމާއި ހަމައަށް ކުރެވުނު މަސައްކަތާއިމެދު ހިތްހަމަ ޖެހޭ ކަމަށާއި، މި މެޗުގެ ނަތީޖާއަކީ ރާއްޖެއަށް ހައްގު ނަތީޖާއެއް ކަމަށް ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ބުނެފިއެވެ.
ގައުމީ ޓީމާއި މޮރިއޭރޯ ހަވާލުވީ ފޯ ނޭޝަންސް ކަޕް ބޯމަތިވެފައި ވަނިކޮށެވެ. ގައުމީ ޓީމާއި ހަވާލުވިތާ ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފޯ ނޭޝަންސް ކަޕަށް ރާއްޖެ ނުކުތްއިރު އެ މުބާރާތް ރާއްޖެއިން ނިންމާލީ މޮޅެއް ނުލިބިއެވެ.
ފީފާ ތާރީޚުގައި ކުޅުނު ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗުގައި ރާއްޖެއިން ވަނީ ރޭ 2-0 ގެ ނަތީޖާއަކުން ބަންގްލަދޭޝް ބަލިކޮށްފައެވެ.
ގައުމީ ޓީމާއެކު މޮރިއޭރޯ ހޯދި ފުރަތަމަ ކާމިޔާބީއަށްފަހު ވާހަކަ ދައްކަމުން މޮރިއޭރޯ ބުނީ މި މެޗުގައި ޒުވާން ކުޅުންތެރިން ދެއްކި ކުޅުމާއި މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށެވެ.
މޮރިއޭރޯ ބުނީ އައު ކުޅުންތެރިން ޓެސްޓު ކޮށްލެވިއްޖެ ކަމަށާއި، އަދި މި މެޗުން އައު ކުޅުންތެރިން ސާބިތުކޮށްދިނީ ފުރުސަތު ލިބިއްޖެ ނަމަ ތަފާތު ދައްކާނެކަން ކަމަށެވެ.
މޮރިއޭރޯ ބުނީ މި މެޗަކީ އޭނާއަށް މުހިންމު މެޗެއް ކަމަށާއި، މި މެޗަށް ވަރަށް ބޮޑަށް މަސައްކަތް ކުރެވުނު ކަމަށެވެ. އަދި ހުރިހާ ގޮތަކުން ބެލިކަމުގައިވީ ނަމަވެސް މިއީ ރާއްޖެއަށް ހައްގު މޮޅެއް ކަމަށް މޮރިއޭރޯ ބުންޏެވެ.
މި މެޗަށް ރާއްޖެއިން ނުކުތީ އަނިޔާގެ ސަބަބުން މުހިންމު ގިނަ ކުޅުންތެރިންތަކެއް ނުލައެވެ. އޭގެ ތެރޭގައި ވެލެންސިއާގެ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) އާއި، މާޒިޔާގެ ފޯވާޑް ހަމްޒާ މުޙައްމަދު (ހަމްޕު)ގެ އިތުރުން އިތުބާރު ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) ވެސް މި މެޗުގައި ކުޅެފައެއްނުވެއެވެ.