ޚަބަރު

އާއްމު އިޖުތިމާޢީ ރައްކާތެރިކަމަށް ހިޔާގެ ރައްޔިތުން ހޭލުންތެރިކުރުމަށް ހަވީރެއް ބާއްވައިފި


އާއްމު އިޖްތިމާޢީ ރައްކާތެރިކަމާއިގުޅޭ ކަންކަމަށް ހޭލުންތެރިކުރުމަށް ހިޔާ ސަރަޙައްދުގައި ޚާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ. މި ހަރަކާތުގައި އަލިފާނުގެ ޙާދިސާތަކާއި، ހިޔާ ސަރަޙައްދާއި ގޭތެރޭގެ ރައްކާތެރިކަމާއި، ސިއްޙީ ކުއްލި ފަރުވާއާއި އަދި އެ ސަރަޙައްދަކީ ސާފު ތަނެއްގެ ގޮތުގައި ބޭއްވުމަށް ހިޔާގެ ރައްޔިތުން ހޭލުންތެރިކޮށްފައިވެއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން އިސްނަގައިގެން ކަމާ ގުޅުންހުރި އިދާރާތަކާއެކު ކުރިއަށްގެންދިޔަ މި ހަރަކާތުގެ އެންމެ ބޮޑު ބޭނުމަކީ އެއްތަނެއްގައި ބޮޑު އާބާދީއެއް ދިރިއުޅެމުންދާއިރު، އެމީހުންނަށް ބޭނުންވާ އާއްމު އިޖްތިމާޢީ ރައްކާތެރިކަން ޤާއިމުކުރުމުގައި ފަރުދީގޮތުން ހޭލުންތެރިކުރުވުންކަމަށް އެޗްޑީސީން ހާމަކުރެއެވެ.

މި ހަރަކާތުގައި އެޗްޑީސީގެ އިތުރުން މޯލްޑިވްސް ޕޮލިސް ސަރވިސް، ނެޝަނަލް ޑިފެންސް ފޯސް، ރެޑް-ކްރަސަންޓް، ހުޅުމާލެ ހޮސްޕިޓަލް އަދި މާލެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ބައިވެރިވެ، އިރުޝާދުތައް ދީފައިވެއެވެ.

އެމްއެންޑީއެފުންވަނީ، އަލިފާނުގެ ޙާދިސާއެއް ހިނގައިފިނަމަ ޢަމަލުކުރާނެ ގޮތުގެ މަޢުލޫމާތު ދީފައެވެ. އަދި އަލިފާން ނިންވުމަށް ބޭނުންވާ އެކި އުކުޅުތައް ކިޔައިދީފައިވެއެވެ. އަދި ރައްކާތެރިގޮތުގައި ކައްކާ ގޭސް ގެންގުޅުމާއި، އަލިފާނުގެ ޙާދިސާތަކުން ރައްކާތެރިވުމަށް ގޭތެރޭގައި އަޅާނެ ފިޔަވަޅުތަކުގެ މަޢުލޫމާތުވެސްވަނީ ޙިއްސާކޮށްފައެވެ.

މޯލްޑިވްސް ރެޑްކްރެސެންޓްގެ ފަރާތުންވަނީ ކުއްލި ހާލަތްތަކުގައި ޢަމަލު ކުރާނެ ގޮތުގެ އިރުޝާދު ދީފައެވެ. އެގޮތުން ޙާދިސާއެއް ދިމާވެއްޖެނަމަ ރައްކާތެރިކަން ހޯދުމާއި، ކުއްލި ފިޔަވަޅުތަކާއި އަދި ސިއްޙީ ކުއްލި ޙާލަތްތަކުގައި ފަރުވާ ނުވަތަ ފަސްޓް އެއިޑް ފޯރުކޮށްދޭނެ ގޮތްތައް ކިޔައިދީފައެވެ.

އެޗްޑީސީންވަނީ ހިޔާ ސަރަޙައްދު ސާފުކޮށް ބޭއްވުމަށް އެންމެން އެކުގައި މަސައްކަތް ކުރާނެ ގޮތްތަކަށްވެސް، ހިޔާގެ ރައްޔިތުން ހޭލުންތެރިކޮށްފައެވެ. އެގޮތުން ކުނީގެ ޚިދުމަތަށް ރަޖިސްޓްރީކުރުމާއި، އެކި ބާވަތުގެ ކުނި އުކުމުގައި ޢަމަލު ކުރާނެ ގޮތްތަކާއި، ކުނި އުކުމުގައި ހެދިފައިވާ ގަވާއިދުތައް ކިޔައިދީފައިވެއެވެ.

މި ހަރަކާތުގައިވަނީ އެއްމެދު އިމާރާތެއްގައި ދިރިއުޅުމުގައި އިތުރަށް ސަމާލުކަން ދޭންޖެހޭ ކަންކަމާގުޅޭ ގޮތުންވެސްވަނީ މަޢުލޫމާތުދީ، ހޭލުންތެރިކޮށްފައެވެ.

މިހަރަކާތް ކުރިއަށްގެންދިޔައީ އިޖްތިމާޢީ ހަވީރެއްގެ ގޮތަށެވެ. އަދި އަލިފާން ނިންވުން ފަދަ ކަންކަން ތަޖުރިބާ ކުރުމުގެ ފުރުޞަތު އާއްމުންނަށްވެސްވަނީ ދީފައެވެ. ހިޔާ ސަރަޙައްދުގައި، އެކި ހިސާބުތަކަށް އެއްކޮށްފައި ހުންނަ ކުނީގައި އަލިފާން ރޯވުމުގެ ހާދިސާތައް ވަރަށް ގިނައިން ހިނގައެވެ.

އެއްފަހަރާ ގިނަ އާއިލާތަކަކުން ދިރިއުޅުން ބަދަލުކުރިއިރު، ހިޔާ ސަރަޙައްދުގެ އިންތިޒާމްތައް ހުރީ އެންމެ އެކަށީގެންވާ ގޮތަކަށްނޫނެވެ. ނަމަވެސް އެޗްޑީސީން މިހާރުވަނީ އެ ސަރަޙައްދުގެ ސެކިއުރީ ބެލެހެއްޓުމާއި އަދި ހިޔާ ސަރަޙައްދު ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތްވެސް ބަޔަކާއި ހަވާލުކޮށްފައެވެ. އަދި އިތުރަށް ބޭނުންވާ އިޖްތިމާޢީ ޚިދުމަތްތައްވެސް އެ ސަރަޙައްދުގައި ޤާއިމުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.