ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗުގައި ރާއްޖެއިން ބަންގްލަދޭޝްގެ މައްޗަށް ކުރިހޯދައިފިއެވެ.
ބުރާސްފަތި ދުވަހުގެރޭ ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗު ރާއްޖެއިން ކާމިޔާބުކުރީ2-0 ގެ ނަތީޖާއަކުންނެވެ.
މިދިޔަ ނޮވެމްބަރު މަހު ސްރީލަންކާގައި ކުރިއަށްދިޔަ ފޯ ނޭޝަންސް ކަޕުގައި ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވި މެޗުގެ ސްކޮޑުގައި ހިމެނުނު މުހިންމު ގިނަ ކުޅުންތެރިންތަކެއް މި މެޗުގައި އަނިޔާގެ ސަބަބުން ކުޅެފައިނުވެއެވެ. އޭގެ ތެރޭގައި އިތުބާރު ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) އާއި އަލީ ފާސިރު (ސެންޓޭ) ގެ އިތުރުން ހަމްޒާ މުޙައްމަދު (ހަމްޕު) ހިމެނެއެވެ.
މެޗުގެ ވަރަށް ކުރީކޮޅު ރާއްޖެއަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އޭރިއާ ތެރެއިން މުޅިން ހުހަށްހުރެ ހަސަން ނާއިޒް (ދާދު) ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ބަންގްލަދޭޝްގެ ކީޕަރެވެ.
އޭގެ ފަހުން މެޗުގެ 23 ވަނަ މިނެޓުގައި ބަންގްލަދޭޝްއިން ވަނީ ރަނގަޅު އެޓޭކެއް އުފައްދައިފައެވެ. އޭރިއާ ތެރެއިން ބަންގްލަދޭޝްގެ ސުމަން ރިޒާ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.
މެޗުގެ 39 ވަނަ މިނެޓުގައި ރާއްޖެއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މުޙައްމަދު އުމެއިރުގެ އެހީތެރިކަމާއެކު މި ލަނޑު ކާމިޔާބުކުރީ ހަސަން ރާއިފް އަޙްމަދު (ހަންނަ)އެވެ.
ދެވަނަ ހާފު ފަށައިގެން ބަންގްލަދޭޝްއިން ކުރިޔަށް ޖެހި ރާއްޖޭގެ ހާފަށް ބާރުބޮޑުކުރަން މަސައްކަތްކުރި ނަމަވެސް މެޗުގެ 60 ވަނަ މިނެޓުގައި ރާއްޖެއިން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު ރާއްޖެއަށް ކާމިޔާބުކޮށްދިނީ އިބްރާހީމް ވަހީދު ހަސަން (ފޭދޫ އިއްބެ)އެވެ.
މި ލަނޑަށްފަހު ވެސް ރާއްޖެއަށް ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. އެގޮތުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ޒުވާން ފޯވާޑް އަބްދުﷲ ޔާމީން (ޔާނު) މެޗުގެ 69 ވަނަ މިނެޓުގައި ލަނޑު ޖެހިނަމަވެސް އޭނާ ލަނޑު ޖެހިއިރު، ދާދު އޮފްސައިޑުގައި ހުރުމުން ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއްގެ ގޮތުގައެވެ.
އޭގެ ފަހުން މެޗުގެ 77 ވަނަ މިނެޓުގައި އޭރިއާ ބޭރުން ޔާނު ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.
އޭގެ ފަހުން މެޗުގެ 79 ވަނަ މިނެޓުގައި ޔާނުގެ އެހީތެރިކަމާއެކު އަޙްމަދު ރިޒްވާން (ރިޒޭ) އަށް ވެސް ވަނީ ލަނޑު ޖަހަން ފުރުސަތެއްލިބި ބޭކާރުވެފައެވެ.
ރާއްޖެއިން ބަންގްލަދޭޝް އާއި ދެކޮޅަށް އެންމެ ފަހުން ކުޅުނު އެކުވެރިކަމުގެ މެޗުވެސް ވަނީ ކާމިޔާބު ކޮށްފައެވެ. އެ މެޗު ރާއްޖެއިން ކާމިޔާބުކުރީ 5-0 ގެ ނަތީޖާއަކުންނެވެ.