ޚަބަރު

މިނިވަން ޖުޑީޝަރީއެއް ނެތި އަދުލުއިންސާފުގެ ވެރިކަން ގާއިމް ނުކުރެވޭނެ: އުއްތަމަ ފަނޑިޔާރު


ފަނޑިޔާރުންގެ އެންމެ ބޮޑު މަސްއޫލިއްޔަތަކީ ޤާނޫނީ ވެރިކަން ނެގެހެއްޓުންކަމުގައި ދިވެހި ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޝަރުއީ ދާއިރާގެ މަސައްކަތްތައް ފެށުމަށް ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ 'ޤަޟާއީ އަހަރު 2022' އިފްތިތާހު ކޮށްދެއްވުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ޝަރަފްވެރި ކޮށްދެއްވި މިހަފްލާގައި ޝަރުއީ ދާއިރާގެ މަސައްކަތްތަކާއި، އަމާޒުތައް ބަހައްޓަންވީ ގޮތްތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ މިނިވަން ޖުޑީޝަރީއެއް ޤާއިމް ނުކުރެވޭނަމަ، އެތަނެއްގައި އެދުލު އިންސާފެއް ނޯންނާނެކަމަށެވެ. އަދުލު އިންސާފު ކަށަވަރު ކުރުމަކީ ކޯޓުތަކުގެ ފަނޑިޔާރުންގެވެސް އެންމެ ބޮޑު މަސްއޫލިއްޔަތުކަމަށެވެ.

ފަނޑިޔާރުންނަށް މިނިވަންކަމާއިއެކު މަސައްކަތް ކުރެވޭނެ މަގު ތަނަސްކޮށްދެނީ، އެކި ފަރާތްތަކުގެ މެދުގައި އުފެދޭ އެކި މައްސަލަތުގައި އިންސާފު ގާއިމްކޮށްދިނުމަށް ކަމަށާއި، އެކަން އިންސާފުން ކޮށްދެއްވުމަކީ ފަނޑިޔާރުންގެ އެންމެ ބޮޑު ޒިންމާކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

"ފަނޑިޔާރުންނަށް މިނިވަންކަންދެވެނީ ފަނޑިޔާރުންގެ އަމިއްލަ ބޭނުމަކަށްނޫން. މިނިވަންކަން އޮންނަންޖެހޭ ސަބަބަކީ ފަނޑިޔާރުންނަކީ އެކިއެކި ފަރާތްތަކުގެ މެދުގައި އުފެދޭ ޚުސޫނަތްތަކުގައި ގޮތް ކަނޑައަޅާ ފަރާތްކަމުގައި ވުމުން. ފަނޑިޔާރުންގެ މަސްއޫލިއްޔަތަކީ ޤާނޫނުގެ ވެރިކަން ނެގެހެއްޓުން. ފަނޑިޔާރުގެ އަސްލީ ގޮތުގައި އަދި ހަގީގީ ގޮތުގައި މިނިވަންނުވެ، މަސްއޫލިއްޔަތު އަދާކުރުމަކީ މުސްތަހީއްލު ކަމެއް. ޤައުމުގެ ހަމަޖެހުމާއި އަދުލު އިންސާފުގެ ވެރިކަން މިނިވަން ޖުޑީޝަރީއެއް ނެތި ގާއިމް ނުކޮށް، ނުކުރެވޭނެކަމީ ތާރީހު ހެކިދޭ ކަމެއް." އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޒިންމާ އަދާކުރުމުގައި ފަނޑިޔާރުންގެ އެންމެބޮޑު އަމާޒަކަށް ވާންވާނީ ނަޒާހާތްތެރި ކަމާއިއެކު މަސައްކަތުގައި ދެމި ތިބުމަށް ކަމުގައެވެ. ޢަދި ތިމާގެ މަސްލަހަތު ހިމެނޭ ކަމެއްކަމަށް ތިންވަނަ ފަރާތަކުން އިނގިލި ދިއްކޮށްފާނެ މައްސަލައެއްގައި ބައިވެރިނުވެ، ފަނޑިޔާރު ކަމުގެ ޒިންމާ އަދާކުރުމުގައި ފަނޑިޔާރުގެ ތެދުވެރިކަމާއި އިހުލާސްތެރިކަމާއިއެކު ސުވާލު އުފައްދަން ފުރުސަތު ނުދިނުމަކީ އެންމެ މުހިންމު އެއްކަންތައްކަމަށް އުއްތަމަފަނޑިޔާރު ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ކޯވިޑް-19ގެ ބަލިމަޑު ކަމާއިއެކު ދިމާވި ގޮންޖެހުންތަކުގައި ހެޔޮ ބަދަލުތަކެއް ޝަރުއީ ދާއިރާއަށް ގެނެވިފައިވާކަމަށެވެ. ޓެކްނޮލޮޖީއަށް އަހުލުވެރި ބަޔަކަަށް ޝަރުއީ ދާއިރާ ވެގެން ގޮސްފައިވާއިރު، ކޯޓުތަކުގައި ޝަރީއަތްތައް ލައިވް ކުރެވި، ކޯޓުތަކުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދެވުނުކަމީ އުފަލާއިއެކު ފާހަގަކޮށްލަންޖެހޭ ކަމެއްކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރުގެ ވާހަކަފުުގައި ޝަރުއީ ދާއިރާ އިސްލާހުކޮށް، ރައްޔިތުންގެ އިތުބާރު ހިފޭ ތަނަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށާއި އަދި މިހާރު ފަނޑިޔާރުންނާއި، ފަނޑިޔާރުގެތަކާމެދު ރައްޔިތުން ދެކޭ ގޮތަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެވިފައިކަމަށް ވިދާޅުވިއެވެ.

ޝަރުއީ ނިޒާމު ހަރުދަނާ ކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން ފާހަގަކުރައްވާ އުއްތަމަފަނޑިޔާރު ވިދާޅުވީ ޝަރުއީ ދާއިރާގައި އިންޓަރގްރޭޓް ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތާއި ކޭސް ރިޕޯޓް ސޮފްޓްވެއާއެއް ތައްޔާރު ކުރުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންކަމުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.